ޚަބަރު

ކޯވިޑް-19، ދިފާޢު: މިހާތަނަށް 56،000 އަށްވުގެ ގިނަ މީހުން ވެކްސިން ޖަހައިފި


ކޯވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން މިއަދުވެސް ފަސް ހާހަށްވުރެ ގިނަ މީހުންނަށް ޖަހާފައިވާއިރު، ވެކްސިން ޖެހި މީހުންގެ ޖުމުލަ ޢަދަދު 56،000 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ. ރާއްޖޭގައި މިވެކްސިން ޖަހަން ފެށީ މިމަހުގެ ފުރަތަމަދުވަހުއެވެ.

ހެލްތު ޕްރޮޓެކްޝްން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި މާލެއާއި އަތޮޅުތައް ހިމެނޭހެން 6،171 މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެސަރަޙައްދުން ވެކްސިން ޖެހި 4،310 މީހުންނާއި، އަތޮޅުތެރޭގައި ވެކްސިންޖެހި 1،861 މީހުންނެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 56،218 އަށް އަރާފައެވެ.

މާލެ ސަރަޙައްދުން މިހާތަނަށް ވެކްސިން ޖަހާފައިވަނީ 43،838 މީހުންނެވެ. އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދަކީ 12،380 އެވެ. ރިސޯޓްތަކުން މިހާތަނަށް 219 މީހަކު ވަނީ ވެކްސިން ޖަހާފައެވެ.

މިހާރު ދެމުންދަނީ އޮކްސްފޯޑާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިންގެ 100،000ޑޯޒް ރާއްޖެއަށް ހަދިޔާކުރީ އިންޑިއާއިންނެވެ. މިހާރު ރާއްޖޭގައި ޖަހަމުންދާ ކޮވިޝީލްޑް ވެކްސިންގެ އިތުރުން ޗައިނާގެ ސައިނޮފާމްގެ 5000 ވެކްސިން ޑޯޒްވެސް ރާއްޖެއަށްވަނީ ލިބިފައެވެ. ސަރުކާރުގެ އަމާޒަކީ 6 މަސްތެރޭގައި، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީއަށް ވެކްސިންދީ ނިންމުމެވެ. ވެކްސިން ދިނުމުގެ މަސައްކަތް މާލޭ ސަރަޙައްދުގެ 8 ސެންޓަރަކާއި، އަތޮޅުތަކުގެ 66 ސެންޓަރުގައި ދަނީ ޖަހަމުންނެވެ.

އެޗްޕީއޭގެ މިރޭގެ ޕްރެސްގައި ޑރ.ނަޒްލާ މުސްތަފާ ވިދާޅުވީ ކޯވިޑް-19 ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެވަނަ ޑޯޒް ވެކްސިން ޖަހުމަށް ހަމަޖެހިފައިވަނީ 8 ހަފްތާ ފަހުންކަމަށެވެ.