ޚަބަރު

ކަރަންޓީންނުވެ ކެމްޕެއިނަށް ދެވޭގޮތަށް ގައިޑްލައިނަށް ބަދަލު ގެނެސްފި


އަންނަ މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ރަށްރަށަށް ކެމްޕެއިން ކުރުމަށް ދެވޭނެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅައިފިއެވެ.

އެޗްޕީއޭގެ ގައިޑްލައިންގައި ބުނެފައިވާގޮތުން ކަރަންޓީނުނުވެ މާލެއިން ރަށްރަށަށް ކެމްޕެއިނަށް ދެވޭނީ 5 ދުވަހަށްވުރެ އިތުރުނުވާނެ ގޮތަކަށެވެ.

ކޯވިޑް-19ގެ މިޙާލަތުގައި ރާއްޖޭގައި މިބަލި ފެތުރޭ ޙާލަތެއްއޮތް މާލެއިން ރަށްރަށަށް ކެމްޕެއިނަށް ދާ މީހުން ޢަމަލުކުރާނެ އުސޫލުގައި ޚާއްސަ ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ. މާލެއިން ރަށްރަށަށް ކެމްޕެއިނަށް ދާ މީހުން 5 ދުވަހަށްވުރެ ގިނަ ދުވަހަށް ދާނަމަ 10 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައި ވަނީ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތާޢީދު ހޯދުމަށް ކެމްޕޭން ކުރުމަށް ބަލި ފެތުރެމުންދާ ޙާލަތު އޮތްރަށަކުން ނުވަތަ ގެސްޓް ހައުސް ހިންގާ ރަށަކުން ނުވަތަ ރިސޯޓަކުން، ބަލި ފެތުރެމުންދާ ޙާލަތު ނެތް ރަށަކަށް ކަރަންޓީނުވުމަކާ ނުލައި 5 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ދަތުރު ކުރެވޭނެކަމަށެވެ. ނަމަވެސް މި ދަތުރުތަކުގައި 5 މީހުންނަށްވުރެ ގިނައިން މީހުން ބައިވެރި ނުނެވޭނެކަމަށް ވަނީ ކަނޑައަޅާފައެވެ.

ދަތުރުކުރުމަށް ހުއްދަ ހޯދުމާއި ހުއްދަ ދިނުމުގައި ޢަމަލުކުރާނެ ގޮތަށް ބަލައިރު ދަތުރުކުރުމުގެ ކުރިން ކެންޑިޑޭޓުން އަދި ކެންޑިޑޭޓުންގެ ފަރާތުން ދަތުރުކުރާ މީހުން އެކަމަށް ހުއްދަ ހޯދަންޖެހެއެވެ. އުޞޫލުގެ ދަށުން ދަތުރުކުރެވޭނީ ދަތުރުކުރާދުވަހުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީ.ސީ.އާރ ޓެސްޓުގެ ނެގެޓިވް ނަތީޖާ އޮވެގެން ކަމަށްވެސް އުސޫލުގައިވެއެވެ.

ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ޢަމަލު ކުރަންޖެހޭ ގޮތް އެޗް.ޕީ.އޭ އަށް އީމެއިލުން ދީފައިވާ ހުއްދަ ރަށަށް ފުރުމުގެ ކުރިން ކައުންސިލާ ހިއްސާ ކުރަންޖެހެއެވެ. އަދި ދަތުރުކުރާ މީހުން ރައްކާތެރިކަމާއެކުގައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ދަތުރުކުރަން ފަށަންވާނީ ދަތުރުކުރުމުގެ ހުއްދަ ލިބުމަށްފަހުގައިކަމަށްވެސް ގައިޑްލައިންގައި ވެއެވެ.

ކެމްޕެއިން ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކާއި ހަފްލާތަކާއި އެކި ހަރަކާތްތައް ބޭއްވުމުގައާއި އެކަންކަމުގައި ބައިވެރިވުމުގައި ޢަމަލު ކުރަންޖެހޭ ގޮތްތަކުގެ ގައިޑްލައިންގައި ކަނޑައަޅާފައިވަނީ ރަށްރަށަށް ކެމްޕެއިނަށްދާ ޓީމުތަކުން ޑޯޓުޑޯ ކުރިއަށް ނުގެންދިއުމަށެވެ. އަދި ޖަލްސާ ބާއްވާނަމަ ހާމަކަން ބޮޑު ތަނެއްގައި ވީހާވެސް ކުޑަ ވަގުތެއް ހޭދަވާނޭ ގޮތަކަށް ބައްދަލުވުން ބޭއްވުމަށް ވަނީ ކަނޑައަޅާފައެވެ.

އަންނަ މަހުގެ 10ވަނަ ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު އިންތޚާބާބެހޭ ޤާނޫނުގައި ބުނާގޮތުން ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް 28 ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ.

މުހައްމަދު

5 ދުވަސް 5 މީހުން. މީވާ ހާދަ ވިސްނުން ރަގަޅު ވައިރަސްއެކޭ.