ޚަބަރު

ކޯވިޑް-19 : 186މީހުން ޕޮޒިޓިވް، ރަނގަޅުވީ 103


ވޭތުވެދިޔަ 24ގަޑިއިރުތެރޭގައި އިތުރު 186މީހުން ރާއްޖެއިން ޕޮޒިޓިވްވެއްޖެއެވެ. މި މުއްދަތުގައި ބަލިން ރަނގަޅުވެފައިވަނީ 103މީހުންނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ބުދަ ދުވަހުގެ އިރުއޮއްސި 6:00އިން ފެށިގެން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ޕޮޒިޓިވްވި 186މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 162 މީހުންނާ، އަތޮޅުތަކުގައި މީހުން ދިރިއުޅޭ ރަށްތަކުން ޕޮޒިޓިވްވި 14 މީހުންނާ، ރިސޯޓުތަކުން ޕޮޒިޓިވްވި 10މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 17،387 އަށް އަރާފައެވެ.

ބަލިން ރަނގަޅުވި މީހުން އިތުރުވެ، ބަލިން ޖުމްލަ ރަނގަޅުވި މީހުންގެ އަދަދުވަނީ 15،000އިން މައްޗަށް އަރާފައެވެ. ވޭތުވެދިޔަ 24ގަޑިއިރު ބަލިން އިތުރު 103މީހުންވަނީ މުޅިން ފަސޭހަވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 15،081 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2243 މީހުންނެވެ. އަދި މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދަކީ 211އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4765 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 450943 ސާމްޕަލްވަނީ ނަގާފައެވެ. ރާއްޖެއިން މިހާތަނަށް 56 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 48 ދިވެހިންނާއި، 8 ބިދޭސީންނެވެ.