ޚަބަރު

8 ދުވަސް ތެރޭގައި 1000 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ކޯވިޑްގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނުތާ އަހަރެއްވުމާ ގާތްވެފައިވާއިރު، ބަލީގައި ރާއްޖޭގެ ޙާލަތު އަނެއްކާވެސް މިދަނީ ގޯސްވަމުންނެވެ. މިވަގުތު ރާއްޖޭގެ ޙާލަތު މިހުރީ، މިދިޔަ އޮގަސްޓްމަހު ކުރިމަތިވީ ކޯވިޑް19ގެ ދެވަނަ ރާޅުގެ ދުވަސްވަރުވެސް އަދަދުތައް ހުރި މިންވަރަށްވުރެ މަތީގައެވެ. ކޯވިޑް19ގެ ތިންވަނަ ރާޅާ ރާއްޖެ ކުރިމަތިލަމުންދާއިރު، ދުވާލަކު ފެންނަ ކޭސްތަކުގެ އަދަދު 100 އިން މަތީގައި އުޅޭތާ މަހެއްހާ ދުވަސް މިވަނީ ވެފައެވެ.

ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހަށް ބާލާއިރު އިތުރު 1000މީހުން ވަނީ އަލަށް ބައްޔަށް ޕޮޒިޓިވެފައެވެ. މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ހުރީ، 18082ގައެވެ. ކޭސްތަކުގެ އަދަދު ކޮންމެ ދުވަހަކުވެސް އުޅެނީ 100 އިން މަތީގައެވެ. އެންމެ ފަހުން އެޗްޕީއޭއިން އިއްޔެ އާއްމުކުރި މަޢުލޫމާތަށް ބަލާއިރު އިތުރު 108 މީހުން ޕޮޒިޓިވްވެ، ޖުމްލަ އަދަދު ވަނީ 19038އަށް އަރާފައެވެ. އެއީ މިދިޔަ 8 ދުވަސްތެރޭ ބަލިޖެހުނު އިތުރު 1084 މީހުންނާއެކުއެވެ.

މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ބައްޔަށް އަލަށް ޕޮޒިޓިވްވި 862 މީހުންނާއި، މީހުން ދިރިއުޅޭ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 80 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 135 މީހުންނާއި ސަފާރީތަކުން ޕޮޒިޓިވްވި 7 މީހުންނެވެ.

ބަލިން ރަނގަޅުވާ މީހުންގެ އަދަދަށްވުރެ، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން އެކްޓިވް ކޭސްތަކުގެ އަދަދުވެސް ދަނީ މައްޗަށެވެ. މިމަހުގެ 16 ވަނަ ދުވަހު އެކްޓިވް ކޭސްގެ އަދަދުހުރީ 2384 ގައެވެ. ނަމަވެސް އިއްޔެގެ ތަފާސް ހިސާބުތަކުން މި އަދަދުހުރީ 2429 ގައެެވެ.

މި އަދަދުތަކުން ފެންނަނީ ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އިތުރަށް މަސައްކަތްކުރަންޖެހިފައިވާ ތަނެވެ. މީގެކުރިން އަޅުގަނޑުމެންނާ ކުރިމަތިވި ދެ ރާޅުގައި، ފިޔަވަޅުތައް ވަރުގަދަކުރުމާއެކު ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް ދަށްވެގެން ދިޔަތަން ފެނުނެވެ. އެގޮތުން މިދިޔަ ޑިސެމްބަރުމަސް ނިމުނުއިރު ކޭސްތަކުގެ އަދަދު 10 އިން ދަށަށްވެސް ދިޔައެވެ.

ހަރުކަށި ފިޔަވަޅުތައް މިހާރުވެސް އަޅާފައިވީނަމަވެސް، ކޭސްތައް ކޮންޓްރޯލްކުރެވޭތަން ފެނިގެނެއް ނުދެއެވެ. ސުވާލު އުފެދެނީ ފިޔަވަޅުތަކަށް އޭރު ސަމާލްކަންދިން މިންވަރަށް މިހާރު ސަމާލްކަން ދޭބާއޭ؟

ކޮންމެ ޚިދުމަތެއް ދިނުމުގައި އެޗްޕީއޭއިން ވަނީ ގައިޑްލައިންތައް ހަދާފައެވެ. ކެފޭ ރެސްޓޯރަންޓްތަކާ، ފިހާރަތާކާ، އޮފީސްތަކާ، އާއްމު ޚިދުމަތްދޭ ތަންތަނުގައި ޚިދުމަތްދިނުމުގައި ރައްކާތެރިކަމުގެ ގޮތުން އަޅާންޖެހޭ ފިޔަވަޅުތަކުގެ ގައިޑްލައިންތައް ވަކިވަކިން ވަނީ ހަދާފައެވެ. ނަމަވެސް މިކަންކަމަށް ސަމާލުކަންދީ ޢަމަލުކުރާ މިންވަރު ވަރަށް ބޮޑަށްވެސް ކުޑަވެފައިވާކަން، މިފަދަ ޚިދުމަތްދޭ ކޮންމެ ތަނަކަށް ބަލާލުމުންވެސް ފެނެއެވެ.

މިމަސް ފެށުނުއިރު ބަލީގައި ނިޔާވި މީހުންގެ އަދަދުހުރީ 51 ގައެވެ. ނަމަވެސް ހަމައެކަނި މިމަސްތެރޭ އިތުރު 9 މީހުން ބަލީގައި ނިޔާވެ، ރާއްޖެއިން ކޯވިޑް19 ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 60 އަށް އަރާފައެވެ.