ކޯވިޑް-19

ކޯވިޑް-19 : އެނދުތައް ފުރެނީ، ޞިއްޙީ ޚިދުމަތްތެރިން ވަރުބަލިވެއްޖެ


ކޯވިޑް-19 އަކީ ފަހުގެ ތާރީޚެއްގައި މުޅި ދުނިޔެ ކުރިމަތިލާން ޖެހުނު އެންމެ ނުރައްކާތެރި ބަލިމަޑުކަމެވެ.

ކޯވިޑް އަކީ ބޮޑު ޕެންޑަމިކެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އިޢުލާންކުރި ހިސާބުން ހުރިހާ ޤައުމުތަކެއްހެން އަވަސްވެގަތީ މި ބައްޔަކީ އޭރު ފަރުވާއެއް ހޯދިފައިނުވާ ބައްޔެއްކަމުން، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ އެޅެންހުރި ފިޔަވަޅުތައް އެޅުމަށެވެ.

ރާއްޖޭގައިވެސް މި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ މިދިޔައަހަރުގެ ކުރީކޮޅުން ފެށިގެން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެކަމަށް ބޭނުންވާ ސިޔާސަތުތަކާއި ގައިޑްލައިންތައް ކަނޑައަޅާ، ޢަމަލުކުރަން ފެށިއެވެ. ބަލީގައި ބޮޑުވަރުވާ މީހުންނަށް ފަރުވާ ދިނުމަށްޓަކާ ބޭނުންވާނެ ވަޞީލަތްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރުމުގެ މަސައްކަތް ކުރެވިގެންދިޔައެވެ.

އެގޮތުން މާލޭ ސަރަޙައްދުގައި ކޯވިޑް-19 އަށް ފަރުވާ ދިނުމަށް މައިތަނެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީއެވެ. މިތަން ޤާއިމުކޮށްފައިވަނީ ކޯވިޑް-19ގެ ބަލި މީހުންނަށް ބޭނުންވާ އެކި ކަހަލަ ފަރުވާދެވޭނެ ޚާއްސަ ވޯޑުތަކާއި، އައި.ސީ.ޔޫއާއި، ވެންޓިލޭޓަރފަދަ ވަސީލަތްތަކާއެކުއެވެ. ސަޕޯޓް ސްޓާފުންގެ ގޮތުގައި އައި.ޖީ.އެމް.އެޗާއި ހުޅުމާލޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ދަނީ މި ސެންޓަރުގައި ހަރަކާތްތެރިވަމުންނެވެ.

ކޯވިޑް-19ގެ 3 ވަނަ ރާޅާއެކު ރާއްޖޭގައި މި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާއިރު، ޕޮޒިޓިވް ކޭސްތައް އިތުރުވާ ވަރަކަށް އެންމެ ބޮޑު ބާރެއް ކުރާނެ ބަޔަކީ ހަމަޤައިމުވެސް ޞިއްޙީ ޚިދުމަތްތެރިކަން ކަށަވަރެވެ. 2020 ވަނަ އަހަރު ރާއްޖޭގައި ކޯވިޑްގެ ޙާލަތު އެންމެ ގޯސްވެގެންދިޔައީ އޯގަސްޓްމަހުގެ ތެރޭގައެވެ. އޭރު އެންމެ ބާރުބޮޑުވެގެންދިޔައީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށެވެ.

