ޚަބަރު

ކޯވިޑް-19، ދިފާޢު: އިންޑިއާއިން އިތުރު 100000 ޑޯޒްގެ ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފި


އޮކްސްފޯޑާއި އެސްޓްރާޒެނެކާއިން ތައްޔާރުކުރާ ކޮވިޝީލްޑް ވެކްސިންގެ އިތުރު 100،000ޑޯޒް އިންޑިއާއިން ދިވެހިރާއްޖެއަށް އަނެއްކާވެސް ހަދިޔާކޮށްފިއެވެ. މި ވެކްސިން ރާއްޖެއަށް ހަދިޔާކުރެއްވީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެތެރެއިންނެވެ.

ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ރަމްޒީ އެހީ ޙަވާލުކުރުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިވެކްސިން ރާއްޖެއާ ހަވާލުކޮށްދެއްވީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ.ސުބްރަމަނިޔަމް ޖައިޝަންކަރެވެ. މިއެހީއާ ރާއްޖޭގެ ފަރާތުން ޙަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމެވެ.

ކޯވިޑް-19އިން ދިފާޢުވުމަށްދޭ ވެކްސިން ރާއްޖެއަށް އެންމެ ފުރަތަމަ ފޯރުކޮށްދިން ޤައުމަކީ އިންޑިއާއެވެ. އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިންގެ ފުރަތަމަ 100000ޑޯޒްގެ ޝިޕްމަންޓް ރާއްޖެއަށް ގެނައީ މިދިޔަ ޖެނުއަރީމަހުގެ 20ވަނަ ދުވަހުއެވެ. އަދި އޭގެ 10ދުވަސްފަހުން، ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދައާއެކު ރާއްޖޭގައި ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.

ރާއްޖޭގައި ފުރަތަމަ ވެކްސިން ދޭންފެށީ ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ފްރަންޓް ލައިންގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. ނަމަވެސް މިހާރު މިވަނީ ޢުމުރުން 18އަހަރުން މަތީގެ ހުރިހާ އުމުރުފުރާތަކަކަށް ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައެވެ.

ރާއްޖޭގައި ވެކްސިން ދޭން ފެށިތާ 20ދުވަސް ފާއިތުވެފައިވާއިރު މިހާތަނަށް 64،000އަށްވުރެ ގިނަ މީހުން މިވަނީ ކޮވިޝީލްޑް ވެކްސިން ޖަހައިފައެވެ. ވެކްސިން ދިނުމުގެ ކަންކަން މާލޭގެ 9 ސެންޓަރެއްގެ އިތުރުން އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގައިވެސްވަނީ ފަށާފައެވެ. މިހާތަނަށް އައިއިރު މާލޭ ސަރަޙައްދުގައި 49،000އަށްވުރެ ގިނަ މީހުން މިވަނީ ވެކްސިން ޖަހާފައެވެ. އަދި އަތޮޅުތަކުން 14،000އަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވެއެވެ.

ރާއްޖޭގައި އަދި ދެމުންދަނީ ވެކްސިންގެ ފުރަތަމަ ޑޯޒެވެ. ޑޯޒް ފުރިހަމަކުރުމަށް ކޮންމެ މީހަކު ވެކްސިންގެ 2ޑޯޒް ޖަހަންޖެހެއެވެ. ސަރުކާރުން ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިންގެ ފުރަތަމަ 100،000ޑޯޒް ޖަހާނީ، ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ މީހުންގެ ގަޔަށެވެ.

ރާއްޖޭގައި ދިވެހިންގެ އިތުރަށް ބިދޭސީންނަށްވެސް ވެކްސިން ދިނުމަށްވަނީ ފަށާފައެވެ. މިހާތަނަށް ރާއްޖޭގެ މުޅި އާބާދީގެ %12 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވެއެވެ.