ޚަބަރު

މިދަރިވަރުންނަށްވެސް ހިނިތުންވުން، އައީ ނުފޫޒުގަދަ އާއިލާއަކުން ނޫން


މީގެ އެތައް އަހަރެއް ކުރިޔަށް ޖެހިލަމާ ހެއްޔެވެ؟ ރާއްޖޭގައި އިނގިރޭސި ބަހުން ފަރިތަކޮށް ވާހަކަ ދައްކާލާން އެނގޭނީވެސް މަދު މީހަކަށެވެ. މަދު ރަށެއްގައި ނޫނީ މަދަރުސާއެއް، ސްކޫލެއް ނުހުންނާނެއެވެ. ހުއްޓަސް ހުންނާނީ "އެދުރުގެ"އެކެވެ. އެއީވެސް، ކޮންމެވެސް އަމިއްލަ ފަރުދަކު އޭނާގެ ގޭގައި ގާތް ކުދިން ކޮޅަކަށް ކޮންމެވެސް ވަރަކަށް ކިޔަވައިދޭތީ އެގެޔަކަށް މީހުން ކިޔާފާނެ ނަމެކެވެ. ރަޖިސްޓަރީ ކުރެވިގެން ހިންގާ ކިޔަވައިދޭ ތަނެއް ނޫނެވެ. މަދަރުސާއެކޭ ބުނެވޭ ފަދަތަނެއް މާލެ ފިޔަވައި ހުރީ މަދު ރަށެއްގައެވެ. އެއީވެސް، ދެތިން ރަށެއްގައި އެ ރަށްރަށުގެ ރައްޔިތުން "މަރުކަށި ކަނޑައިގެން" އެ މީހުންގެ އަމިއްލަ ޚަރަދުގައި ހުއްޓުނަނުދީ ހިންގޭތޯބެލި ތަންތަނެވެ. ސަރުކާރުން ހިންގާ މަދަރުސާއެއް، ސްކޫލެއް ރަށްރަށުގައި އަމުދުންނެތެވެ. ހުރިތަނެއް ހުރީ ވެރިކަން ކުރާރަށް މާލޭގައި އެކަންޏެވެ.

ޒަމާނާއި ސަރުކާރު ހިންގުމުގެ އުސޫލަށް އައި ބަދަލާއި އެކު، މާލޭގައި ސަރުކާރުން ހިންގަމުން ދިޔަ ސްކޫލްތައް އިންގްލިޝް މީޑިއަމަށް ސްކޫލަށް ބަދަލުކުރެވުނެވެ. މާލެ ފިޔަވައި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ސްކޫލްތައް ބިނާކޮށް ކިޔަވައިދޭން ފެށުނެވެ. ބޭރުގެ ފަންޑިންގ އެޖެންސީތަކާއި އެކުވެރި ޤައުމުތަކުގެ އެހީއާއެކުއެވެ. އެ ސަކޫލްތަކުގައި، ކިޔަވައިދޭނެ މީހުންނާއި ޤައުމީ ތަރައްޤީގެ އެހެނިހެން ދައިރާތަކުގައި ޙަރަކާތްތެރިވާނެ މީހުން ބިނާކުރުން ވެފައި އޮތީ ބޮޑުގޮން ޖެހުމަކަށެވެ.

ދެން ފެނުނީ މަތީ ތައުލީމަށް ކިޔަވައިދިނުމަށް ސަރުކާރުން އެކި ނަންނަމުގައި ސްކޮލަރޝިޕްތައް ތައާރަފުކޮށް ފުރުސަތުތައް ހުޅުވާލަމުން ގެންދިޔަ ތަނެވެ. އެކި އެކި ދާއިރާތަކުން މީހުން ތަމްރީން ކުރާނެ މަރުކަޒުތައް މާލޭގައި އުފައްދަން ފެށިތަނެވެ. ސަރުކާރުން މި ފުރުސަތު ދޭން ފެށީ މޮޅު ނަތީޖާއާއެކު ސްކޫލް ނިންމާ ދަރިވަރުންނަށެވެ. އެހެންކަމުން މި ފުރުޞަތުތަކުގެ ބޭނުން ހިފޭ ފެންވަރުގެ ދަރިވަރުން ނިކުނަމުންދިޔައީ މާލޭން އެކަންޏެވެ. މިއީ މާލޭ މީހުންނަށް ސިއްކަ ޖެހިފައި އޮތްކަމަކަށް ނުވިނަމަވެސް މިކަމުގައި އަތޮޅުތެރޭގައި ދިރިއުޅޭ ދަރިވަރުން ދިޔައީ ހަމަ ބާކީ ވަމުންނެވެ.

