2025 ވަނަ އަހަރުގެ ޖޫން މަހުގެ ކުރިން އެމެރިކާގައި ދޭ އެންމެ ކުޑަ އުޖޫރައިގެ ޢަދަދު 15 އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އެ ޤައުމުގެ ރައީސް ހުށަހަޅުއްވާފައިވާ ހުށަހެޅުން ތަންފީޒުކޮށްފިނަމަ އެ އަހަރުގެ ތެރޭގައި 1.5 މިލިއަން މީހުންގެ ވަޒީފާ ގެއްލޭނެކަމަށް އެމެރިކާގެ ކޮންގުރެޝަނަލް ބަޖެޓު އޮފީސް (ސީބީއޯ)އިން ބުނެފިއެވެ.
ބައިޑަން ހުށަހަޅުއްވާފައިވާ 'ރެއިސް ދަ ވޭޖް އެކްޓް 2021'ގެ ދަށުން 2025ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ 900000 ރައްޔިތުންނަށް ފަޤީރުކަމުގެ ޙާލަތުން އަރައިގަނެވޭނެކަމަށް ސީބީއޯއިން ކުރި ދިރާސާއަކުން ވަނީ ދައްކާފައެވެ. ނަމަވެސް އޭގެ ސަބަބުން 2021 ވަނަ އަހަރާއި 2031 ވަނަ އަހަރާއި ދެމެދު ހިންގާ ދިހަ އަހަރުގެ ތެރޭގައި އެމެރިކާގެ ބަޖެޓް ޑެފިސިޓް 54 ބިލިއަން އެމެރިކާ ޑޮލަރުން އިތުރުވާނެކަމަށް ސީބީއޯއިން ބުންޏެވެ.
ސީބީއޯއިން ބުނީ އެންމެ ދަށް އުޖޫރައަކީ ގަޑިއިރަކު 15 ޑޮލަރަށް ހަދައިފިނަމަ 2021 ވަނަ އަހަރާއި 2031 ވަނަ އަހަރާއި ދެމެދު، ބިލުގެ އަސަރުކުރާ ފަރާތްތަކަށް ދޭ ފައިސާގެ ޢަދަދު 333 ބިލިއަން އެމެރިކާ ޑޮލަރުން އިތުރުވާނެކަމަށެވެ. ނަމަވެސް މިއީ ވަޒީފާދޭ ފަރާތްތަކުން ޙާވާލުވާންޖެހޭ އިތުރު ޚަރަދެއްކަމަށް ސީބީއޯއިން ފާހަގަކުރިއެވެ. އޭގެ ސަބަބުން ގަޑިއިރަކަށްދޭ މުސާރަ ވަކިބަޔަކަށް އިތުރުވާއިރު، ވަޒީފާގެ ފުރުޞަތުތައް މަދުވުމުގެ ސަބަބުން އަނެއް ބަޔަކަށް ލިބޭ ފައިސާގެ ޢަދަދު މަދުވާނެކަމަށް ސީބީއޯއިން ބުންޏެވެ.
ސީބީއޯއިން ބުނީ ބަޖެޓު ޑެފިސިޓު އިތުރުވަމުން ދާނީ އުޖޫރަ ބޮޑުކުރުމުގެ ސަބަބުން ތަކެއްޗާއި ޚިދުމަތްތަކުގެ އަގު ބޮޑުވެ ސަރުކާރުން ޚަރަދު ކުރަންޖެހޭ މިންވަރު އިތުރުވުމުގެ ސަބަބުންކަމަށެވެ. އެ ބަދަލުގެ ސަބަބުން ވަޒީފާ ނެތް މީހުންނަށް ދެމުންދާ އެލަވެންސުތަކާއި އެހެނިހެން ބައެއް ދާޢިރާތަކަށް ސަރުކާރުން ޚަރަދުކުރަންޖެހޭ މިންވަރު އިތުރުވާނެކަމަށްވެސް ސީބީއޯއިން ބުންޏެވެ.
އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގައި ތިއްބަވާ އިދިކޮޅު ރިޕަބްލިކަނުން ވަނީ އެންމެ ދަށް އުޖޫރައިގެ ޢަދަދު އިތުރުކުރުމަކީ ވިޔަފާރިތަކަށް އިތުރު ބުރައަކަށްވާނެކަމެއްކަމަށާއި އޭގެ ސަބަބުން ވަޒީފާދޭ ނިސްބަތަށް ބަދަލު އަންނާނެކަމަށް ބުނެފައެވެ.
ރިޔާސީ އިދާރާ ވައިޓު ހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ސާކި ވިދާޅުވީ ކޯވިޑް—19އާ ދެކޮޅަށް ރައީސް ބައިޑަން ހުށަހަޅުއްވާފައިވާ 1.9 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ޕެކޭޖުގެ ތެރޭގައި އެންމެ ދަށް އުޖޫރަ ބޮޑުކުރުމަށް ހިމެނުމާއި ގުޅޭގޮތުން ޤާނޫނުހަދާ މަޖިލީހުގެ މަތިގެއިން އަދި ގޮތެއް ނިންމާފައި ނުވާކަމަށެވެ. އޭނާ ވިދާޅުވީ ޤާނޫނުހަދާ މަޖިލީހުން އަދިވެސް ދަނީ އެކަމާއިގުޅޭ މަޝްވަރާތައް ކުރަމުންކަމަށެވެ.
ސީބީއެސް އިވްނިންގ ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ބައިޑަން ވަނީ ޤަނޫނުހަދާ މަޖިލީހުގެ މަތިގެއިން އެމަނިކުފާނުގެ ސްޓިމިއުލަސް ޕެކޭޖުގެ ތެރޭގައި އެންމެ ދަށް އުޖޫރަ ބޮޑުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުން ހިމަނާނެކަމަށް ނުބެލެވޭކަމަށް ވިދާޅުވެފައެވެ. ސާކީ ވިދާޅުވީ އެންމެ ދަށް އުޖޫރައިގެ ގޮތުގައި ދެވޭ ޢަދަދު އިތުރުކުރުމަށް ރައީސް ބައިޑަން ކުރައްވަމުންދާ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށާއި، ވަޒީފާ ޢަދާކުރާ އެމެރިކާގެ އެއްވެސް ރައްޔިތަކު ފަޤީރުކަމުގެ ޙާލަތުގައި ހުރެގެން ނުވާނެކަމަށް ބައިޑަން ޤަބޫލުކުރައްވާކަމަށެވެ. އަދި އެމަނިކުފާނު ހުށަހަޅުއްވާފައިވާ ފުރަތަމަ ޤާނޫނުގައި އެންމެ ދަށް އުޖޫރައިގެ މައްސަލަ ހިމަނުއްވާފައިވަނީ އޭގެ މުހިންމުކަމުގެ ސަބަބުންކަމަށް ސާކީ ވިދާޅުވިއެވެ.