ޚަބަރު

ދެއްވަދޫ އާންމު ހާލަތަށް ގެނެސްފި


ކޯވިޑް-19 އާއި ގުޅިގެން ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވުމުން މިމަހުގެ ދެވަނަ ދުވަހު މޮނިޓަރިންއަށް ލާފައިވާ ގއ.ދެއްވަދޫ އާންމު ހާލަތަށް ގެނެސްފިއެެވެ.

ދެއްވަދޫ އާންމު ހާމަލަތަށް ގެނެސްފައިވަނީ ހޯމް ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އޭނާއާއި ކޮންޓެކްޓްވި އެންމެންގެ ސާމްޕަލްނަގައި ނަތީޖާތައް ނެގެޓިވްވުމުންނެވެ. ދެއްވަދޫއަކީ އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން ކޯވިޑްގެ ނުރައްކާ ބޮޑު އެންމެ ގިނަ ދުވަހަށް ކަރަންޓީންގައި އޮތް ރަށްވެސްމެއެވެ.

ދެއްވަދޫ ވަނީ ތިން ފަހަރެއްގެ މަތީން މޮނިޓަރިންއަށް ލާފައެވެ. ދެއްވަދޫން ކޯވިޑް-19އިގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އަދި އެކްލަސްޓާގައި ދެއްވަދޫގެ އިތުރުން އެއަތޮޅު ދާންދުއާއި ވިލިނގިއްޔާއި ލ.ފޮނަދޫގެ އިތުރުން ހުޅުމާލެއިން ޖުމްލަ 85 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އެޗްޕީއޭއިން ދަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. ރާއްޖޭގައި ކޯވިޑްގެ ނުރައްކާ އަނެއްވެސް ބޮޑުވެ ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. ކޯވިޑްގެ ކޭސްތައް ރާއްޖޭގައި 100 އިން މަތީގައި ހުންނަތާ މިހާރުވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. އަދި ފާއިތުވެދިޔަ ދެ ހަފްތާއަކީ ރާއްޖޭގައި ކޯވިޑްގެ ކޭސްތައް އެންމެ ބޮޑަށް އިތުރުވި ދެ ހަފްތާކަމަށް އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ.