ޚަބަރު

މާލެ ސަރަހައްދުން ގިނަ އަދަދެއްގެ ބަނގުރަލާއެކު 8 މީހަކު ހައްޔަރުކޮށްފި


މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލެއާއި ހުޅުމާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަންތަކެއްގައި ބަނގުރަލާއެކު 8 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މާލެއިން ފުލުހުންގެ ހިންގި އޮޕަރޭޝަންގައި ބަނގުރަލާއެކު 5 މީހުން އަތުލައިގެންފައިވަނީ ހަބީބު ބޭންކާ ދިމާއިން މާލެ ފަޅުގައި އޮތް ދޯންޏަކާއި އެ ސަރަހައްދުގައި އޮތް ޕިކަޕެއް ބަލައިފާސްކުރުމުގެ ތެރެއިންނެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހަކާއި 44 އަހަރުގެ މީހެކެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގެ ތެރެއިން އެ މީހުން ހައްޔަރުކޮށް، އެ ދޯންޏާއި ޕިކަޕު ބަލައިފާސްކުރިއިރު 480 ބިޔަރު ދަޅާއި 24 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މީގެ އިތުރުން ހުޅުމާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާފުޅިތަކަކާއެކު ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުންނާއި ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އެ ދެއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި ފިރިހެނަކާއި 19 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިތިން މީހުންގެ ތެރެއިން 28 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް ދޭކުން ގިނަ އަދަދެއްގެ ބަނގުރާ އަރުވައިގެން ވޭނެއް ހުޅުމާލެ ހިތިގަސްމަގުން ދުއްވާފައިދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން މިފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުރޭ 22:06 އެހާކަންހާއިރުއެވެ. އަދި އެމީހާ ދުއްވި ވޭން ހުއްޓުވައި، ބަލައިފާސްކުރިއިރު އެކި ބްރޭންޑްތަކުގެ 45 ފުޅި ބަނގުރަލާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 13 ޕެކެޓް ފެނިފައިވެއެވެ.

22 އަހަރުގެ މީހާއާއި 19 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ބަނގުރާ ފުޅިތަކެއް ހުރި ފޮށިގަނޑެއް ހިފައިގެން ސައިކަލެއްގައި ދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެރޭ 20:20 އެހާކަންހާއިރު ހުޅުމާލެ މެރީނާވިއު ރެސިޑެންސް ބިލްޑިންގ ކައިރިންނެވެ. އަދި އެ ދެމީހުން ހުއްޓުވައި، ސައިކަލް ފަހަތުގައި އިން 19 އަހަރުގެ މީހާ ހިފަހައްޓައިގެން އިން ދެ ފޮށިގަނޑު ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ފުޅި ފެނިފައިއެވެ.

މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން މާލެ އިން އަތުލައިގަތް މީހުންވަނީ 15 ދުވަހަށް ބަންދުގެ މުއްދަތު ދީފައެވެ. އަދި ހުޅުމާލެއިން އަތުލައިގަތް މީހުންނަށްވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ.