ދުނިޔެ

ކޯވިޑް ބަލީގައި ޒަންޒިބާރުގެ ނައިބު ރައީސް އަވަހާރަވެއްޖެ


ޒަންޒިބާރުގެ ނައިބު ރައީސް ސެއިފު ޝާރިފް ހަމަދު އަވަހާރަވެއްޖެއެވެ. ސެއިފު ޝާރިފް އަވަހާރަވެފައިވަނީ މީގެ ތިން ހަފުތާ ކުރިން ކޯވިޑް ޖެހިފައިވާކަމަށް އެމަނިކުފާނުގެ ސިޔާސީ ޕާޓީން އިޢުލާނުކުރައްވާފައިވަނިކޮށެވެ.

ޒަންޒިބާރު ހިމެނޭ ޓެންޒޭނިއާގެ އިސް ސިޔާސީ ލީޑަރުންގެ ތެރެއިން ކޯވިޑް ޖެހިފައިވާކަމަށް އާންމުކޮށް އިއުލާނުކުރައްވާފައިވާ އެންމެ އިސްވެރިޔަކީ ސެއިފު ޝާރިފް ހަމަދުއެވެ.

ނައިބު ރައީސް ސެއިފު ޝާރިފް ހަމަދު، މަގުބޫލު ނަމުންނަމަ މާލިމް ސެއިފު ހުންނެވީ އިދިކޮޅު ސިޔާސީ ޕާޓީ، އޭސީޓީ ވަޒަލެންޑޯގެ އިސް މެންބަރެއްގެ ގޮތުގައެވެ. ޓެންޒޭނިއާގެ ސަރުކާރުން ކޯވިޑާއި ދެކޮޅަށް އެދެވޭ ފިޔަވަޅުތަކެއް ނާޅާކަމަށް ޞިއްޙީ މާހިރުން ތުހުމަތުކޮށްފައިވާއިރު، ނައިބު ރައީސް ހަމަދުގެ ޕާޓީން ދިޔައީ ކޯވިޑާއި ގުޅިގެން ޓެންޒޭނިއާގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ފާޑުކިޔަމުންނެވެ.

މުދައްރިސެއްގެ ގޮތުގައި ކުރީގައި މަސައްކަތްކުރެއްވި ސެއިފު ޝާރިފް ހަމަދަކީ ހުރިހާ ފަންތިއަކަށް ނިސްބަތްވާ، އާންމުންގެ އެތައް ބައެއްގެ ލޯބި ލިބިފައިވާ މަގުބޫލު ބޭފުޅެކެވެ. އާންމުން ދެކެމުން އައީ އެމަނިކުފާނަކީ ސިޔާސީ ލީޑަރެއްގެ އިތުރުން ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމަށް ގަދައަޅާ މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

ނައިބު ރައީސް ސެއިފު ޝާރިފް ހަމަދު އަވަހާރަވިއިރު އުމުރުފުޅަކީ 77 އަހަރެވެ.