ޚަބަރު

ހަނިފަރު ސަރަޙައްދަށް ޤަވާޢިދާ ޚިލާފަށް ވަނުމުން އުޅަނދެއްް ޖޫރިމަނާކޮށްފި


ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްކަމަށްވާ ބ.ހަނިފަރު ސަރަޙައްދަށް ގަވާއިދާއި ޙިލާފަށް ވަނުމުގެ ސަބަބުން ޖޫރިމަނާކޮށްފިއެވެ. ޖޫރިމަނާކޮށްފައިވަނީ "ވިޓާލިއާ 2 ލަންޑަން" ނަމަކަށް ކިޔާ ޔޮޓެއްކަމަށް އީޕީއޭއިން މައުލޫމާތުދެއްވައެވެ.

އީޕީއޭއިން މައުލޫމާތުދެއްވާ ގޮތުގައި މި އުޅަނދު އެ ސަރަޙައްދަށް ވަދެފައިވަނީ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. އަދި އުޅަނދު އެ ސަރަޙައްދަށްވަދެ، އެ ސަރަޙައްދުގައި ކައިޓް ސާރފްކޮށް ހަނިފަރުރަށަށް އަރައި ހަރަކާތްތަކެއް ހިންގާފައިވެއެވެ.

"ވިޓާލިއާ 2 ލަންޑަން" ނަމަކަށް ކިޔާ ޔޮޓު ޖޫރިމަނާކޮށްފައިވަނީ ބ.އަތޮޅު ހަނިފަރު ސަރަޙައްދު ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ގަވާއިދު ގެ ދަށުންނެވެ. އެ ގަވާއިދުގެ ދަށުން ބ.އަތޮޅު ހަނިފަރު ސަރަޙައްދު ހިމާޔަތްކުރެވުނީ އެ ސަރަޙައްދުގެ މާޙައުލާއި އެ ތަނަށް ޒިޔާރަތްކުރާ ފެހުރިއްސާއި އެންމަޑީގެ ބާވަތްތައް ހިމާޔަތްކުރުމުގެ ގޮތުންނެވެ.

ހަނިފަރު ސަރަޙައްދަށް ވަނުމުގައި އަމަލުކުރުމުގެ ގޮތް މި ގަވާއިދުގައިވަނީ ތަފްސީލުކޮށް ބަޔާންކޮށްދީފައެވެ. އެހެންކަމުން ގަވާއިދާއި ޚިލާފަށް މިސަރަޙައްދަށް ވަން އުޅަނދު ޖޫރިމަނާ ކޮށްފައިވަނީ 6 ހާސްރުފިޔާއިންނެވެ. އެހެންކަމުން މި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް އެ އުޅަނދުގެ ލޯކަލް އޭޖެންޓް އޭޝިއާ ޕެސިފިކް ސްޕަރޔޮޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވަނީ އަންގާފައެވެ.

ބ.އަތޮޅު ހަނިފަރު ސަރަޙައްދަކީ ބ.އަތޮޅުގެ އިރުއުތުރު ބިތުގައި އިރުއުތުރުން މާ ކަނޑާ ގުޅިފައިވާ ތަނެކެވެ. އަދި މި ސަރަޙައްދަކީ ޤުދުރަތީ ވަސީލަތްތަކާއި ދިރުންތަކުގެ މުއްސަނދި ކަމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ސަރަޙައްދެކެވެ.