ދުނިޔެ

ވެކްސިން ނުލިބޭ އެތައް ޤައުމެއް، އދގެ ހިތްހަމަނުޖެހުން


ކޯވިޑުން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިންތައް ޤައުމުތަކުގެ މެދުގައި ބަހާފައިވާ ގޮތާއިމެދު އދ. އިން ހިތްހަމަނުޖެހުން ފައުޅުކޮށްފިއެވެ.

އދގެ ސަލާމަތީ މަޖިލީހުގެ މަތީ ފަންތީގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އދގެ ސެކެޓްރީ ޖެނެރަލް، އެންތޯނިއޯ ގުތޭހެޝް ވިދާޅުވީ ކޯވިޑް ވެކްސިންތަކުގެ ފުރަތަމަ ޑޯޒް އާބާދީގެ 75 އިންސައްތަ މިހާތަނަށް 10 ޤައުމަކަށް ދީފައިވާކަމަށާއި ވެކްސިންގެ އެންމެ ޑޯޒެއްވެސް ނުލިބޭ 130 ޤައުމު އެބަ އޮތްކަމަށެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ މި ނާޒުކު ޙާލަތުގައި ޤައުމުތަކަށް ހަމަހަމައަށް ވެކްސިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ޤައުމުތަކަށް ކުރިމަތިވެފައިވާ އަހުލާގިއްޔާތުގެ ބޮޑު އިމްތިޚާނެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ގުތޭހެޝްވަނީ ދުނިޔޭގެ ޤައުމުތަކަށް ހަމަހަމަކަމާއިއެކު ވެކްސިން ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ބާރު ލިބިފައިވާ ފަރާތްތައްކަމުގައިވާ ސައިންސުްވެރިންނާއި ވެކްސިން އުފައްދާ ފަރާތްތަކާއި އެކަމަށް ފައިސާ ޚަރަދުކުރެވޭނެ ފަރާތްތައް އެކުގައި މަސައްކަތްކޮށް ހުރިހާ ޤައުމުތަކަށްވެސް ވެކްސިން ފޯރުކޮށްދެވޭނެ އިންތިޒާމް ވީ އެންމެ އަވަހަކަށް ހަމަޖެއްސުމަށް ގޮވައިލައްވާފައެވެ.

އޭގެ އިތުރުން އިޤްތިޞާދީ ގޮތުން އެންމެ ކުރިއަރާފައިވާ ޖީ20 ޤައުމުތަކުން ކުއްލި ޓާސްކް ފޯހެއް އުފައްދާ ވެކްސިން އުފައްދާ ކުންފުނިތަކާއި ދާއިރާއާއި ގުޅުންހުރި އެހެނިހެން ފަރާތްތައް އެއް މޭޒެއްގެ ދޮށަށް ގެނައުމަށް އޭނާވަނީ ގޮވައިލައްވާފައެވެ. އޭގެ އިތުރުން، ހުރިހާ ޤައުމަކަށް ހަމަހަމައަށް ވެކްސިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ބޭނުންވާ މާލީ ވަޞީލަތްތައް ހޯދުމަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމުގެ ބާރު ޖީ7ގެ ތެރޭގައި ހިމެނޭ ޤައުމުތަކަށް ލިބިފައިވާކަމަށް ގުތޭހެޝްވަނީ ވިދާޅުވެފައެވެ.

މަދު ޤައުމުތަކަކުން ކޯވިޑް-19 ވެކްސިން ފޮރުވާނަމަ އޭގެ ސަބަބުން ނޭދެވޭ ގިނަ ނަތީޖާތަކެއް ނިކުތުމުގެ ފުރުޞަތު އޮތްކަމަށް އދ.ން އެއްބަސްވާކަމަށް އަލްޖަޒީރާގެ ޑިޕްލޮމަޓިކް އެޑިޓަރ، ޖޭމްސް ބޭސްވަނީ ރިޕޯޓުކޮށްފައެވެ. އަދި މުއްސަނދި ޤައުމުތަކުގެ ރައްޔިތުންނަށް ކޯވިޑް ވެކްސިން ދިން ކަމުގައި ވިޔަސް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ވެކްސިން ނުދެވޭނަމަ ކޯވިޑްގެ ވަބާއިން ސަލާމަތްނުވެވޭވެކަމަށް އޭނާ ވިދާޅުވިއެވެ. އެއް ސަރަޙައްދެއްގައި ބަލި ފެތުރުން ނުހުއްޓޭނަމަ އެ ސަރަޙައްދެއްގައި ވައިރަހަށް ބޮޑެތި ބަދަލުތައް އައިސް އެކި ވޭރިއަންޓުތައް އުފެދުމުގެ ފުރުޞަތު އޮތްކަމަށް އޭނާވަނީ ފާހަގަކުރައްވާފައެވެ. އަދި އޭގެ ސަބަބުން ބައްޔާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިން އެންމެ އެދެވޭ ގޮތަށް މަސައްކަތް ނުކުރުމުގެ ފުރުޞަތު އޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ދީފައިވާ ކޯވިޑް ވެކްސިންގެ އެކެއް އިންސައްތަވެސް އިންސާނީ ކާރިޘާތަކާއި ކުރިމަތިލަމުންދާ 32 ޤައުމެއްގައި ދީފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.