ކޯވިޑް-19އިން ރައްކާތެރިވުމަށް މާލެ ސަރަޙައްދުގައި އެޅި ފިޔަވަޅުތަކާއެކު ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، މިއަދުން ފެށިގެން، ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:00 އިން ރޭގަނޑު 10:30 އަށް ކަމަށެވެ.
އަދި ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަފަދަ ތަންތަނުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރަން ޖެހޭނެކަމަށްވެސް އެމިނިސްޓްރީން ހާމަކުރެއެވެ.
ފިހާރަތަކުގެ އިތުރުން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީވެސް ފަތިހު 5:00 އިން ރޭގަނޑު 10:30 އަށްކަމަށް އިކޮނޮމިކް މިނިސްޓްރީންވަނީ ކަނޑައަޅާފައެވެ.
ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.
ކެފޭ ރެސްޓޯރެންޓުގައި ހުޅުވާފައި ބެހެއްޓޭނެ ގަޑި ކުޑަކޮށްފައިވާއިރު، މިދިޔަމަހުގެ 24ވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީންވަނީ ކެފޭ، ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭނެ ގަޑި އިތުރުކޮށްފައެވެ. އޭރު ކަނޑައަޅާފައިވަނީ ފަތިހު 4:30 އިން މެންދަމު 1:00އަށް ހުޅުވާފައިބެހެއްޓޭނެ ގޮތަށެވެ. އެބަދަލު ގެނައި އިރު ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތެއްކަމަށް ކަނޑައަޅާފައިވަނީ ފަތިހު 4:30އިން ރޭގަނޑު 11:30އަށެވެ.
ކޯވިޑް-19ގެ ޙާލަތު ގޯސްވެ ޕޮޒިޓިވްވާ މީހުންގެ ޢަދަދުތައް މައްޗަށް ގޮސްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް މާލެ ސަރަހައްދުގެ ކާފިއު ވަގުތުވަނީ އިތުރުކޮށްފައެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއިކުރައްވައި ނެރުއްވާފައިވާ ބަޔާނުގައިވާގޮތުން ކުރިއަށް އޮތް 2 ހަފްތާގައި ރޭގަނޑު 11އިން ފެށިގެން ފަތިހު 4:30އަށް މާލެ ސަރަޙައްދުގައި ވަނީ ކާފިއު އިޢުލާންކޮށްފައެވެ. އަދި ރޭގަނޑު 08:30އިން ފެށިގެން ފަތިހު 04:30އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުމަކީވެސް މަނާ ކަމެކެވެ. މިކަންތައްތަކަށް އަމަލުކުރުމަށް ހަމަޖެހިފައިވަނީ 3 ފެބުރުއަރީއިން ފެށިގެންނެވެ.