އަމިއްލަ ފަރާތްތަކުންނާއި ސަރުކާރުންވެސް މަތީތަޢްލީމު ދޭ މަރުކަޒުތައް އުފައްދަމުން ދިޔައީ މައިގަނޑަކަށް މާލޭގައެވެ. އަތޮޅުތެރޭގެ މޮޅު ނަތީޖާ ހޯދާ ދަރިވަރުން ގިނަވަމުން ދިޔަނަމަވެސް، މާލެ އައިސް އެ ފަދަތަނެއްގައި ކިޔަވަން ތިބުން އެކުދިންނަށް ވެފައި އޮތީ ބޮޑުތަކުލީފަކަށެވެ. އެއީ އެކަމަށް ހިނގާ ޚަރަދު ބޮޑުކަމުން އާއިލާއަށް އެކަން އުފުއްލައި ނުގަނެވޭތީއެވެ. މާލީ ތަނަވަސްކަން ނެތުމުން ހިތާއި ދެކޮޅަށް ފުރުޞަތުތައް ދޫކޮށްލަންޖެހި ދޫކޮށްލީ ކިތައް ކުދިންނަކަމެއްވެސް ނޭގެއެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްދު ޞާލިޙް އިޢްލާނު ކުރެއްވި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައި ދިނުމުގެ ޕްރޮގްރާމްގެ ސަބަބަބުން، މިހާރު މިވަނީ ތިލަފަތް ހަމަވުމަށް އިތުރު ފިޔަވަޅެއް ކުރިޔަށް އެޅިފައެވެ. ކުރިން މަތީތަޢްލީމަށް މާލީގޮތުން އަތްނުފޯރި ކިތަންމެ ދަރިވަރަކަށް މަތީތަޢްލީމް އަތްފޯރާ ފަށަށް ތިރިކޮށްދެވިފައެވެ.

އުމުރުން 24 އަހަރުގެ ފާތިމަތު ޒަހްރާއަކީ އާދައިގެ އާއިލާއަކަށް އުފަން އަތޮޅުތެރޭ ކުއްޖެކެވެ. ރަނގަޅު ނަތީޖާތަކާއި އެކު އޯލެވެލް ފުރިހަމަކޮށް މަތީ ތައުލީމަށް ކިޔަވަން ފެށީ ކިޔެވުނު އެންމެ މައްޗަކަށް ކިޔަވެމުށެވެ. އެހެންނަމަވެސް އާއިލާގެ މާލީ ހާލަތު ހުރި ގޮތުން ޒަހްރާގެ މި އުއްމީދު ހާސިލުވާނެކަމުގެ އެއްވެސް ކުލަވަރެއް އޭރު ފެންނާކަށްނެތެވެ. އާއިލާއަށް ހަރަދުތައް ބަލަހައްޓަމުން ޒަހްރާގެ ކޯސްތަކަށް ހާހުން ފީ ދެއްކުމަކީ އޭނާގެ އާއިލާއަށް އެހާ ފަސޭހަކަމަކަށް ނުވިއެވެ. ލިބޭ ކުޑަ މުސާރައާއި ކުރަންޖެހޭ އެހެނިހެން ހަރަދުތައް ގިނަކަމުން ޒަހްރާއަށް އެކަނިވެސް މިކަން ކުރެވޭނެ މަގެއް ނެތެވެ. އެހެންނަމެވެސް މިއަދު ޒަހްރާގެ އެ ހަނދާންތައް ވަނީ މަޒީވެ ފަހަތަށް ގޮސް ގެއްލިފައެވެ. ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއިން ޤައުމީ ޔުނިވާސިޓީން ކިޔަވަމުން އަންނަ ޒަހްރާ މިވާހަކަތައް މިއަދު ކިޔާދެނީ އުފަލާއި ހިތްހަމަޖެހުމާއިއެކުއެވެ.

