ޚަބަރު

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވްގެ މަޤާމަށް ޔަޒީދު އަޙްމަދު އައްޔަނުކުރައްވައިފި


ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވްގެ މަޤާމަށް ޔަޒީދު އަޙްމަދު ސިވިލް ސަރވިސް ކޮމިޝަނުން މިއަދު އައްޔަނުކުރައްވައިފިއެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަކީ ކަރަންޓާއި، ފެނާއި ނަރުދަމާ އަދި ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް ރެގިއުލޭޓުކުރުމަށް އެކުލަވާލާފައިވާ "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު" ގެ ދަށުން އުފައްދާފައިވާ އޮތޯރިޓީއެކެވެ. އެ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވްގެ މަޤާމަށް ޔަޒީދު އަޙްމަދު އައްޔަނުކުރުމާ ގުޅިގެން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން ވަނީ ޔަޒީދާ ބައްދަލުކުރައްވާ ތަޙްނިޔާ ވިދާޅުވެ ހިތްވަރު ދެއްވާފައެވެ. އަދި ދާއިރާގެ ރެގިއުލޭޓަރީ މަސައްކަތްތައް ޔަޒީދުގެ ބެއްލެވުމުގެ ދަށުން ހަރުދަނާކޮށް ތަރައްޤީކޮށްދެއްވުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

ޔަޒީދު އަޙްމަދަކީ، ސަރުކާރުގެ އެކި މަޤާމުތަކުގައި 17 އަހަރު ޚިދުމަތްކޮށް އޭގެ ތެރެއިން 12 އަހަރު ހިންގުމުގެ ދާއިރާގެ ސީނިއަރ މަޤާމުތަކުގައި އުޅުއްވާ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޔަޒީދު އެންމެ ފަހުން އަދާކުރައްވާފައިވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރ ކަމުގެ މަޤާމެވެ. އޭގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރގެ މަޤާމު ހިމެނެއެވެ. ޔަޒީދު ކިޔަވާ ވިދާޅުވެފައިވަނީ ތިމާވެށީގެ ދާއިރާއިންނާއި ފެނާއި ނަރުދަމާގެ ސިވިލް އިންޖިއަރިންގ ދާއިރާއިންނެވެ. ޔަޒީދު ވަނީ މިދާއިރާއިން މާސްޓަރސް ޑިގްރީ ޙާސިލުކުރައްވާފައެވެ.

"ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އިދާރާއެއް ޤާއިމުކުރައްވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ 24 ޑިސެމްބަރު 2020 ގައެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަކީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ)ގެ ދަށުން އުފެއްދުމަށް ލާޒިމުކޮށްފައިވާ އިދާރާއެކެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފެއްދެވުމާއި ގުޅިގެން، މިހާތަނަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ދަށުން ހިނގަމުން އައި މޯލްޑިވްސް އެނަރޖީ އޮތޯރިޓީ މިހާރު ވަނީ އުވައިލައްވާފައެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު ބުނާގޮތުން އެ އޮތޯރިޓީ ދުވަހުން ދުވަހަށް ހިންގުމުގެ އެންމެ އިސް ވެރިޔަކީ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވްއެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަކީ ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ކަންކަން އިންތިޒާމުކުރުމަށްޓަކައި އިދާރާއެއް އުފެއްދުމާއި، އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމާއި، އަދި ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކާގުޅޭ ކަންކަން ރާވައި، ހިންގާނެ ގޮތުގެ ޢާންމު އުސޫލުތައް ކަނޑައެޅާފައިވާ ޤާނޫނެކެވެ.

މި ޤާނޫނުގެ މަޤްޞަދަކީ، ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކަކީ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ހެޔޮ އަގެއްގައި، ހަރުދަނާކަމާއެކު އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގެމަތިން، ފޯރުކޮށްދެވޭ ޚިދުމަތްތަކަކަށް ހެދުމެވެ. އަދި އެ ޚިދުމަތްތަކަކީ އެފިޝަންޓް އަދި ތިމާވެއްޓާ ރައްޓެހި ޚިދުމަތްތަކެއްގެ ގޮތުގައި ބައްޓަންކުރުމާއި، ރަނގަޅު ފެންވަރުގައި ދެވޭ ޚިދުމަތްތަކަކަށް ހެދުމަކީވެސް މިޤާނޫނުގެ މަޤްޞަދެކެވެ. މީގެ އިތުރުން އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ޢާންމު އުސޫލުތައް ކަނޑައަޅައި، ތަންފީޛުކުރުމާއި، މި ޤާނޫނާއި އަދި ކަމާގުޅޭ ޚާއްޞަ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބަލައި، ފިޔަވަޅު އަޅާނެ ނިޒާމެއް ޤާއިމުކުރުންވެސް މި ޤާނޫނުގެ ބޭނުންތަކުގެ ތެރޭގައި ހިމެނެއެވެ.