ޚަބަރު

ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި


ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދީ، ޕާސްޕޯޓު ދޫކުރުމަށް ދަށު ކޯޓުން ކުރި ޢަމުރު ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

މިމައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެފައިވަނީ ޢަލީ ވަޙީދުގެ ޕާސްޕޯޓާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕީޖީ އޮފީހަށް ލިބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު 11:30 ހާއިރުކަމަށެވެ. އެވަގުތުން ފެށިގެން 48 ގަޑިއިރު ތެރޭ ހައިކޯޓަށް ހުށަހަޅަންޖެހޭކަމަށެވެ. ޕާސްޓްޕޯޓް ދޫކޮށްލުމުން ޢަލީ ވަޙީދު ވަޑައިގެންފައިވަނީ އިނގިރޭސި ވިލާތަށެވެ.

ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމަށްފަހު، އަމުރު މުރާޖައާ ކުރަން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުންވަނީ އޭނާގެ ސިއްހީ ހާލަތު ބަޔާން ކޮށްދިނުމަށް ޑޮކްޓަރަކު ހާޒިރުކޮށްފައެވެ. ޑޮކްޓަރުވަނީ ޢަލީ ވަޙީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާކަމަށް ވިދާޅުވެފައެވެ. ޢަލީ ވަހީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާތީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަންޖެހޭކަމަށް ވިދާޅުވެ ޑރ.ޔޫސުފް ޝާން ދެއްވި ހެކިބަހުގެ މައްޗަށް ރިޢާޔަތްކުރައްވާ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު ޢަމުރު ޝަރީޢަތުން ވަނީ ބާޠިލްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ. އަދި އެ މައްސަލަތަކުގެ އަޑުއެހުންތައްވެސް ވަނީ ފަށާފައެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އަމިއްލަ ފުޅަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ޢަލީ ވަޙީދު ހުންނެވިއެވެ.