މަދުރަސީ ތައުލީމް ނިންމުމަށްފަހު ޤާނޫނީ ވަކީލަކަށްވުމުގެ ހުވެފެން ދެކެމުން އައި އަރީސާ ފަރުހަތައްވެސް ފުރަތަމަ ކުރިމަތިވި ގޮންޖެހުމަކީ އޭނާ ކިޔަވަން ބޭނުންވާ ދާއިރާގެ ކޯސްތަކުގެ ފީތައް އަގު ބޮޑުވުމެވެ. އަމިއްލަ އަތުން އެއް ފަހަރާއި އެވަރު ދައްކައިގެން ބޭނުންވާ ރޮނގުން ކުރިޔަށް ދިޔުމަކީ އޭނާއާއި އޭނާގެ އާއިލާއަށް ނުބައްދަލު ދަތި އުނދަގޫކަމަކެވެ. އެހެންނަމަވެސް އަރީސާގެ އަތުގައިވެސް ނަސީބު ހިފާ ކޯހުގެ ފަހު މަރުހަލާ މިއަދު ފުރިހަމަކުރަމުން އެ އަންނަނީ ސެމިސްޓަރއަށް ދައްކަންޖެހޭ ފީ ނުދެއްކިދާނެތީ ހިތުގައި ނުތަވަނަސްކަމުގެ އެއްވެސް އަސަރެއް ނެތިއެވެ.

ލިބުނު ހަނި ފުރުސަތުގެ ބޭނުން ހިފާ އައްޒާމް އޭނާ އެންމެ ބޭނުންވާ ބިޒްނަސް ދާއިރާއިން ޑިޕްލޮމާ ނެގީ މެލޭޝިއާގެ ޔުނިވަރސިޓީއަކުންނެވެ. އެއަށްވުރެ މައްޗަށް އެނާ ކިޔަވަން ބޭނުންވީވެސް ހަމަ އެ ޔުނިވަރސިޓީންނެވެ. ނަމަވެސް އެކަމަށް ކުރަންޖެހޭ ހަރަދާއި އެޤައުމުގައި އުޅެން ކުރަންޖެހޭ ހޭދަ ބޮޑުވެ އެ ހިޔާލު ދޫކޮށް ރާއްޖެއަށް ބަދަލުވިއެވެ. ކިޔެވުމަށް ހުރި ބޮޑު ޝައުގުން ކިޔެވުން ދޫކޮށްލަން އޭނާ ބޭނުމެއްނުވިއެވެ. އަމިއްލަ ކޮލެޖެއްގައި މިއަދު ކިޔަވަމުން އަންނަ އައްޒާމްވެސް އޭނާގެ ކޯހަށް ފައިސާ ދައްކާ ބާކީ ހުރިކަންކަން އެ އަންނަނީ ކުރަމުންނެވެ. އޭނާގެ ހުރިހާ ވަގުތައްވެސް ހުސްކުރަނީ ކޯހުން ރަނގަޅު ނަތީޖާއެއް ހޯދުމަށެވެ.

