ދުނިޔޭގެ ވިޔަފާރި

ބޭރުގެ ކުންފުނިތަކުން އިންޑިއާގެ އިންޝުއަރެންސް ދާއިރާއަށް އިންވެސްޓުކުރެވޭ މިންވަރު އިތުރުކުރަނީ


ބައިނަލްއަޤްވާމީ ކުންފުނިތަކުން އިންޑިއާގެ އިންޝުއަރެންސް ދާއިރާއަށް އިންވެސްޓުކުރެވޭ މިންވަރު އިތުރުކުރުމަށް އެ ޤައުމުން ނިންމައިފިއެވެ.

އެ ނިންމުމުގެ ސަބަބުން އެ ޤައުމުގައި އިންވެސްޓުކުރާ އެމެރިކާ އަދި ވިލާތަށް ނިސްބަތްވާ ފަރާތްތައް އިތުރުވާނެކަމަށް ބެލެވެއެވެ.

2021ވަނަ އަހަރާއި 2022 ވަނަ އަހަރަށް ތައްޔާރުކޮށްފައިވާ ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިންޑިޔާގެ މާލީ ވަޒީރު، ނިރުމަލާ ސިތާރަމަން ވިދާޅުވީ އިންޝުއަރެންސް ދާއިރާއަށް ބޭރު ޤައުމުތަކަށް ނިސްބަތްވާ ފަރާތްތަކުން ސީދާ އިންވެސްޓު ކުރެވޭ މިންވަރު 49 އިންސައްތައިން 79 އިންސައްތައަށް އިތުރުކުރައްވާނެކަމަށެވެ. އެ ބަދަލުގެ ސަބަބުން ބައިނަލްއަޤްވާމީ އިންޝުއަރެންސް ކުންފުނިތަކުން އިންޑިޔާއާއިމެދު ޝައުޤުވެރިވާ މިންވަރު އިތުރުވާނެކަމަށް ދާއިރާގެ މާހިރުން ބުންޏެވެ.

އެމެރިކަން އިންޓަނޭޝަނަލް ގުރޫޕާއި އިނގިރޭސިވިލާތުގެ ޕުރުޑެންޝަލް ޕީއެލްސީފަދަ މިހާރުވެސް ޖޮއިންޓު ވެންޗާތަކުގެ ދަށުން އިންޑިޔާގައި ޙަރަކާތްތެރިވާ ބޭރުގެ އިންވެސްޓަރުންގެ ސަމާލުކަން އެ ބަދަލަށް ލިބޭނެކަމަށް އެ ފަރާތްތަކުން ބުންޏެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގައި ލައިފް އައި ހެލްތު އިންޝިއުރަންސްގެ ބޭނުން ހިފާ މީހުންގެ ޢަދަދު މަދެވެ. ނަމަވެސް އެ ދާއިރާއަށް ކުރިއަށް އޮތް ތަނުގައި ކުރިއެރުން ލިބޭނެކަމަށް ބެލެވެއެވެ.

އިންޑިޔާގައި އިންވެސްޓުކުރުން ޕްރޮމޯޓުކުރާ ރަސްމީ އިދާރާ، އިންވެސްޓް އިންޑިޔާއިން ވަނީ 2025ވަނަ އަހަރާއި ހަމައަށް ދާއިރު އިންޝުއަރެންސް ދާއިރާއަކީ 250 ބިލިއަން އެމެރިކާ ޑޮލަރުގެ ދާއިރާއަކަށްވާނެކަމަށް އަންދާޒާކޮށްފައެވެ.

ބައިނަލްއަޤްވާމީ އިންޝުއަރެންސް ކުންފުނިތަކަށް ލަފާއަރުވާ ޤާނޫނީ ވަކީލަކު ބުނީ އިންޑިޔާގައި ބޮޑު މާކެޓެއް އޮތުމަކީ އެ ޤައުމުގައި އިންޝުއަރެންސް ކުންފުނިތައް ހިންގާ އެ ދާއިރާއަށް އިންވެސްޓުކުރުމަށް ކުންފުނިތަކަށް ލިބޭ ހިތްވަރެއްކަމަށެވެ.

