ޚަބަރު

ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް


ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ހުއްޓާނުލައި ކުރިއަށްގެންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ރ.އަތޮޅު އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުން ސްނޯކްލިންގއަށް ދިޔަ އަންހެން ފަތުރުވެރިއެއްގެ ޚަބަރެއް ނުވެގެން ހޯދަން ފެށީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެންނެވެ. މިހާތަނަށް ކުރި މަސައްކަތުން އަދި މި މީހާ ފެނިފައެއް ނުވެއެވެ.

އެމްއެންޑީއެފް ވިދާޅުވީ ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއާއި ރިސޯޓުގެ މެނޭޖްމަންޓް ގުޅިގެން ކުރަމުންދާ މަސައްކަތުގައި މިއަދު 54 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަނޑުމަގުން ވަނީ ބަލާފައިވާކަމަށެވެ. އަދި ޑައިވްކޮށްގެން ޖުމްލަ 138000 އަކަ މީޓަރުގެ ސަރަހައްދެއްވެސް ކޯސްޓްގާޑް ޑައިވަރުންނާއި ރިސޯޓު ޑައިވަރުން ވަނީ ބަލާފައިވާކަމަށެވެ. މީގެ އިތުރުން ކައިރިގައި ހުރި ފަޅުރަށްތައްވެސް ބަލާފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މި މީހާ ހޯދުމުގެ މަސައްކަތުގައި ކަނޑުގެ ސަރަހައްދު ބެލުމުގައި ކޯސްޓްގާޑް ކާމިޔާބު ލޯންޗާއި ހާބަރ ކްރާފްޓް ލޯންޗް ވަނީ ހަރަކާތްތެރިވެފައެވެ. އަދި ވައިގެ މަގުން ޑޯނިއާ ފްލައިޓްވެސް ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. އަދި މީގެއިތުރުން ރިސޯޓްގެ ދޯނިފަހަރާއި ލޯންޗް ފަހަރުވެސް ވަނީ ހަރަކާތްތެރިވެފައެވެ.