ރާއްޖެއިން ލިބެން ހުރި ފުރުސަތުތައް ބޭނުން ހިފާ އަމިއްލަ ރަށުގައި އާއިލާ ކައިރީ ހުރެގެން ތައުލީމީ ހާސިލުކުރަން އެދޭ ޒުވާނުންވެސް މަދެއް ނޫންނެވެ. އޭގެތެރެއިން އެއް ޒުވާނަކީ ލ. ގަމަށް އުފަން މަރިޔަމް ނަޝާތުއެވެ. އައިލާގެ ކަންކަން ހަމަޖައްސަނީ ބައްޕައަށް އެކަނި ލިބޭ އާމްދަނީއަށް ބަރޯސާވެގެންކަމަށް ވުމުން މަތީ ތައުލީމަށް ކިޔަވަން ބޭނުންވެފައި ހުރި ނަޝާތުވެސް މަސައްކަތަޢް ނުކުންނަށް ޖެހުނެވެ. ކިޔެވުމަކީ ކިތަންމެ ހަރަދު ބޮޑުކަމަކަށްވީ ނަމަވެސް ނުކިޔަވާ ހުންނާކަށް ނަޝާތު ބޭނުމެއް ނުވިއެވެ. ލިބޭ އާއްމުދަނީން ގޭގެ ކަންކަން ބަލަހައްޓާ ކިޔަވުމުން ކަންކަން ކުރަން ފެށީ ރަށުގައި ހުރެ އެކަން ކުރަން ފުރުސަތު ލިބުމުންނެވެ. އެހެންނަމަވެސް ނަޝާތު އޭނާގެ ކޯސް ފުރިހަމަކުރަމުން ދިޔައީ ކޮންމެހެން ކުރަންޖެހޭ ހަރަދެއް ނޫނީ ނުކުރާން އަޒުމު ކަނޑައަޅާގެންނެވެ. ނަޝާތުގެވެސް މި އުނދަގޫ ދުވަސްތައް ނިމި އައު ދުވަހަކަށް މި ވަނީ އަލިވިލިފައެވެ. މިއަދު ނަޝާތު ކިޔަވާލީ އަތުން އެއްވެސް ހަރަދެއްގެ ނުގޮސް ލިބޭ އާމްދަނީ ގޭގެ އައިލާއަށް ހަރަދުކުރަމުން އަދި އެއިން ބައެއް ރައްކާވެސްކުރަމުންނެވެ.

ރާއްޖޭގެ އެންމެ އުތުރުން ހދ ކުޅުދުށްފުށީގައި ހެލްތް ކެއަރގެ ދައިރާއިން ޑިގްރީއަށް ކިޔަވަމުން އަންނަ މުޙައްމަދު އަބްދުުއްރަހްމާން އޭނާގެ ކޯސް ފުރިހަމަކުރަމުން އެ އަންނަނީ އުފަން ރަށުގައި އަނބިދަރިންނާާއި އެކު ހުރެއެވެ. ކުޑަކުޑަ މި އާއިލާއިން އުފާވެރިކަމާއި އެކު ވަގުތުތައް ހޭދަކުރަމުން އެ އަންނަނީ ލިބޭ އާމުދަނީ އެއްވެސް ފައިސާގެ މިންވަރެއް އަބްދުއްރަހްމާންގެ ކޯހަށް ހަރަދުނުކޮށެވެ. މަތީ ތައުލީމަށް އަބްދުއްރަހްމާން ކިޔަވަމުން އެ އަންނަނީ އެކަމަށް ޝުކުރުވެރިވެ ހިތްހަމަޖެހިގެން ހުރެއެވެ.

މީ މަތީ ތައުލީމަށް ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންތަކެއްގެ ވާހަކައެވެ. އެދުވަހު ރަސްމަތި ފުށަށް ނިސްބަތްވުމުން ނޫނީ ނުވަތަ ކޮންމެވެސް ނުފޫޒު ގަދަ އައިލާއަކަށް އުފަންވުމުން ނޫނީ ނުކިޔެވޭ އެތައް ރޮނގަކުން ދިވެހި ދަރިން މިއަދު އެއަންނަނީ ޑިގްރީއަށް ކިޔަވަމުންނެވެ. އެންމެ އާދައިގެ އާއިލާއަށް އުފަން ވިޔަސް އެއްވެސް ތަފާތެއް ހުރަހެއްވެސް ނެތިއެވެ.

އެކި ރޮނގު ރޮނގުން ކުރިޔަށް ދާން ބޭނުންވި އާދައިގެ އައިލާތަކުން ނުކުންނަ ދަރިވަރުންނަށް ހިނިތުންވުން ގެނެސްދިނީ 2019 އަހަރުގެ ފެބްރުއަރީ މަހު މިސަރުކާރުން ތަނަވަސްކޮށްދިން ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތާއެކުއެވެ.

