ޚަބަރު

ޢަދާލަތު ޕާޓީގެ ޤައުމީ މަޖިލީސް ބާއްވަނީ އޮންލައިންކޮށް


ކޯވިޑް-19ގެ ޙާލަތުގެ ސަބަބުން ޢަދާލަތު ޕާޓީގެ 3ވަނަ ޤައުމީ މަޖިލިސް އޮންލައިންކޮށް ބާއްވަން އެޕާޓީން ނިންމައިފިއެވެ.

ޢަދާލަތު ޕާޓިގެ ޤައުމީ މަޖިލިސް ކުރިން ބާއްވަން ހަމަޖައްސާފައިވަނީ މިމަހުގެ 11އިން 13އަށް އެއްތަނަކަށް މީހުން ޖަމާވެގެންނެވެ. އެހެންނަމަވެސް ކޯވިޑު-19ގެ ޙާލަތާހުރެ އޭރުވެސް ހަމަޖެހިފައިވަނީއަތޮޅު ތަކުން ބައިވެރިވާ ބޭފުޅުން އޮންލައިންކޮށް ބައިވެރިވާގޮތަށެވެ. މިހާރުވަނީ މުޅި ޤައުމީ މަޖިލީސްވެސް އޮންލައިންކޮށް ބޭއްވުމަށް ޢަދާލަތު ޕާޓީން ނިންމީ ރާއްޖޭގައި ކޯވިޑު-19ގެ ޙާލަތު އިތުރަށް ގޯސްވެ އެޗްޕީއޭއިން އެޅުއްވި ޚާއްސަ ފިޔަވަޅުތަކަށް އިޙްތިރާމް ކުރުމުގެ ގޮތުންކަމަށް އެޕާޓީން ބުނެއެވެ.

އަލަށް އިންތިޚާބުވި ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ އާއި ނައިބު ރައީސް އަޙްމަދު ޝަރީފް ހުވާކުރެއްވުން ޤައުމީ މަޖިލީހުގައި އޮންނާނެއެވެ. އަދި މިމަޖިލީހުގައި އިތުރު ދެ ނައިބު ރައީސުން އިންތިޚާބު ކުރުންވެސް އޮންނާނެކަމަށްވެސް އެޕާޓީން ބުނެއެވެ. މީގެއިތުރުން މަޝްވަރާ މަޖިލީހުގެ އިންތިޚާބާއި ދާއިމީ ކޮމެޓީތައް އެކުލަވާލުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޢަދާލަތު ޕާޓީގެ ދުސްތޫރު ބުނާގޮތުން ކޮންމެ ފަސްއަހަރަކުން އެއްއަހަރު ޤައުމީ މަޖިލިސް ބާއްވަން ޖެހެއެވެ. ނަމަވެސް ޤައުމާއި ޕާޓީގެ ޙާލަތު ހުރި ގޮތުގެ ސަބަބުން އަސާސީ ޤަވާއިދުގައި ބުނާގޮތަށް އެޕާޓީގެ މަޝްވަރާ މަޖިލީހުން ވަނީ ޤައުމީ މަޖިލީސް ބޭއްވުން ފަސްކުރިއެވެ.