ދާއިރާއާއި ގުޅުންހުރި އެހެން މާހިރަކު ބުނީ އޭޝިޔާ ސަރަޙައްދަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ އިންވެސްޓަރުންވެސް އިންޑިޔާގެ އިންޝުއަރެންސް ދާއިރާއަށް ޝައުޤުވެރިވާކަމަށެވެ. އަދި ބޭރުގެ ކުންފުނިތަކަށް އިންވެސްޓުކުރެވޭ މިންވަރު އިތުރުކުރާނެކަން އިޢުލާނުކުރުމާއިއެކު އެކަމާއިގުޅޭ މަޢުލޫމާތު ގިނަ ޢަދަދެއްގެ ކުންފުނިތަކުން ސާފުކުރަމުންދާކަމަށް އޭނާ ބުންޏެވެ. އިންޑިޔާގެ އިންޝުއަރެންސް ދާއިރާގައި މިހާރު އެންމެ ކުރީގައި އުޅެނީ ދަޢުލަތުގެ ކުންފުންޏެއްކަމަށްވާ ލައިފް އިންޝުއަރެންސް ކޯޕޮރޭޝަންއެވެ. ނަމަވެސް ދާއިރާގައި ޙަރަކާތްތެރިވާ އަމިއްލަ ކުންފުނިތައްވެސް ދަނީ ގިނަ ކުރިއެރުންތައް ހޯދަމުންނެވެ.

އިނގިރޭސިވިލާތުގެ ޕުރޫޑެންޝަލް އާއި އިންޑިޔާގެ އައިސީއައިސީއައި ބޭންކާއި ގުޅިގެން އުފައްދާފައިވާ ޖޮއިންޓު ވެންޗާ، އައިސީއައިސީއައި ޕްރޫޑެންޝަލް ލައިފް އިންޝުއަރެންސްއިން މިދިޔަ އަހަރު ބުނި ގޮތުގައި އެ ޖޭވީގެ އެސެޓުގެ މިންވަރުވަނީ 27.4 ބިލިއަން އެމެރިކާ ޑޮލަރު ހުރަސްކޮށްފައެވެ. މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޕުރޫޑެންޝަލްއިން ބުނީ އިންޑިޔާއަކީ އެ ޤައުމުގައި އިންވެސްޓުކޮށްގެން ބޮޑެތި ކުރިއެރުންތައް ލިބޭނެފަދަ މާކެޓެއް އޮތް ޤައުމެއްކަމަށެވެ.

ބޭރުގެ އިންވެސްޓުމަންޓުތަކާއިގުޅޭ ޤަވާއިދުތަކަށް އިންޑިޔާއިން ލުއި ދިނުމުން އިންޑިޔާގެ އިންޝުއަރެންސް ކުންފުނިތަކަށްވެސް ކެޕިޓަލް އިތުރުކޮށް، ކޯވިޑް-19ގެ ސަބަބުން ލިބިފައިވާ ގެއްލުމުން އަރައިގަނެ ވިޔަފާރި ރަނގަޅުކުރުމަށް ފުރުޞަތު ލިބިގެންދާނެއެވެ.

އިޓަލީވިލާތުގެ ކުންފުންޏަކާއި އިންޑިޔާގެ ކުންފުންޏަކާއި ގުޅިގެން ހިންގާ ޖޮއިންޓު ވެންޗާ، ފިއުޗާ ޖެނެރަލީ އިންޑިޔާ ލައިފް އިންޝިއުރަންސްގެ ޗީފް އިންވެސްޓްމަންޓް އޮފިސަރު، ނިރާޖް ކުމާރު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މި ޙާލަތުގައި ލައިފް އިންޝުއަރެންސްއާއި ގުޅޭ ދާއިރާއެއް އޮތުމުގެ މުހިންމުކަން ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އަދި ބޭރުގެ ފަރާތްތަކަށް އިންވެސްޓު ކުރެވޭ މިންވަރު އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.