ޚަބަރު

ކަރަންޓީން ނުވެ ކެމްޕެއިނަށް ދެވޭގޮތަށް ގައިޑްލައިނަށް ގެނައި އިސްލާހު އުވާލައިފި


އަންނަ މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ކަރަންޓީން ނުވެ ރަށްރަށަށް ކެމްޕެއިން ކުރުމަށް ދެވޭގޮތަށް ގައިޑްލައިނަށް ގެނައި އިސްލާހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އުވާލައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ގައިޑްލައިނަށް ގެނައި އިސްލާހު އުވާލީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާގުޅިގެން ކަމަށެވެ. ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް ދެވޭގޮތަށް ގެނައި އިސްލާހަކީ އިލެކްޝަންސް ކޮމިޝަނާއިއެކު އެޗްޕީއޭއިން ބޭއްވި ބައްދަލުވުންތަކަށްފަހު ގެނައި އިސްލާޙްތަކެކެވެ.

އެޗްޕީއޭއިން ބުރާސްފަތި ދުވަހުގެ ރޭ އާންމުކުރި އުސޫލުގައި ބުނެފައިވަނީ މާލެއިން ރަށްރަށަށް ކެމްޕެއިނަށް ދާ މީހުން 5 ދުވަހަށްވުރެ ގިނަ ދުވަހަށް ދާނަމަ 10 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހޭ ކަމަށެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައި ވަނީ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތާޢީދު ހޯދުމަށް ކެމްޕޭން ކުރުމަށް ބަލި ފެތުރެމުންދާ ޙާލަތު އޮތް ރަށަކުން ނުވަތަ ގެސްޓް ހައުސް ހިންގާ ރަށަކުން ނުވަތަ ރިސޯޓަކުން، ބަލި ފެތުރެމުންދާ ޙާލަތު ނެތް ރަށަކަށް ކަރަންޓީންވުމަކާ ނުލައި 5 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ދަތުރު ކުރެވޭނެކަމަށެވެ. ނަމަވެސް މި ދަތުރުތަކުގައި 5 މީހުންނަށްވުރެ ގިނައިން މީހުން ބައިވެރި ނުވެވޭނެކަމަށް ވަނީ ކަނޑައަޅާފައެވެ.

ދަތުރުކުރުމަށް ހުއްދަ ހޯދުމާއި ހުއްދަ ދިނުމުގައި ޢަމަލުކުރާނެ ގޮތަށް ބަލާއިރު ދަތުރުކުރުމުގެ ކުރިން ކެންޑިޑޭޓުން އަދި ކެންޑިޑޭޓުންގެ ފަރާތުން ދަތުރުކުރާ މީހުން އެކަމަށް ހުއްދަ ހޯދަންޖެހެއެވެ. އުޞޫލުގެ ދަށުން ދަތުރުކުރެވޭނީ ދަތުރުކުރާދުވަހުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީ.ސީ.އާރް ޓެސްޓުގެ ނެގެޓިވް ނަތީޖާ އޮވެގެން ކަމަށްވެސް އުސޫލުގައިވެއެވެ.

ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ޢަމަލު ކުރަންޖެހޭ ގޮތް އެޗް.ޕީ.އޭއިން އީމެއިލުން ދީފައިވާ ހުއްދަ ރަށަށް ފުރުމުގެ ކުރިން ކައުންސިލާ ހިއްސާ ކުރަންޖެހެއެވެ. އަދި ދަތުރުކުރާ މީހުން ރައްކާތެރިކަމާއެކުގައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ދަތުރުކުރަން ފަށަންވާނީ ދަތުރުކުރުމުގެ ހުއްދަ ލިބުމަށްފަހުގައިކަމަށްވެސް ގައިޑްލައިންގައި ވެއެވެ.

އަންނަ މަހުގެ 10ވަނަ ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު އިންތިޚާބާބެހޭ ޤާނޫނުގައި ބުނާގޮތުން ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް 28 ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ.