ޚަބަރު

އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަނީ


ގއ.މާމެންދޫގައި ރޭ ހިނގި މާރާމާރީގައި ނިޔާވި އެރަށު ލީލީ އޮފް ދެވެލީ ޢުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފިއެވެ. ފުލުހުން ވިދާޅުވީ އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.

ރޭގެ މާރާމާރީގައި މަރުވި ކުޑަކުއްޖާގެ ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާކަމަށާއި 4 ނުވަތސަ 5 އިންޗި ފުނަށް ވަޅި ހަރައި ޒަޚަމްކޮށްލާފައިވާ ނިޝާންތައްވެސް ހުރިކަމަށް ގއ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ. 17 އަހަރުގެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށާއި ވަޅި ހަރާފައިވަނީ ވަރަށް ފުނަށް ކަމުން ހަށިގަނޑުގެ މައި ގުނަވަންތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަންވެސް ޑޮކްޓަރުން ހަވާލާދީ ގއ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ރޭ ހިނގި މާރާމާރީއާއި ގުޅިގެން މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔަރުކޮށްފައިވަނީ ޢުމުރުން 27 އަހަރުގެ ޒުވާނަކާއި 23 އަހަރުގެ ޒުވާނަކާއި ޢުމުރުން 18 އަހަރުގެ ކުއްޖެއްކަމަށެވެ. މި އެންމެންވެސް ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއް ދަށުންކަމަށް ފުލުހުން ވިދާޅުވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީއަކީ ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީއެކެވެ.