ޚަބަރު

ރިހެބިލިޓޭޝަނަގެ ޚިދުމަތް ދިނުމުގެ ފުރުސަތު ވަރަށް އަވަހަށް އަމިއްލަ ފަރާތްތަކަށް ހުޅުވާލެވޭނެ - ޖެންޑަރ މިނިސްޓަރ


ރިހެބިލިޓޭޝަންގެ ޚިދުމަތް ދިނުމުގެ ފުރުސަތު ވަރަށް އަވަހަށް އަމިއްލަ ފަރާތްތަކަށްވެސް ހުޅުވާލެވޭނެ ކަމަށް ޖެންޑާ މިނިސްޓަރ ޢާއިޝަތު މުޙަންމަދު ދީދީ ވިދާޅުވެއްޖެއެވެ.

"ޖަޒީރާ ސައްލާ"ގެ ނަމުގައި ސަރުކަރުން ކުރިއަށް ގެންދާ ޚާއްސަ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރ ޢާއިޝަތު މުޙަންމަދު ދީދީ ވިދާޅުވީ މަސްތުވާތީގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ސަލާމަތް ކުރުމަށް ރިހިބިލިޓޭޝަންގެ ފަރުވާގެ ފުރުސަތު ފުޅާކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. މުޖުތަމައަށް އެފަދަ މީހުން އަލުން ނެރުމަށް ދެވޭ ފަރުވާއަކީ އާންމުން ބަލައިގަންނަ ބޭނުންތެރި ފަރުވާއަކަށް ވުމަކީ މުހިންމު ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑް-19ގެ ތެރޭގައި ރިހެބިލިޓޭޝަންގެ ފަރުވާ މިހާރު ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ހިންގުމަށް މަޝްވަރާތަކެއް ކުރެވިގެން ދިޔަކަމަށެވެ. އެގޮތުން އާންމު ފަރާތްތަކަށްވެސް ރިހިބިލިޓޭޝަންގެ ފަރުވާ ދެވޭނެ މަގު ފަހިކޮށް ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާކމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

"މިކަމުގެ ނަތީޖާ ފެންނާނީ ދުވަސްކޮޅަކުން. ވަރަށް ބޮޑަށް ގަބޫލުކުރަން ޤާނޫނުގެ ދަށުން އަމިއްލަ ފަފާތްތަކުން ރީހެބިލިޓޭޝަން ދިނުމުގެ ފުރުސަތު ހުޅުވާލުމުން ފަރުވާދެވޭނެ ނިޒާމު އިތުރަށް ބޮޑުވެ މިކަން ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވޭނެކަމަށް. " މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޑްރަގުގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ސަލާމަތް ކުރުމަކީ މުޅި މުޖުތަމައު އެކުގައި ކުރަންޖެހޭ ބޮޑު މަސައްކަތެއް ކަމަށެވެ. މިކަން ކުރުމުގައި ޢާންމުންގެ އެއްބާރުލުމާއި، އެހީތެރިކަން ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު ވިލިނގިލީގައި "ދަގެނާ" ގެ ނަމުގައި ހުޅުވާފައިވާ ސެންޓަރާއިއެކު މިކަމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަން ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި މިކަމަށް ޚާއްސަ ޑޮކްޓަރުންނާއި، ނަރުހުން ނެތުންކަމަށާ، ނަމަވެސް އުންމީދަކީ މަޑުމަޑުން އެމީހުންވެސް ތަމްރީންކުރެވި ފަރުވާދެނޭނެ ނިޒާމެއް ރަނގަޅު ގޮތުގައި ގާއިމްކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ދަގެނާ"ގެ ނަމުގައި ވިލިގިނލީގައި ޤާއިމުކޮށްފައިވާ ސެންޓަރުން ޑްރަގް ޑީޓޮކްސިފިކޭޝަން، ކައުންސިލިންގ، ސައިކޯ-ސޯޝަލް ސަޕޯޓު، ޓްރޭނިންގ، އާފްޓަރކެއަރގެ ޙިދުމަތް ފޯރުކޮށްދެއެވެ.