ޚަބަރު

ޤުދުސްގައި ކޮސޯވޯގެ އެންބަސީއެއް ހުޅުވައިފި


އިސްރާއީލުގައި ހުންނަ ކޮސޯވޯގެ އެންބަސީ ޤުދުސްގައި ހުޅުވައިފިއެވެ. ކޮސޯވޯއަކީ ޤުދުސްގައި އެމެރިކާއާއި ގުއާޓަމާލާއަށްފަހު އެންބަސީއެއް ހުޅުވި ތިންވަނަ ޤައުމެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ މޭސްތިރިކަމުގެ ދަށުން ޢަރަބި އަދި މުސްލިމު ބައެއް ޤައުމުތަކުންވަނީ އިސްރާއީލާއެކު ގުޅުން ބަދަހިކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ކޮސޯވޯއިންވެސްވަނީ އިސްރާއީލާއެކު ޚާރިޖީ ގުޅުން ޤާއިމުކޮށްފައެވެ. މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ކޮސޯވޯއިންވަނީ އިސްރާއީލުގައި ހުންނަ އެ ޤައުމުގެ އެންބަސީ ޤުދުސްގައި ހުޅުވުމަށް ވަޢުދުވެފައެވެ.

ފަލަސްޠީން ލިބަރޭޝަން އޯގަނައިޒޭޝަން ޕީއެލްއޯއިން ބުނީ ޤުދުސްގައި ކޮސޯވޯގެ އެންބަސީ ޤާއިމުކުރުމަކީ އދގެ ޤަރާރުތަކާ ޚިލާފު ޢަމަލެއްކަމަށާއި އެ ޢަމަލަކީ ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރަމުންދާ މަސައްކަތްތައް ބަލިކަށިކުރުމުގެ މަޤުސަދުގައި ކުރިކަމެއްކަމަށެވެ.

ކޮސޯވޯއިން ޤުދުސްގައި އެންބަސީއެއް ހުޅުވާފައިވަނީ މި މަހުގެ 11ވަނަ ދުވަހު ޗެކް ރިޕަބްލިކުގެ ޚާރިޖީ އިދާރާއެއް ޤުދުސްގައި ހުޅުވާފައިވަނިކޮށެވެ. ފަލަސްޠީނުގެ ސަރުކާރުންނާއި ޢަރަބި ލީގުންވަނީ އެކަން ކުށްވެރިކޮށްފައެވެ.

އިސްރާއީލާއި ފަލަސްޠީނުގެ މައްސަލައިގެ އެންމެ މައިގަނޑު އެއް ދެބަސްވުމަކީ ޤުދުސްގެ މައްސަލައެވެ. 1967ވަނަ އަހަރު ކުރި ހަނގުރާމައިގައި އިސްރާއީލުންވަނީ އިރުމަތީ ޤުދުސާއި ހުޅަނގު އައްސޭރިއާއި ޣައްޒާ އިސްތިޢުމާރުކޮށްފައެވެ. އެއީ އިސްރާއީލުގެ ބައެއްކަމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިއެއްނުގަނެއެވެ. ފަލަސްޠީނަކީ މިނިވަން ދަޢުލަތެއް ގޮތުގައި ކަނޑައެޅުމަށް ކުރާ މަސައްކަތުގެ ދަށުން އެ ޤައުމުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް ޤާއިމުކުރުމަށް ފަލަސްޠީނުން ބޭނުންވެއެވެ.