ތަނަވަސްކަން ނެތިގެން ނުކިޔަވާ ނުވަތަ ކިޔެވުމާއި ދުރަށް ދިޔަ އެތައް ދަރިވަރުންތަކަށް މި ޕްރޮގްރާމުގެ ތެރެއިން އެ އަންނަނީ އެތައް ހުނަރަކާއި ފުރުސަތުތަކެއް ފަހިވަމުންނެވެ. ރައީސުލްޖުމްހޫރުއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ އިސްނެންގެވުމުގެ ދަށުން ފެށި ހިލޭ ޑިގްރީގައި ކިޔަވާ ދަރިވަރުންގެ އަދަދު ހާހުން މައްޗަށް އަރަމުން ގޮސް މިއަދު މިވަނީ 10 ހާސް ހުރަސްކޮށްފައެވެ. މި ފުރުސަތުގެ ތެރެއިން ކިޔެވުމުގެ މަގު ފަހިވެފައިވަނީ ހަމައެކަނި މާލެއަށް އުފަން މާލޭ ކުދިން އެކަންޔެއްވެސް ނޫނޭވެ. މުޅި ރާއްޖެއަށް މިކަން ވަނީ ހުޅުވާލާފައެވެ. ކުޑަ އާއިލާއެއް ބޮޑު އާއިލާއެއް ތަފާތެއް ނެތެވެ. އުތުރެއް މެދެއް ދެކުނެއް ނެތިއެވެ. އާދަނެއް އަހައްމަދެއް ފާތުމައެއްވެސް ބެލެމެއްނެތިއެވެ. ސިޔާސީ ގޮތުން ކޮން ކުލައެއްތޯވެސް އަހާލުމެއް ނެތިއެވެ. މިކަމުގެ ހެއްކަކީ މި ތަފާސް ހިސާބުތަކެވެ. ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް ބަލާއިރު ހިލޭ ޑިގްރީގެ ފުރުސަތު ދަރިވަރުންނަށް ނުލިބޭ އެއްވެސް އަތޮޅެެއް ނެތެވެ. އަބާދީ ބޮޑެއް ކުޑައެއްވެސް ނެތެވެ.

މި އަހަރުގެ މަޖިލިސް ހުޅުވަމުން ރައްޔިތުންނަށް ދެއްވި އުއްމީދީ މެސްޖެތަކުން ހަނދާނަން އަންނަނީ ރައީސުލްޖުމްހޫރިއްޔާގެ މި ވާހަކަފުޅެވެ. ޤައުމު ކުރިއަރުވާ ތަރައްޤީކުރެވޭނީ ތަރައްޤީގެ ވިސްނުން ހުރި ޒުވާން ތައުލީމީ ޖީލެއް ބިނާކުރެވިގެންނެވެ. ތެދެކެވެ. ޒުވާން ޖީލެއް ބިނާކުރެވޭނީ އެ ޒުވާނުންނަށް ބުރަތަކެއްނެތި ތައުލީމު ހާސިލުރެވޭނެ މަގުތައް ތަނަސްވަސްކޮށްދީ އެމަގު ކޮށާ ރީތިކޮށް ސާފުކޮށް ކުރިޔަށްދެވޭނެ މަގު ތަނަވަސްކޮށްދީގެންނެވެ. ޒުވާނުންނަށް ކުރެވޭ މި ފަދަ ހޭދަތައް ފޫނުބެދި އެކަމުން އަރައި ނުގަނެވިދާނެކަމަށް އެއް ބަޔަކު މި ދެކޭ ދެކުން ބަދަލުކޮށްގެންނެވެ. ހިލޭ ޑިގްރީއާއި މަތީ ތައުލީމަށް ސަރުކާރުން މި ފަހިކޮށްދިން ފުރުސަތަކުތަކަށްވުރެ ޒުވާން ޖީލެއް ބިނާކޮށް އުފެއްދުމަށްޓަކައި މިއަށް ވުރެ އަގުހުރި ބޮޑު އިންވްސެޓްމެންޓެއް އޮންނާނެތޯއެވެ.