ޚަބަރު

ކައުންސިލް އިންތިޚާބު: ފަހުވަގުތަށް މަޑުނުކޮށް ރީރަޖިސްޓްރީ ވުމަށް އިލްތިމާސްކޮށްފި


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ހުޅުވާލާފައިވާ ފުރުސަތުގައި ފަހުވަގުތަށް މަޑުނުކޮށް ރީރަޖިސްޓްރޭޝަނަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރައްވައިފިއެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރީރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. ރީރަޖިސްޓްރޭޝަންގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 11 ވަނަ ދުވަހެއެވެ.

ރީރަޖިސްޓްރީވުމަށް ދީފައިވާ ވަގުތާއިމެދު ބައެއް ބޭފުޅުން ސޯޝަލް މީޑިޔާގައި ކަންބޮޑުވުން ފާޅު ކުރެއްވުމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިހާތަނަށް ބޭއްވުނު ހުރިހާ އިންތިޚާބެއްގައިވެސް ރީރަޖިސްޓްރޭޝަނަށް ދެނީ 10 ދުވަހުގެ މުއްދަތެއްކަމަށެވެ. މި އިންތިޚާބުގައިވެސް އިލެކްޝަނުން ދަނީ ރީރަޖިސްޓްރީއަށް ހުޅުވާލި ދުވަހުން ފެށިގެން ކޮމިޝަނަށް ލިބޭ ސައްޚަ ހުރިހާ ފޯމެއް ބަލައިގަނެ ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިންތިޚާބުގައި ވޯޓްލެވޭ ލިސްޓު އިއުލާނު ކުރުމަށްފަހު ރީރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރަތަމަ ދެ ދުވަހުވެސް އެންމެ އެކަށީގެންވާ ތަރުހިބޭއް ނުލިބޭކަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެއެވެ. ނަމަވެސް މިހާރު މަޑުމަޑުން ފޯމް ހުށަހަޅާ މިންވަރު އިތުރުވަމުން އަންނަކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކާއި އާންމު ފަރުދުންވެސް ރީރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވާ މުއްދަތުގައި ފަހުވަގުތަށް ފޯމްތައް ހުށަހެޅުމަށް މަޑުނުކޮށް މިހާރުވެސް ހުރި ފޯމްތައް އިލެކްޝަންސްއަށް ހުށަހެޅުމަށް އިލްތިމާސް ކުރައްވާފައެވެ.

ރީރަޖިސްޓްރީވުމަށް ބާކީ 5 ދުވަސް އޮތްއިރު، އިއްޔެގެ ނިޔަލަށް އިލެކްޝަންސްއަށް ހުށަހަޅާފައިވަނީ 474 ފޯމެވެ. ރީރަޖިސްޓްރީވުމަށް އެންމެ ގިނަ އަދަދަކަށް ފޯމް ހުށަހަޅާފައިވަނީ ހއ.އަތޮޅުންނާއި، ށ.އަތޮޅުންނެވެ. ހއ.އަތޮޅުން 54 ފޯމް ށ.އަތޮޅުން 53 ފޯމްވަނީ ހުށަހަޅާފައެވެ. ރީރަޖިސްޓްރޭޝަނަށް އިއްޔެގެ ނިޔަލަށް ރިސޯޓްތަކުން ހުށަހަޅާފައިވަނީ 48 ފޯމެވެ. މިހާތަނަށް ރީރަޖިސްޓްރީ ވުމަށް އިލެކްޝަންސަށް ފޯމް ހުށަހަޅާފައިވަނީ 21 އަތޮޅަކުންނާއި ރިސޯޓްތަކުންނެވެ. ނަމަވެސް ރިސޯޓުތަކުން ހުށަހަޅާފައިވާ އަދަދެއް އިލެކްޝަންސްއިން ހާމަކުރައްވާފައެއް ނުވެއެވެ.

މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްއިން ޗެކްކުރެވޭނެކަމަށާއި އަދި 1414 އަށް އެސް.އެމް.އެސްކޮށްގެންވެސް ޗެކްކުރެވޭނެ ކަމަށް އެކޮމިޝަނުން މަޢުލޫމާތުދެއްވައެވެ.

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ "ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާއިންނާއި، ސިޓީތަކުގެ ސިޓީ ކައުންސިލް އިދާރާ/އަވަށު އޮފީހުންނެވެ. މާލޭ ސިޓީގައި ނަމަ، އިންތިޚާބާ ބެހޭ މަރުކަޒުންނެވެ.