ދުނިޔޭގެ ވިޔަފާރި

ކޯވިޑުގެ ޙާލަތުގައި ދެކުނު އެފްރިކާއިން ޚަރަދުކުރި ފައިސާއިން 17 މިލިއަން ޑޮލަރުގެ ވައްކަން!


2020ވަނަ އަހަރުގެ ތެރޭގައި ކޯވިޑް-19އާއި ދެކޮޅަށް މަސައްކަތްކުރުމަށް ދެކުނު އެފްރިކާއިން ކަނޑައެޅި ބަޖެޓުގެ ތެރެއިން 17 މިލިއަން އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވެފައިވާ ކަމަށް އެ މައްސަލަ ތަހުޤީޤުކުރި ފަރާތުން ބުނެފިއެވެ.

ސަރުކާރުން ދޫކުރާ ކޮންޓްރެކްޓުތައް ސިޔާސީ ގުޅުންތައް ހުރި ފަރާތްތަކާއި ކުންފުނިތަކަށް ދީފައިވާކަމަށް ހާމަވުމާއިއެކު މިދިޔަ އަހަރުގެ ތެރޭގައި ދެކުނު އެފުރިކާގެ ރައީސް ސައިރިލް ރަމަފޯސާވަނީ އެކަން އިތުރަށް ތަހުޤީޤުކުރުމަށް އަމުރުކުރައްވާފައެވެ.

އެ މައްސަލަ ތަހުޤީޤުކުރުމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވި ސްޕެޝަލް އިންވެސްޓިގޭޓިން ޔުނިޓުގެ އިސްވެރިޔާ އެންޑީ މޯތިބީ ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހާއިހަމައަށް ރައްޔިތުންގެ ފައިސާގެ ތެރެއިން 17.3 މިލިއަން އެމެރިކާ ޑޮލަރު ކޮރަޕްޝަނަށް ގެއްލިފައިވާކަމަށެވެ. އަދި އެ ފައިސާ އަނބުރާ ހޯދުމަށް ޚާއްޞަ ޓްރައިބިއުނަލެއްގައި އެދިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ސްޕެޝަލް އިންވެސްޓިގޭޓިން ޔުނިޓުގެ އިސްވެރިޔާ ވިދާޅުވީ އެޔުނިޓުން ކުރި ތަހުގީގުން ޤާނޫނަށް ބެލުމެއް ނެތި އަމިއްލަ މަސްލަހަތަށްޓަކައި ބަޔަކު މީހުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ތަހުގީގުން ހާމަވެފައިވާކަމަށެވެ. ސަރުކާރުގެ ބައެއް އިދާރާތަކުން ޤާނޫނާއި ޚިލާފަށް ކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ބައެއް ތަކެތި އަސްލު އަގަށްވުރެ މާ އަގުބޮޑުކޮށް ގަނެ، ބައެއް ތަކެތީގެ ސްޕެސިފިކޭޝަން އޮޅުވާލުން ހިމެނެއެވެ. އޭގެ އިތުރުން ސަރުކާރުގެ ސެންޓްރަލް ސަޕްލަޔާ ޑާޓާބޭސްގައި ދަފްތަރުކޮށްފައިނުވާ ކުންފުނިތަކަށްވެސް ކޮންޓްރެކްޓުތައް ދީފައިވާކަންވަނީ ފާހަގަވެފައެވެ. ބައެއް ތަކެތި ގަތުމުގައި ސިޔާސީ ނުފޫޒު ފޯރާފައިވާކަންވެސްވަނީ ފާހަގަވެފައެވެ.

މޯތިބީ ވިދާޅުވީ ސަރުކާރުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދައި ދަޢުލަތަށް ނަގަންޖެހޭކަމަށެވެ. ސްޕެޝަލް އިންވެސްޓިގޭޓިން ޔުނިޓުން މިހާރުވަނީ ރައްޔިތުންގެ ފައިސާއިން ކޮށްފައިވާ ވައްކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކާއި ކުންފުނިތަކުގެ ޕެންޝަންތަކާއި އެސެޓުތައް ފުރީޒުކޮށްދިނުމަށް ކޯޓުގައި އެދިފައެވެ.

އޮޅުވާލުމާއި ކޮރަޕްޝަނުގެ މައްސަލަތަކާއި ގުޅުންހުރި އިތުރު ސާޅީހެއްހާ ކޭސް ތަހުގީގުކުރުމަށްވަނީ ހަމަޖެހިފައެވެ. މިދިޔަ އަހަރުގެ މާރޗު މަހާއި ނޮވެމްބަރު މަހާއި ދެމެދު ކޯވިޑް-19ގެ ޙާލަތުގައި ބޭނުންކުރުމަށް އެކި ސާމާނު ގަތުމަށް އެ ޤައުމުގެ ސަރުކާރުންވަނީ ދެ ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައެވެ. އޭގެ ތެރެއިން 889 މިލިއަން އެމެރިކާ ޑޮލަރާއި ގުޅޭ މުޢާމަލާތްތައް މިހާރުދަނީ ތަހުގީގުކުރަމުންނެވެ.