ކޯވިޑް-19

ގްރޫޕް ވެކްސިނޭޝަނަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި


ކުންފުނިތަކާއި ޖަމިއްޔާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކޯވިޑް-19ގެ ގްރޫޕް ވެކްސިނޭޝަނަށް ރަޖިސްޓްރީވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހުޅުވާލައިފިއެވެ.

އެޗް.ޕީ.އޭއިން ވަނީ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، މުއައްސަސާތަކާއި، ޖަމިއްޔާ ޖަމާޢަތްތަކުން ގްރޫޕް ވެކްސިނޭޝަނަށް ރަޖިސްޓްރީވުމަށް ފޯކަލް ޕޮއިންޓްތަކެއް ކަނޑައަޅާފައެވެ.

އެގޮތުން ކެފޭ ރެސްޓޯރެންޓްތަކާއި، ފިހާރަތަކާއި އަމިއްލަ ކުންފުނިތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މެދުވެރިކޮށް ގްރޫޕް ވެކްސިނޭޝަނަށް ރަޖިސްޓްރީވެވޭނެއެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ނަންބަރު 3333188 ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދެވޭނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

ކުޅިވަރު ޖަމްއިއްޔާތަކާއި، ކްލަބްތަކާއި އެސޯސިއޭޝަންތަކާއި، އަމިއްލަ ޖަމްއިއްޔާ ޖަމާޢަތްތަކަށް ގްރޫޕް ވެކްސިނޭޝަނަށް ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓެވެ. އެ މިނިސްޓްރީގެ ނަންބަރު 3347365 ނުވަތަ 3347329 އަދި [email protected] އީމެއިލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދެވޭނެކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާގުޅުންހުރި މަސައްކަތް ކުރާ ފަރާތްތަކަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ހަމަޖައްސާފައިވާއިރު، އެ މިނިސްޓްރީގެ 3339286 ނަންބަރަށް ގުޅައިގެން އެޕޮއިންޓްމަންޓަށް އެދެވޭނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި އެ މިނިސްޓްރީގެ [email protected] ނުވަތަ [email protected] އީމެއިލް މެދުވެރިކޮށްވެސް އެ އިންތިޒާމް ހަމަޖެއްސޭނެކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިނިސްޓްރީ އޮފް ޓޫރިޒަމް މެދުވެރިކޮށް ގްރޫޕް ވެކްސިނޭޝަނަށް ރަޖިސްޓްރީވުމުގެ ކަންކަން ކުރިއަށްގެންދެވޭނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އެގޮތުން އެ މިނިސްޓްރީގެ ނަންބަރު 3022245 އަށް ގުޅައިގެން ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް އެޕޮއިންޓްމަންޓްގެ ކަންކަން ހަމަޖެއްސޭނެކަމަށް އެ އެޖެންސީން މަޢުލޫމާތުދެއްވައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދޭން ފަށާފައިވާއިރު، އެންމެ ފުރަތަމަ މި ވެކްސިން ޖަހަން ފަށާފައިވަނީ ޞިއްޙީ ޚިދުމަތްތެރިންނާއި، ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އުމުރުން 65 އަހަރުން މަތީގެ މީހުންނަށެވެ. ނަމަވެސް ފަހުން އެކި އުމުރު ފުރާތަކަށް ވެކްސިން ޖެހުމަށް އެޗް.ޕީ.އޭއިން ވަނީ ހުޅުވާލާފައެވެ. އެގޮތުން އެންމެފަހުން ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ފަރާތްތަކަށެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސް ބޭނުންކުރާ ފަރާތްތަކަށާއި 35 އަހަރުން މަތީގެ ފަރާތްތަކަށް ސޯޝަލް ސެންޓަރާއި، އިސްލާމީ މަރުކަޒާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުން ހެނދުނު 8:30 އިން ހަވީރު 4 ޖެހުމާއި ހަމައަށް ވެކްސިން ޖެހޭނެކަމަށެވެ. އަދި ވިލިމާލޭ ޒުވާނުންގެ މަރުކަޒުން ހެނދުނު 9 އިން މެންދުރު 1 ޖެހުމާއި ހަމައަށް ވެކްސިން ޖެހޭނެކަމަށެވެ.

ރާއްޖޭގައި މިހާތަނަށް 64 ހާހަށްވުރެ ގިނަ މީހުން ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޖަހާފައިވާއިރު، މިހާރު ހުރި ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް ހުސްވަންދެން ވެކްސިން ޖަހާނެކަމަށް އެޗް.އީ.އޯ.ސީން ވަނީ ހާމަކުރައްވާފައެވެ. މި ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރަންޖެހެއެވެ. އެގޮތުން ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ނިންމާފައިވަނީ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ ފަހުންނެވެ.