ސިޔާސީ

ނައިބު ރައީސް ހައްޔަރުކުރީ ތަހުޤީގަށް ހުރަސްއެޅޭތީ


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަހުމަދު އަދީބު ހައްޔަރު ކުރަންޖެހިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ހަމަލާގެ ތަހުގީގަށް ހުރަސް އެޅުއްވުމަށް ގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދަވާތީކަމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ މިމައްސަލައާއި ގުޅޭގޮތުން ރައްޔިތުންނަށް ކަންކަން ހިގާފައިވާގޮތް ސާފުކޮށްދެއްވުމަށް މިއަދު މީޑިއާއާއި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް އެކަހެރި ކޮށްފައި ބަހައްޓަން ޖެހިވަޑައިގަތީ މުޅި ގައުމުގެ ސަލާމަތާއި މުޅި ރައްޔިތުންގެ ސަލާމަތަށް ޓަކައިކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވިއެވެ. ސެޕްޓެމްބަރ 28 ވަނަ ދުވަހު ފިނިފެންމާ ލޯންޗްގައި ހިގައިދިޔަ ހާދިސާއާއި ގުޅޭގޮތުން ނާއިބު ރައީސާއި ތަހްގީގުކުރާ ފަރާތްތަކުން ސުވާލުކުރަންޖެހިފައިވާއިރު އެމަނިކުފާނުގެ ނުފޫޒު ފުލުހުންގެ މައްޗަށް ވަރަށް ބޮޑަށް ވަދެފައިވާކަމަށާއި އެމަނިކުފާނު އޮފީހަށް ނުކުމެވަޑައިގަންނަވާކަމުގައި ވަނީނަމަ ތަހުގީގަށް ދަތިތަކެއް ކުރިމަތިވާނެކަމަށް ގަބޫލްފުޅު ކުރެއްވޭތިކަމަށް ރައީސް ވިދާޅުވިއެވެ.ނައިބު ރައީސްގެ ފަރާތްޕުޅުން ތަހްގީގަށް އެއްވެސް އެއްބާރުލުމެއް ލިބިވަޑައިގަންނަވަމުން ނުދާކަމަށާއި، ނައިބު ރައީސްގެ ދަށުން މަސައްކަތް ކުރާ މީހުންގެ ފަރާތުންވެސް  އެއްބާރުލުން ލިބެމުން ނުދާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ތަހުގީގަށް ހުރި ހުރަސްތައް ހިއްސާ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅޭ ހެކި ނައްތާލަން ވަރަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން ކޯޓު އަމުރު ހިފައިގެން ގުޅުންހުރި ތަންތަން ބަލާ ފާސްކުރުމަށް ދިއުމުގެ ކުރިން އެތަންތަނުގެ ވެރިންނަށް ބަލާ ފާސްކުރަން ދާންއުޅޭކަން އެނގިފައި އޮންނަކަމަށާއި، އެހެންކަމުން އެމަނިކުފާނަށް ކަށަވަރުވީ ނާއިބު ރައީސް ހައްޔަރުކޮށްގެން މެނުވީ އެހާ ފަސޭހައިން މި ތަހްގީގް ނިންމާ ނުލެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ތަހްގީގަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިނަމަވެސް މިހާދިސާއަށްފަހު ނާއިބު ރައީސް އުޅުއްވަމުން ގެންދަވަނީ ވަރަށް އެކަހެރިކޮށްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނާއި ކަންކަން ހިއްސާނުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ތަހުގީގަށް ބޭނުންވާ މައުލޫމާތު، ނައިބު ރައީސްގެ ރިސޯސަސްތައް ބޭނުންކުރައްވައިގެން ލޯންޗްކޮޅުގެ މައްސަލައިގެ އަޑި ހޯއްދަވައި ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށާއި އެހެން ނަމަވެސް އެކަމުގައި އެއްބާރުލުން ދެއްވާފައި ނުވާކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.ރައީސް ޔާމީން ވިދާޅުވީ ސަރުކާރު މަސައްކަތް ކުރަނީ ވަކި މީހަކު ނެތިގެން އަނަރޫފަވާނެ ކަމަކަށް ބަލައިގެނެއް ނޫންކަމަށާއި، ވަކި ބޭފުޅަކު ނެތުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއްވެސް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. ނައިބު ރައީސުންގެ އެހީއަށް އެންމެ ބޭނުންވާ ވަގުތުތަކުގައި އެބޭފުޅުންގެ އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށާއި އެހެންކަމުން ސަރުކާރު ހިންގުމުގައި ރައީސްގެ ދައުރު އިތުރަށް ފުޅާކުރައްވައި، ގިނަ ކަންތައްތައް ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ވަކި މީހަކު ހުރެގެން އަދި ވަކި މީހަކު ނެތުމުން ސަރުކާރަށް ހީނަރުކަމެއް ނާންނާނެކަމުގެ ޔަގީންކަން ރައިސް ޔާމީން ދެއްވާފައިވެއެވެ.  ނައިބް ރައީސް އަދީބަކީ އިކޮނޮމިކް ކައުންސިލްގެ ޗެއާކުރައްވާ ބޭފުޅާއަށްވުމުން ފައިސާ ލިބޭނެ ހުރިހާ ކަމެއް ނާއިބު ރައީސްއަށް ފަހިވެފައި އޮންނާނެކަމަށައި، މިހާދިސާ ހިނގަން މެދުވެރިވީ މިކަމުން ބާރު ލިބިގެން ކަމަށް ގަބޫލްކުރައްވާކަމުގައި ވިދާޅުވިއެވެ. އިކޮނޮމިކް ކައުންސިލްގެ ޗެއަރަކަމުގެ މަގާމުން ނާއިބުރައީސް އަދީބް މިހާރުވަނީ ވަކިކުރައްވާފައެވެ. އަދި އެސްއީޒެޑްގެ ރިޔާސަތުންވެސް ނާއިބުރައީސް ވަކިކުރައްވާފައިވާކަން ރައީސް ޔާމީން މިއަދު އިޢުލާނުކުރައްވާފައިވެއެވެ.