ޚަބަރު

ވަގަށް ބޭރުކުރަން އުޅުނު މިލިއަނަކަށްވުރެ ގިނަރުފިޔާ އަތުލައިގެންފި


ރާއްޖެއިން ފުރަން އުޅުނު ބަންގްލަދޭށް މީހަކު ވަގަށް ބޭރުކުރަން އުޅުނު މިލިއަނަކަށްވުރެ ގިނަ ރުފިޔާ އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން ވިދާޅުވީ މި ފައިސާތައް އަތުލައިގަތީ މިމަހުގެ 12 ވަނަދުވަހު ޑާކާއަށް ފުރަންދިޔަ 34 އަހަރު ބަންގަލަދޭޝް ފިރިހެނެއްގެ އަތުންކަމަށެވެ.

މިމީހާ އަތުން އެކި ޤައުމުތަކުގެ ފައިސާ ފެނިފައިވާއިރު މި ފައިސާގެ ޖުމްލަ އަދަދު ދިވެހި ރުފިޔާއިން 1،148،278.27( އެއްމިލިއަން ސަތޭކަ ސާޅީސް އަށް ހާސް ދުއިސައްތަ ހަތްދިހަ އަށް ރުފިޔާ ހަތާވީސް ލާރި ) އެވެ.

ކަސްޓަމްސްއިން ވިދާޅުވީ މި މީހާ ޑާކާއަށް ފުރުމަށް ތައްޔާރުވަމުންދިޔާއި މޯލްޑިވިއަންގެ ޕްލައިޓެއްގައިކަމަށެވެ. އަދި މި މީހާ ހައްޔަރުކޮށް މި މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމާއި ބެހޭ ޤާނޫނު ބުނާގޮތުން 10،000 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު ނުވަތަ އެ އަދަދަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރު ފައިސާ ރާއްޖޭ އެތެރެކޮށް ނުވަތަ ބޭރުކުރާނަމަ ކަސްޓަމްސްއަށް ޑިކްލެއަރކުރަން ޖެހެއެވެ. މީގެކުރިންވެސް ވަނީ މިގޮތަށް ގިނަ އަދަދެއްގައި ފައިސާ ބޭރކުރަން މަސައްކަތް ކުރި ބިދޭސީން އަތުލައިގެންފައެވެ.