ޚަބަރު

އަންހެނުންގެ ދުވަހުގެ ހަދިޔާ: އެޗްޑީސީގެ އަންހެން މުވައްޒިފުންނަށް މަހަކު އެއްދުވަސް ޗުއްޓީ


ހަންހެދުންގެ ދުވަހުގެ ޚާއްސަ ހަދިޔާއެއްގެގޮތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެކުންފުނީގައި މަސައްކަތްކުރާ ހުރިހާ އަންހެން މުވައްޒަފުންނަށް ކޮންމެ މަހަކު އެއް ދުވަހުގެ ޚާއްސަ ޗުއްޓީއެއް ދޭން ނިންމައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ބަލްނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި އެނޫންވެސް ތަންތަނުން އަންހެނުންނަށް ހަދިޔާ ދިނުމާއި، ތަހްނިޔާ ފޮނުވާފައިވެއެވެ. މިފަދަ ތަންތަނުގެ ތެރެއިން އެންމެ ޚާއްސަ އެއް ހަދިޔާއެއް އަންހެން މުވައްޒަފުންނަށް ދިން އެއް ކުންފުންޏަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އެވެ. އެކުންފުނީގައި މަސައްކަތްކުރާ ހުރިހާ އަންހެން މުވައްޒަފުންނަށް ކޮންމެ މަހަކު އެއް ދުވަހުގެ ޚާއްސަ ޗުއްޓީއެއް ދޭންވަނީ ނިންމާފައެވެ.

އެޗްޑީސީގައި މިވަގުތު 166 އަންހެން މުވައްޒަފުން މަސައްކަތް ކުރެއެވެ. އެޗްޑީސީއަކީ މިފަދަ ގޮތަކަށް އަންހެން މުވައްޒަފުންނަށް ޚާއްސަކޮށްގެން ކޮންމެމަހަކު ޚާއްސަ "މެޑިކަލް ލީވް"އެއް ދޭން ނިންމި ފުރަތަމަ ކުންފުންޏެވެ.

އެޗްޑީސީގެ މި ނިންމުމާއި ގުޅޭގޮތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަ ސުހައިލް އަޙްމަދު ވިދާޅުވީ މި ނިންމުމަކީ ކުންފުނީގެ މެނޭޖްމަންޓުގައި ވަރަށްފުޅާކޮށް މިކަމަށް މަޝްވަރާ ކުރެއްވުމަށްފަހު ކުންފުނީގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ލުއިގޮތެއް ތަނަވަސް ކުރުމަށް ނިންމި ނިންމުމެއްކަމަށެވެ. މަހަކު އެއްފަހަރު އަންހެން މުވައްޒަފުންނަށް ޗުއްޓީއެއްދޭން ނިންމި މައިގަނޑު އެއް ސަބަބަކީ އަންހެނުންނަށް ދިމާވާ މައްސަރު ކަންތަކާ ގުޅިގެން ބައެއް ފަހަރު ސަލާމް ބުނުމާއި، ޗުއްޓީ ނެގުމަކީ ކުރަން މަޖުބޫރު ކަމެއްކަމަށްވެ އެކަމުގައި އަންހެން މުވައްޒަފުންނަށް ދިމާވާ ތަތިތަކަށް ކޮންމެވެސްވަރެއްގެ ޙައްލެއް ގެނައުމަށް ކަމަށެވެ.

މައްސަރުކަންތައް ދިމާވުމުން ބައެއް އަންހެނުން، ވަރަށްބޮޑަށް ބަނޑުގައި ރިއްސުމާއި އެކިކަތަ އުނދަގޫތައް ތަޙައްމަލުކުރަންޖެހެއެވެ. މިވޭނުގައި އެއް ދުވަސް ނުވަތަ ދެ ދުވަސްވެސް ބައެއް މީހުން ހޭދަކުރަންޖެހެއެވެ. މިކަމުގައި އަންހެން މުވައްޒަފުންނަށް ވަޒީފާއިން ކޮންމެވެސްވަރެއްގެ ލުޔެއް ދިނުމާމެދު އަބަދުވެސް ބަޙުސްކުރެވެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ދުވަހުގެ ތަހްނިޔާ ފޮނުއްވައި އެޗްޑިސީން ވިދާޅުވީ، އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް ޚާއްސަ ސެޝަންއެއް އޮންލައިންކޮށް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. އެއީ އިންސްޓިޓިއުޓް ފޯ ވެލްނެސް އެޑިއުކޭޝަން ބައި، ވުމެން ސެންޓަރުގެ ގުޅިގެން ބޭއްވި ސެޝަނެކެވެ.

އެޗްޑިސީން އެކުންފުނީގެ އަންހެން މުވައްޒަފުންނަށް މިދޭ ޗުއްޓީއަކީ ދިވެހި ކުންފުންޏަކުން މިފަދަ ޗުއްޓިއެއް ދޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.