ޚަބަރު

ކޯވިޑް-19 : މިއަދުވެސް ޢަދަދު 100އިން ދަށުގައި


ރާއްޖެއިން އަނެއްކާވެސް އިތުރު 96 މީހުން ކޯވިޑް19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 21،572އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހުގެ އިރުއޮއްސި 6:00އިން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވި 96މީހުންގެ ތެރޭގައި ހިމެނެނީ، މާލެއިން ޕޮޒިޓިވްވި 75 މީހުންނާއި އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 10 މީހުންނާއއި ރިސޯޓްތަކުން ޕޮޒިޓިވްވި 10 މީހުންނާއި ސިނާޢީ މަސައްކަތްކުރާ ރަށަކުން ޕޮޒިޓިވްވި މީހެކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 21،572އަށް އިތުރުވެފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު 128 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު މިހާތަނަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 19،095 އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،406 މީހުންނެވެ. ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 125 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިގެން ނިޔާވެފައިވަނީ 64 މީހުންނެވެ. އެއީ 56 ދިވެހިންނާއި 8 ބިދޭސީންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،071 ސާމްޕަލް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްގެ އަދަދު މިހާރު ވަނީ 576،928 އަރާފައެވެ.