ދުވަސްތަކަށްފަހު އަނެއްކާވެސް ބަލިޖެހޭ މީހުން ޢަދަދުތައް ބޮޑުތަނުން މައްޗަށް އަރަން ފަށާފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް މިވަނީ އިތުރުވެފައެވެ. މިއާއެކު އަނެއްކާވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް މިވަނީ ބާރުބޮޑުވެފައެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ސްޕެޝަލައިޒްޑް ކްރިޓިކަލް ކެއަރ ނަރުހެއްގެގޮތުގައި މަސައްކަތްކުރާ ދުންޔާ މުޙައްމަދު ވިދާޅުވީ، ކޯވިޑްގެ 3 ވަނަ ރާޅާއެކު، އެ ސެންޓަރުގެ ބެޑް ކެޕޭސިޓީވެސް ޕީކަށް އަރާ، ފުރެން ކައިރިވެފައިވާކަމަށެވެ. އަދި ތަނުގައި އެޑްމިޓްކޮށްފައިވާ ކޮންމެ 20 މީހަކަށް ހުންނަނީ އެންމެ ނަރުހެއްކަން ފާހަގަކުރައްވާ، އެކަމުގެ ސަބަބުން ބަލިމީހުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް ދަތިވާކަމަށް ދުންޔާ ވިދާޅުވިއެވެ.

"މި ޕީކާއެކު ބެޑް ކެޕޭސިޓީވެސް ފުރެން ކައިރިވެއްޖެ. ކޮންމެ 20 ޕޭޝަންޓަކަށް އެންމެ ނަރުހެއް މިހާރުވެސް ހުރީ. މިކަމުގެ ސަބަބުން ޕޭޝަންޓް ކެއަރ ކޮމްޕްރޮމައިޒްވެގެން އެބަދޭ. ހެލްތު ކެއަރ ވޯކަރުންވެސް ވަރަށް ބޮޑަށް އެގްޒޯސްޓްވެއްޖެ. މި ސްޕްރެޑް ކޮންޓްރޯލްކުރުމަށްޓަކާ ހުރިހާ ބޭފުޅުންގެ އެއްބާރުލުން ބޭނުންވޭ" ދުންޔާ ވިދާޅުވިއެވެ.

ދުނިޔޭގެ ޤައުމުތަކުގައި ކޯވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރެން ފެށުމާއެކު ޞިއްޙީ ޚިދުމަތްތެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެގެންދިޔައީ އެ ޤައުމުތަކުގެ ޞިއްޙީ ނިޒާމަށް ނުކަތާވަރަށް ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެގެންދިއުމެވެ.

ރާއްޖެއަށްވުރެ ވަޞީލަތާއި ތަރައްޤީގެގޮތުންވެސް ކުރިއަރާފައިވާ އެތައް ޤައުމެއްގައި މިކަން މިހާރުވެސް ތަޖުރިބާކުރަމުންދާއިރު، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންވެސް ދިޔައީ އެކަމުގެ އިންޒާރުދެމުންނެވެ. ދުވަސްތަކަކަށްފަހު ރާއްޖޭގައި އަނެއްކާވެސް ކޯވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާއެކު އަނެއްކާވެސް ޞިއްޙީ ޚިދުމަތްތެރިން މިވަނީ އެ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ. އެޗް.ޕީ.އޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 2 މަހަށްވުރެ، ފާއިތުވި 2 ހަފްތާ ތެރޭގައި ރާއްޖޭގައި މި ބަލީގައި ނިޔާވި މީހުންގެ ޢަދަދު ގިނައެވެ. އެހެންކަމުން މިއީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވިސްނާލުން މުހިއްމުކަމެކެވެ.

މި ބަލީގައި އަޅުގަނޑުމެންގެ ޢާއިލާ މީހަކު ޙާލުދެރަވެގެންދާއިރު، އެކަށީގެންވާ ފަރުވާ ނުދެވި ދޫކޮށްލަންޖެހޭ ޙާލަތަށް ދާ މަންޒަރު ދެކޭކަށް އަޅުގަނޑުމެން އެއްވެސް މީހަކު ބޭނުމެއްނުވާނެއެވެ. ވީއިރު ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ޞިއްޙީ ޚިދުމަތްތެރިންގެ އަޑު އަޅުގަނޑުމެން އަހަން އެބަޖެހެއެވެ. އެފަރާތްތަކުގެ އާދޭސްތަކަށް އަޅުގަނޑުމެން އިޖާބަދޭން އެބަޖެހެއެވެ.