ޚަބަރު

އަދާލަތު ޕާޓީގެ ނާއިބު ރައީސުންނަށް ޑރ.ނައުޝާދާއި، އިޔާދު އިންތިޚާބުކޮށްފި


އަދާލަތު ޕާޓީގެ ނާއިބް ރައީސުންގެ ގޮތުގައި ޒުވާން ދެ ބޭފުޅުން ކަމަށްވާ ޑރ.ނައުޝާދު މުހައްމަދު އާއި، މުހައްމަދު އިޔާދު ހަމީދު އިންތިޚާބުކޮށްފިއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އޮންލައިންކޮށް ކުރިއަށް ގެންދާ އަދާލަތު ޕާޓީގެ 3 ވަނަ ޤައުމީ މަޖިލިސްގެ މިއަދުގެ ދަންފަޅީގައިވަނީ ޕާޓީގެ މުހިންމު ގުނަވަންތަކަށް ބޭފުޅުން އިންތިޚާބު ކޮށްފައެވެ. މިއަދުގެ ދަންފަޅީގައި އަދާލަތު ޕާޓީގެ ދެ ނާއިބް ރައީސުންގެ ގޮތުގައި ޒުވާން ދެބޭފުޅަކު ވަނީ އިންތިޚާބު ކޮށްފައެވެ.

އަދާލަތު ޕާޓީގެ ނާއިބް ރައީސުންގެ ގޮތުގައި އިންތިޚާބު ކޮށްފައިވަނީ ޑރ.ނައުޝާދު މުހައްމަދު އާއި، މުހައްމަދު އިޔާދު ހަމީދުއެވެ. މިދެބޭފުޅުން އިންތިޚާބު ވެފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މިދެބޭފުޅުންނާއިއެކު އަދާލަތު ޕާޓީގައި ތިން ނާއިބް ރައީސުން ތިއްބަވާނެއެވެ. އަދާލަތު ޕާޓީގެ އަނެއް ނާއިބް ރައީސަކީ އަހުމަދު ޝަރީފްއެވެ.

މިއަދު ކުރިއަށްދިޔަ ކޮންގްރެސްގެ ދަންފަޅީގައިވެސް ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ޕާޓީގެ ފަނޑިޔާރުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރުމާއި، ޒުވާނުންގެ މަޖިލީހަށާއި، އަންހެނުންގެ މަޖިލީހަށް ވަނީ މެމްބަރުން އިންތިޚާބު ކޮށްފައެވެ. އަދި މިއަދުގެ ދަންފަޅީގައި ވަނީ ޕާޓީގެ ދުސްތޫރު އިސްލާހު ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.

އަދާލަތު ޕާޓީގެ ކޮންގްރެސްގެ ފަހުދުވަހަކީ މާދަމައެވެ. މާދަމާ އެޕާޓީގެ ދުސްތޫރަށް ގެންނަ އިސްލާހުތައް ފާސްކުރުމާއި، ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ވާޗުއަލްކޮށް ސިޔާސީ ޕާޓީއެއްގެ ކޮންގްރެސް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.