ޚަބަރު

ބަނގުލަދޭޝް މީހުންގެ ޕާސްޕޯޓު އަވަހަށް އާކުރަން އަންގައިފި


ރާއްޖޭގައި ދިރިއުޅޭ ބަނގުލަދޭޝްގެ ރައްޔިތުން ވީ އެންމެ އަވަހަކަށް ޕާސްޕޯޓު އާކުރުމަށް ރާއްޖޭގައި ހުންނަ އެޤައުމުގެ ހައިކޮމިޝަނުން އަންގައިފިއެވެ. ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ބަނގުލަދޭޝްގެ ސަފީރު ކާޒީ ސަރުވާރު ހުސައިން ވިދާޅުވީ މިމަހުގެ 24 ވަނަދުވަހުން ފެށިގެން ބަނގުލަދޭޝްގެ ރައްޔިތުންނަށް އިލެކްޓްރޯނިކް ޕާސްޕޯޓުގައި ނޫނީ ބޭރުޤައުމުތަކަށް ދަތުރު ނުކުރެވޭނެކަމަށް އެޤައުމުގެ ސަރުކާރުން އަންގާފައި ވާކަމަށެވެ. އެހެންކަމުން ރާއްޖޭގައި ހުންނަ ބަނގުލަދޭޝްގެ ހައިކޮމިޝަނުން ވެސް ޕާސްޕޯޓުގެ ކަންކަން ހަމަޖައްސައިދިނުމަށް އިންތިޒާމްތަކެއް ހަމަޖައްސާފައި ވާކަމަށް ސަފީރު ވިދާޅުވިއެވެ. އެގޮތުން ޕާސްޕޯޓު ރެޖިސްޓްރޭޝަންގެ މަސައްކަތަށް ހާއްސަ 3 ޑެސްކު މިހާރު ހައިކޮމިޝަނުގައި ޤާއިމް ކުރެވިފައި ވާނޭކަމަށާއި އެ ޑެސްކުތަކުގެ އެހީގައި ދުވާލެއްގެ މައްޗަށް 300 ޕާސްޕޯޓު ޕްރޮސެސް ކުރެވޭނެ ކަމަށް ސަފީރު ވިދާޅުވިއެވެ.މީގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބަނގުލަދޭޝްގެ ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް އެޤައުމުގެ ހައިކޮމިޝަނުން ފޯރުކޮށްދެމުންދާކަން ސަފީރު ވިދާޅުވިއެވެ. އޭގެތެރޭގައި ކޮންމެ ހުކުރު ދުވަހަކު ހިލޭ ބޭސްފަރުވާކުރެވޭނެހެން ކުރިއަށްގެންދާ ފްރައިޑޭ ކްލިނިކާއި ކޮމިއުނިޓީ ކްލަބް ސަފީރު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބަނގުލަދޭޝް ރައްޔިތުންނަށް ދިމާވާ އެކިއެކި ކަންކަމަށް ހައްލުހޯދައިދިނުމަށް 24 ގަޑިއިރު ގުޅޭނެ ހޮޓްލައިނެއްގެ ހިދުމަތްވެސް މިހާރު ލިބޭނެ ކަމަށް ހައިކޮމިޝަނުން މަޢުލޫމާތުދެއެވެ.