ވިޔަފާރި

އިންޑިއާގެ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް އިތުރުކުރުމާމެދު ގޮތެއް ނުނިންމުނު!


އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް އިތުުރުކުރުމަށް އަޅާނެ ފިޔަވަޅުތަކާއި މެދު ވަކި ގޮތެއް ނުނިންމާ އައިއޯޓީސީގެ ބައްދަލުވުން ނިންމާފައިފިއެވެ.

އިންޑިއާ ކަނޑުގެ ރީންދޫ އުރަޙަ ކަންނެލީގެ ސްޓޮކް އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތައް ކަނޑައެޅުމަށް މިމަހުގެ 8 ވަނަ ދުވަހުން 12 ވަނަ ދުވަހަށް ބޭއްވި އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރާ ސަރަޙައްދީ ޖަމުޢިއްޔާ، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން، އައިއޯޓީސީގެ ޙާއްސަ ބައްދަލުވުމުގައި ރާއްޖެއިން ވަނީ އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކު ބެލެހެއްޓުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކުރުމާއި ގުޅޭގޮތުން ޕްރޮޕޯސަލްއެއް ހުށައަޅައިފައެވެ. އެހެން ނަމަވެސް ރާއްޖޭގެ ޕްރޮޕޯސަލް ފާސްކުރުމަށް އައިއޯޓީސީގެ މެމްބަރު ޤައުމުތަކުން ބޭނުންވާ އެއްބާރުލުން ވަނީ ނުލިބިފައެވެ.

ޕީއެސްއެން ނިއުސްއަށް ދެއްވި ޙާއްސަ އިންޓަރވިއުއެއްގައި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދު ވިދާޅުވީ މިފަދަ އެއްބަސްވުމެއް ޤާއިމްވެގެން ދިޔުން ރާއްޖެއަށް މުޙިއްމުކަމަށެވެ.

"ސްޓޮކްގެ ހާލަތު ގޯސްކޮށް އޮތް މަސްވެރިކަމަކުން ބާނާ މަސް ނުގަންނޭނެކަމަށް ބައިނަލްއަޤްވާމީ ރީޓެއިލަރުންވަނީ ފާހަގަކޮށްފައި، އަދި ބޯއިކޮޓްކުރަންވެސް ވަނީ ގޮވާލާފައި، އެކަން ހައްލުކުރެވެން އޮތީ ސްޓޮކް އިއާދަކުރަން ޕްލޭންއެއް ހެދި ހުރިހާ ޤައުމަކުން އެކަމަށް އެއްބަސްވެގެން،" ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ފާހަގަކުރެއްވި ގޮތުގައި ރާއްޖެއިން ބާނާ ރީނދޫ އުރަހަ ކަންނެލީގެ ބޮޑު ބައެއް އެކްސްޕޯޓުކުރަނީ ޔޫރަޕްގެ މާރކެޓަށް ކަމަށްވާއިރު، ރާއްޖެއަށް މިފަދަ އެއްބަސްވުމެއް ޤާއިމްވެގެންދިޔުން މުޙިއްމު ކަަމަށެވެ.

"ހުރިހާ ޤައުމުތަކަކީ ބޭރުގެ މާރކެޓްތަކަށް ރާއްޖެއިން ބަރޯސާވާ ގޮތަކަށް ބަރޯސާއެއް ނުވޭ، އެހެންވެ ކަންނޭގެ އެހެން ޤައުމުތަކުން މަސް ބާނާ މިންވަރު މަދުކުރަން އެއްބަސްނުވަނީ" ޒަޔާދު ވިދާޅުވިއެވެ.

އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް އިތުުރުކުރުމަށް އަޅާނެ ފިޔަވަޅުތަކާއި މެދު ވަކި ގޮތެއް ނުނިންމާ އައިއޯޓީސީގެ ބައްދަލުވުން ނިންމާލުމުން ރާއްޖޭގެ ފިޝަރީޒް މިނިސްޓަ ޒަހާ ވަޙީދު އަދި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އައިއޯޓީސީގެ މި ބައްދަލުވުމުގައި ވަކި ގޮތެއް ނިންމާފައި ނުވިނަމަވެސް އަންނަ ޖޫންމަހު އޮންނަ އައިއޯޓީސީގެ އަހަރީ އާއްމު ޖަލްސާއަށްވެސް ޕްރޮޕޯސަލެއް ހުށަހަޅުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމާފައެވެ. އަދި މި ޖަލްސާއަށް އިތުރަށް މަސައްކަތްކޮށް، އެހެން ޤައުމުތަކާއެކު ވަކިން ބައްދަލުވުންތައް ބާއްވާނެކަމަށް ޒިޔާދް ވިދާޅުވިއެވެ. އަދި ރާއްޖެއިން މަސް ގަންނަ ފަރާތްތަކާއި އެކުވެސް ބައްދަލުވުންތައް ބާއްވާ ރާއްޖެއިން މަސްވެރިކަން ކުރާ ގޮތާއި، ރާއްޖެއިން ބާނާ މަހަކީ ދެމެހެއްޓެނިވި ގޮތަކަށް ކުރާ މަސްވެރިކަމެއްކަން އަންގައިދޭނެ ކަމަށެވެ ޒިޔާދު ވިދާޅުވިއެވެ.

އިންޑިއާ ކަނޑުން ރީނދޫއުރަހަ ކަންނެލި ހިފާ މިންވަރު މަދު ނުވެ، ކަންނެލީގެ މަސްވެރިކަން ކުރަމުންދާ ދިއުމުގެ ސަބަބުން ރީނދޫ އުރަހަ ކަންނެލީގެ އާބާދީ ނެތި ހިނގައިދާނޭކަމުގެ ކަންބޮޑުވުން ފާޅުކޮށް އިންޑިއާ ކަނޑުން ބާނާ ރީނދޫއުރަހަ ކަންނެލި "ބޮއިކޮޓް ކުރަންޖެހިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ބޮޑެތި ރީޓެއިލަރުން އަދި ސުޕަމާކެޓްތަކުން ވަނީ ދީފައިއެވެ. އެހެންކަމުން، ދިވެހިރާއްޖެއިން އައި.އޯ.ޓީ.ސީ.ގެ ޚާއްޞަ ބައްދަލުވުމަށް ހުށަހެޅި ހުށަހެޅުމަކީ، އިންޑިއާ ކަނޑުގެ ރީނދޫއުރަހަ ކަންނެލީގެ ހާލަތު ރަނގަޅު ކުރުމަށާއި ރާއްޖެއިން ދުނިޔޭގެ ބާޒާރުތަކަށް ރީނދޫއުރަހަ ކަންނެލި އެކްސްޕޯޓުކުރުމަށް މުސްތަޤުބަލުގައި ކުރިމަތިވެދާނެ ހުރަސްތަކަށް ރިޢާޔަތްކޮށް އެކަންކަމަށް ހައްލު ހޯދުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ހުށަހެޅުމެއްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

2015 ވަނަ އަހަރު ބޭއްވި އައި.އޯ.ޓީ.ސީ.ގެ ސައިންޓިފިކް ކޮމިޓީގެ 18 ވަނަ ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ރީނދޫއުރަހަ ކަންނެލީގެ އާބާދީ ހީނަރުވެފައިވާ ކަމަށާއި، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން ކުރަމުންދަނީ އެ ތަކެތީގެ އާބާދީއަށް ގެއްލުންވާނޭ މިންވަރަކަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ.