ޚަބަރު

3 ރަށެއްގައި ޖޫނިއަރ ކޮލެޖް އެޅުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


ތިން ރަށެއްގައި އެޅުމަށް ހަމަޖެހިފައިވާ ޖުނިއަރ ކޮލެޖުތަކައި ޓިވެޓް ސެންޓަރުތައް ޤާއިމުކުރުމާ ގުޅޭގޮތުން އެރަށްތަކުގެ ކައުސިލްތަކާއި މަޖިލިސް މެމްބަރުންނާ ބައްދަލުކޮށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ޙަސަން މަޝްވަރާ ކުރައްވައިފިއެވެ.

މިގޮތުން ބޭއްވި ފުރަތަަމަ ބައްދަލުވުމުގައި ވަނީ ނ.ކެނދިކުޅުދޫގައި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އިންވެސްޓްމަންޓެއްގެ ގޮތުގައި ޖޫނިއަރ ކޮލްޖަކާއެކު ކިޔަވާ ކުދިން ތިބުމަށް ދަނާލެއް ޤާއިމް ކުރުމަށް މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭގޮތުން އެދާއިރާގެ މަޖްލިސް މެމްބަރު އަޙްމަދު ޢީސާއާއި ކެނދިކުޅުދޫ ކައުންސިލް މެމްބަރުންނާއެކު މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ އުމުރުން 16 އަހަރާއި 21 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން 2 އަހަރުގެ މުއްދަތެއްގެ ތެރޭގައި ކިޔެވުން ފުރިހަމަ ކުރާގޮތަށް ތައުލީމާއި ތަމްރީނުގެ ކޯސްތައް ފަރުމާ ކުރާނެކަމަށެވެ. އަދި ނ.އަތޮޅު ހިމެނޭ ސަރަޙައްދުގެ ސިނާޢީ މަސައްކަތްތަކަށް އަމާޒުކޮށްގެން ވަޒީފާގެ ބާޒާރަށާއި އިތުރަށް މަތީ ތަޢުލީމު އުނގެނުމަށް މަގުފަހިވާނެ ގޮތްތަކަށްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ނ.އަތޮޅަކީ ފަތުރުވެރިކަމުގެ ދާއިރާ ވަރަށް ބޮޑަށް ފުޅާވެ ކުރިއަރަމުން އަންނަ އަތޮޅަކަށް ވާތީ އިނގިރޭސި ބަހުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެއްގެ ބަހެއްވެސް ޖޫނިއަރ ކޮލެޖެގައި ކިޔަވައިދޭނެކަމަށެވެ.

މި ބައްދަލުވުމުގައި ކެނދިކުޅުދޫ ދާއިރާގެ މަޖްލިސް މެމްބަރު އަޙްމަދު ޢީސާ ވިދާޅުވީ ކެނދިކުޅުދޫގައި އަޅާ ކޮލެޖާއެކު އެސަރަޙައްދުގެ އެހެން އަތޮޅުތަކުގެ ރަށްތަކަށްވެސް އެކަމުގެ ބޭނުން ޖެހޭނެކަމަށެވެ. ޚާއްސަކޮށް މި ހުރިހާ އަތޮޅެއްގައި ރިސޯޓްތައް ގިނަ ޢަދަދަކަށް ހުރުމާއިއެކު ފަތުރުވެރިކަމުގެ ސިނާއަތަށް ނިކުތުމަށް ބޭނުންވާ ބޭސިކް ތަމްރީނުތައް ލިބިގެން ދިއުމަކީ ވަޒީފާގެ ޔަޤީންކަން ހޯދުމަށް ލިބޭ ވަރަށް ބޮޑު އެހީއަކަށް ވެސް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ދަނޑުވެރިކަމާއި، މޫދު ކުޅިވަރާއި ޑައިވިންގް، މެރިން އިންޖިނިއަރިންގ އަދި އިލެކްޓްރިކަލް އިންޖިނިއަރިންގް ދާއިރާގެ ކޯސްތަކުގެ މުހިންމުކަމާމެދުވެސް އަލިއަޅުވާލެއްވިއެވެ.

މިއަދުގެ ވަނީ ހއ.ދިއްދުއާއި ފުވައްމުލަކު ސިޓީގައި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އިންވެސްޓްމަންޓްއެއްގެ ގޮތުގައި ޖޫނިއަރ ކޮލްޖަކާއެކު ކިޔަވާ ކުދިން ތިބުމަށް ދަނާލެއް ޤާއިމް ކުރުމަށް މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާއި ބެހޭ ގޮތުން ވެސް މަޝްވަރާ ކޮށްފައެވެ. މިބައްދަލުވުމުގައި، އެރަށްތަކުގެ ކައުންސިލް މެމްބަރުންނާއި ދިއްދޫ ދާއިރާގެ މަޖްލިސް މެމްބަރު ޢަބްދުﷲ ވަޙީދުގެ އިތުރުން ފުވައްމުލަކު އުތުރު ދާއިރާގެ މަޖްލިސް މެމްބަރު މުޙައްމަދު ރަޝީދާއި ފުވައްމުލަކު ދެކުނު ދާއިރާގެ މަޖްލިސް މެމްބަރު މުޙައްމަދު މުމްތާޒް ބައިވެރިވެވަޑައިގެންނެވިއެވެ.