ދުނިޔޭގެ ވިޔަފާރި

ޗައިނާގެ ވާވޭ ކުންފުނިން އިލެކްޓްރިކް ކާރުގެ ވިޔަފާރިއަށް؟


ސްމާޓް ފޯނާއި އިލެކްޓްރޯނިކް އެހެނިހެން ސާމާނު އުފައްދާ ޗައިނާގެ ވާވޭ ކުންފުނިން އިލެކްޓްރިކް ކާރުގެ ވިޔަފާރިއަށް ވަންނަން ތައްޔާރުވަމުންދާކަމަށް ޚަބަރުތައް ބުނެފިއެވެ.

މަޝްހޫރު ނިއުސް އެޖެންސީ ރޮއިޓަސްއިން ބުނާގޮތުން ޗައިނާގެ ވާވޭ ކުންފުނިން ދަނީ އެކުންފުނީގެ އަމިއްލަ ބްރޭންޑެއްގެ ދަށުން ބާޒާރަށް އިލެކްޓްރިކް ކާރު ނެރުމަށް ތައްޔާރުވަމުންނެވެ. މިކަމުގެ މައުލޫމާތު އެނގޭ ފަރާތްތަކާއި ހަވާލާދީ ރޮއިޓަސްއިން ބުނާގޮތުން ވާވޭއިން އުފައްދާ އިލެކްޓްރިކް ކާރުތަކުގެ ބައެއް މޮޑެލްތައް މިއަހަރު ތެރޭގައި ފެނިގެންދާނެއެވެ. އަދި ކާރު އުފައްދާ ބައެއް ކުންފުނިތަކުގެ ކާރުހަނާތައް މިކަމުގައި ބޭނުންކުރުމަށް އެކުންފުނިތަކާއެކު ވާވޭއިން މިހާރު މަޝްވަރާކުރަމުންދާކަމަށްވެސް ޚަބަރުތައް ބުނެއެވެ.

މިކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ވާވޭއިން ވަނީ އިލެކްޓްރިކް ކާރު އުފެއްދުމުގެ މަސައްކަތް ފަށަން އުޅޭ ވާހަކަ ދޮގުކޮށްފައެވެ.

ސްމާޓްފޯނު އުފައްދާ އެންމެ ބޮޑު ކުންފުނިކަމަށްވާ ވާވޭއިން އިލެކްޓްރިކް ކާރުގެ ވިޔަފާރިއަށް ވަންނަން އުޅޭކަމުގެ ޚަބަރުތައް ފެތުރިފައި މިވަނީ، ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއިން އެކުންފުންޏާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުން ވާވޭއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ދަނޑިވަޅެއްގައެވެ.

ވާވޭއަކީ މިހާރުވެސް އިލެކްޓްރިކް ކާރު އުފައްދާ ބައެއް ކުންފުނިތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭ ކުންފުންޏަކަށްވާއިރު، އޭގެ ތެރޭގައި ސޮފްޓްވެއަރ ސިސްޓަމްތަކާއި، ސެންސަރާއި، ފައިވްޖީ ޓެކްނޮލޮޖީ ހިމެނެއެވެ. މީގެއިތުރުން ކާރު އުފައްދާ ޖެނެރަލް މޮޓޯސްފަދަ ބޮޑެތި ކުންފުނިތަކާއެކު ވާވޭއިން މިހާރުވެސް ވަނީ ޕާޓްނަރޝިޕްތައް ހަދާފައެވެ.

ވާވޭއިން އިލެކްޓްރިކް ކާރު އުފެއްދުމުގެ ވިޔަފާރި ފަށާކަމަށް ބުނާ ޚަބަރުތަކާއެކު، ވާވޭއިން ޕާޓްނަރޝިޕް ހެދިކަމަށް ބުނާ ކުންފުނިތަކުގެ ހިއްސާގެ އަގު ވަނީ މައްޗަށް ގޮސްފައެވެ. މިގޮތުން ބްލޫޕާކް ނަމަކަށް ކިޔާ ކުންފުނީގެ ހިއްސާ 8 އިންސައްތަ މައްޗަށް ދިޔައިރު، ޗަންގަން ނަމަކަށް ކިޔާ ކުންފުނީގެ ހިއްސާގެ އަގު ވަނީ 5 އިންސައްތަ މައްޗަށް ގޮސްފައެވެ. ނަމަވެސް އެ ދެ ކުންފުނިންވެސް ވާވޭއާއެކު އިލެކްޓްރިކް ކާރު އުފެއްދުމުގެ މަސައްކަތް ފަށަން އުޅޭ ވާހަކަ ހާމަކޮށްފައެއް ނުވެއެވެ.

ވާވޭއިން އިލެކްޓްރިކް ކާރުގެ ވިޔަފާރިއަށް ވަންނަން ތައްޔާރުވަމުންދާއިރު، ޗައިނާގެ އެހެން ބައެއް ޓެކްނޮލޮޖީ ކުންފުނިތަކުންވެސް ދަނީ އެ ވިޔަފާރިއަށް ވަންނަމުންނެވެ. މީގެއިތުރުން ސްމާޓްފޯނު އުފައްދާ ކުންފުނިތައްކަމަށްވާ ޒަޔޯމީއާއި އެޕަލްއިންވެސް އިލެކްޓްރިކް ކާރު އުފެއްދުމުގެ ވިޔަފާރިއަށް ކަޅި އަޅަމުން އަންނަކަމަށް ޚަބަރުތައް ބުނެއެވެ.