ސަރުކާރުގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސްއިން ރާއްޖޭގެ އެކި ހިސާބުތަކަށް ތެޔޮ އުފުލުމުގެ މަސައްކަތުގައި އިތުރު ބޯޓެއް ބޭނުންކުރުމަށް ތައްޔާރުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޤަސަމް ވިދާޅުވީ ކުރިން އެސްޓީއޯއިން ރާއްޖެއަށް މުދާ އުފުލުމަށް ބޭނުންކުރަމުން އައި އަލިހުރަސް ބޯޓު އެފްއެސްއެމްގެ ދަތުރުތަކުގައި ބޭނުންކުރުމަށް ދީފައިވާކަމަަށެވެ. ޤަސަމް ވިދާޅުވީ މިދިޔަ ޑިސެމްބަރުމަސްތެރޭ މި ބޯޓު އެފްއެސްއެމްއާއި ހަވާލުކޮށްފައިވާކަމަށާއި، ބޯޓުގައި ތެޔޮ އުފުލުމަށް ބޭނުންވާނެ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް ނިންމާ، މާދަމާ މި ބޯޓުގެ ދަތުރުތައް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ.
ޤަސަމް ފާހަގަކުރެއްވިގޮތުގައި މި ބޯޓު ނުވަތަ ތެޔޮ ޓޭންކަރަކީ 8.5 މިލިއަން ލީޓަރުގެ ތެޔޮ އުފުލުމުގެ ޤާބިލްކަން ހުރި ބޯޓެއް ކަަމަށެވެ.
"ޕްލޭނަކީ މި ވެސަލް ހުވަދު އަތޮޅު، ތެލުގެ އެންމެ ބޮޑު މާޖިންއެއް، ތެޔޮ އުފުލަން އެންމެ ބޮޑު ޙަރަދެއްވެސް ހިނގަނީ ހުވަދު އަތޮޅާއި، ފުވައްމުލަކާއި އައްޑޫއަށް، އަޅުގަނޑުމެންގެ ވިސްނުންހުރީ އެ ސަރަޙައްދަށް ވެސަލް މޫވްކުރަން،" ޤަސަމް ވިދާޅުވިއެވެ.
Our team is thrilled as Alihuras is being loaded for its maiden voyage. The largest fuel tanker in our fleet with storage capacity of 8.5 million liters. pic.twitter.com/sssaATae4N
— FSM (@FuelSuppliesMv) February 1, 2021
އެފްއެސްއެމުގައި މިހާތަނަށް އޮތީ 4 މަދަރ ވެސަލްއެވެ. އަދި އަލިހުރަސްއާއެކު އެކުންފުނީގެ މަދަރ ވެސަލްތަކުގެ ފްލީޓުތަކުގެ އަދަދުވަނީ 5 އަށް އަރާފައެވެ.
ބޯޓުތަކުން ރަށްރަށަށް ތެޔޮ އުފުލުމަށް ބޭނުންކުރަނީ ބާޖުތަކެވެ. އެކުންފުނީގައި މިހާރު 18 ބާޖު އޮވެއެވެ. އަދި އަންނަ މޭމަހުގެތެރޭ އިތުރު 4 ބާޖު ލިބޭނެ ކަމަށް ޤަސަމް ވިދާޅުވިއެވެ. ޤަސަމް ވިދާޅުވީ އެކުންފުނީގެ ތެޔޮ އުފުލާ ބޯޓުތައް މިހާރު ވަރަށް ބާވެފައިވާ ކަމަށެވެ. މިއާއެކު އިތުރު ބޯޓެއް ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށް ޤަސަމް ވިދާޅުވިއެވެ.
"ކުރިއަށްއޮތް ދެ އަހަރެއްހާ ދުވަސްތެރޭ އަނެއްކާ އިތުރު ޓޭންކަރެއް އަޅުގަނޑުމެންގެ ފްލީޓަށް އިތުރުވާނެ، އިތުރުވެފަ، އަޅުގަނޑުމެން އަތުގަ އޮތް އެންމެ ދުވަސްވީ ޓޭންކަރު ދޫކޮށްލަން ޖެހޭނީ، ދުވަސްވީމަ އާ ކުރުމުގެ ސިޔާސަތުގެ ދަށުން، ދެން ފްލީޓަށް ގެންނާނީ 3 މިލިއަން ފްލީޓުގެ ވެސަލްއެއް" ޤަސަމް ވިދާޅުވިއެވެ.
އެފްއެސްއެމްއިން ތެޔޮ ރައްކާކުރަނީ މާލެ ކައިރީގައި އޮންނަ ފުނަދޫގައެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް ތެޔޮ ހުސްވިޔަނުދީ ފޯރުކޮށްދިނުމަށް އެކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.