ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާއާއި އަރުޝީފު ރަސްމީކޮށް ހުޅުވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް، ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާއާއި އަރުޝީފު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މަޖިލީހުގެ ކުތުބުޚާނާއާއި އަރުޝީފު ހުޅުވައިދެއްވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމަށް ބޭއްވި ޖަލްސާއަށްފަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަރުޝީފާއި ލައިބްރަރީގައި ގާތްގަނޑަކަށް 6688 ލިޔުން ހިމެނޭކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ. އަދި އެތަނުގައި 1529 ވީޑިއޯއާއި 2133 ފޮތާއި، 2214 ފައިލް އަދި 10 ހާހަށްވުރެ ގިނަ ފޮޓޯ ހިމެނޭނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި މުހިންމު މައުލޫމާތު ހިމެނިފައިވާ މި ލިޔުންތަކާއި ފޮޓޯތަކަކަކީ މަޖިލީހުގެ ވަރަށް ގިނަ ކަންކަން ކުރިޔަށް ދިޔަ ގޮތް ދައްކުވައިދޭ ތަކެއްޗެވެ. ރާއްޖޭގެ ތާރީހާއި ގުޅޭ މިފަދަ މުހިންމު ލިޔުންތަކެއް ރައްކާތެރިކުރުމަށް ޑިޖިޓަލައިޒްކޮށް ހުޅުވުނު މި ކުތުބުޚާނާއާއި އަރުޝީފު ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަން ބައްލަވާލައްވާފައެވެ.