ދުނިޔެ

ކޮރެއާގައި އަޅާފައިވާ ފިޔަވަޅުތަކަށް އދގެ ކަންބޮޑުވުން


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އުތުރު ކޮރެއާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުގެ ރައްޔިތުންގެ އިންސާނީ ހައްޤުތައް އިތުރަށް ގެއްލި، ރައްޔިތުންގެ މާލީ ޙާލަތު ގޯސްވެފައިވާކަމަށް އދ.ން ބުނެފިއެވެ.

އުތުރު ކޮރެއާއިން ކޯވިޑް ޖެހިފައިވާ މީހަކު ފެނިފައިވާކަމަށް އެ ޤައުމުން މިހާތަނަށް އިޢުލާނުކޮށްފައެއް ނުވެއެވެ. އެ ޤައުމުގައި ބަލި ފެތުރުނަ ނުދިނުމަށް ސަރަޙައްދީ ރޮނގުތައް ބަންދުކޮށް، ބައިނަލްއަޤްވާމީ ވައިގެ ދަތުރުތައް މެދުކަނޑާލައި ޢާންމުން އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ދަތުރުކުރެވޭ މިންވަރުވަނީ ހަނިކޮށްފައެވެ.

އދ.ން އުތުރު ކޮރެއާއަށް ޚާއްޞަކޮށްފައިވާ އިންސާނީ ހައްޤުތަކާބެހޭ މަންދޫބު، ތޮމާސް އޯޚަޔާ ކުއިންތާނާ ވިދާޅުވީ ކޯވިޑްގެ ކުރިންވެސް އެކަހެރި ޤައުމެއްގެ ގޮތުގައި އޮތް އުތުރު ކޮރެއާގައި ބައްޔާއޮ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުގެ އެކަހެރިކަން އިތުރުވެފައިވާކަމަށެވެ. އޭގެ ސަބަބުން އިންސާނީ ހައްޤުތަކާ ޚިލާފަށް އެ ޤައުމުގައި ހިންގާ ކަންކަން އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާވަނީ ކޯވިޑްގެ ސަބަބުންކުރާ ނޭދެވޭ އަސަރުތަކަށްވުރެ އުތުރު ކޮރެއާއިން ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ގެއްލުން ބޮޑުވިޔަ ނުދިނުމަށް އެ ޤައުމުގެ އިދާރާތަކަށް ގޮވައިލައްވާފައެވެ.

އުތުރު ކޮރެއާއާއި ޗައިނާއާ ދެމެދު ވިޔަފާރިކުރާ ނިސްބަތް ދަށަށް ދިޔުމުގެ ސަބަބުން ކުދި ވިޔަފާރިއަށް ބަރޯސާވާ އުތުރު ކޮރެއާގެ ޢާއިލާތަކަށްވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. ބާޒާރުތަކުން އާންމު ބޭނުމަށް ގެންގުޅޭ ތަކެއްޗާއި ބޭހާއި ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނާއި ކާރުޚާނާތަކަށް ބޭނުންވާ ވަޞީލަތްތައް ލިބުމަށްވަނީ ދަތިވެފައެވެ. އޭގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި އެ ޤައުމަށް ކުރިމަތިވި މޫސުމީ ގިނަ ކާރިޘާތަކެއްގެ ސަބަބުން އެ ޤައުމުންދަނީ ކާބޯތަކެތީގެ ދަތިކަމާ ކުރިމަތިލަމުންނެވެ. އުތުރު ކޮރެއާގައި ކުރިއަށްގެންދާ އިންސާނީ އެހީތެރިކަމުގެ މަސައްކަތްތައްވެސްވަނީ އެއްކޮށް ހެން ހުއްޓުމަކަށް އައިސްފައެވެ.