ޚަބަރު

ކޯވިޑް-19 ދިފާޢު: ވެކްސިން ޖެހި މީހުންގެ ޢަދަދު ދޮޅު ލައްކައަށްވުރެ މައްޗަށް


ރާއްޖެއިން ކޯވިޑް-19ގެ ވެކްސިން ޖެހި މީހުންގެ ޢަދަދު ދޮޅު ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގައި ވެކްސިން ޖެހި 5،875 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ވެކްސިންޖެހި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 151،643އަށް އަރާފައެވެ.

މިދިޔަ 24 ގަޑިއިރު ގިނަ ބަޔަކު ވެކްސިން ޖަހާފައިވަނީ އަތޮޅުތަކުގެ ސެންޓަރުގަތަކުގައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އަތޮޅުތަކުން 3،827 މީހުންވަނީ ވެކްސިން ޖަހާފައެވެ. މާލެ ސަރަޙައްދުން ވެކްސިން ޖެހި ޢަދަދަކީ 2،048 މީހުންނެވެ.

މިއާއެކު އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ އަދަދުވަނީ 62،550 އަށް އަރާފައެވެ. މާލެ ސަރަޙައްދުން ވެކްސިންޖެހި މީހުންގެ ޖުމްލަ ޢަދަދަކީ 89،093 އެވެ. ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 8 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.

ރާއްޖޭގައި މިހާރުވަނީ ޢުމުރުން 18 އަހަރުން މަތީގެ ހުރިހާ އުމުރުފުރާތަކަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މިއާއިއެކު ކޮވިޝީލްޑް ވެކްސިން ދިނުމުގެ ހުއްދަ އޮންނަ ހުރިހާ އުމުރުފުރާތަކަށް މިހާރު މިވަނީ ރާއްޖޭގައި ވެކްސިން ދޭން ފަށާފައެވެ. ރާއްޖޭގައި މިވަގުތު ދެމުންދަނީ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒްއެވެ. ދެވަނަ ޑޯޒް ޖަހަންޖެހެނީ، ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ ފަހުންނެވެ.