ވިޔަފާރި

ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި


ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެސްޓީއޯއިން އަނެއްކާވެސް ތެލުގެ އަގަށް ބަދަލު ގެނެސްފިއެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 0.41 ލާރި ބޮޑުކޮށްފައިވާކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ ލީޓަރެއް 8.85 ރުފިޔާއަށެވެ. ކުރިން ޕެޓްރޯލް ލީޓަރެއް އެސްޓީއޯއިން ވިއްކީ 8.44 ރުފިޔާއަށެވެ.

ޕެޓްރޯލްގެ އިތުރުން ޑީސަލް ވިއްކާ އަގަށްވެސް އެސްޓީއޯއިން ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން ޑީސަލް ލީޓަރަކުން 0.60 ލާރި އެސްޓީއޯއިން ވަނީ ބޮޑުކޮށްފައެވެ. މިއާއެކު ދެން ޑީސަލް ލީޓަރެއް ލިބޭނީ 9.79 ރުފިޔާއަށެވެ. ކުރިން ޑީސަލް ލީޓަރެއް ވިއްކީ 9.19 ރުފިޔާއަށެވެ.

އެސްޓީއޯއިން ވަނީ މިދިޔަ ފެބްއުރައީމަހުގެ 21 ވަނަ ދުވަހުވެސް ތެލުގެ އަގަށް ބަދަލު ގެނެސްފައެވެ. އެގޮތުން އޭރުވަނީ ޕެޓްރޯލް ލީޓަރަކުން 0.37 ލާރި އަދި ޑީސަލް ލީޓަރަކުން 0.48 ލާރި ބޮޑުކޮށްފައިވެއެވެ.

އެސްޓީއޯއިން ބުނީ ތެލުގެ އަގަށް ބަދަލު ގެނައީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުންދާތީކަމަށެވެ. ކޯވިޑްގެ ބަލިމަޑުކަން ބޮޑުވެގެން ދިޔަ ދުވަސްވަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވަމުން ދިޔަ ދުވަސްވަރު އެސްޓީއޯއިން ވަނީ ރާއްޖޭގައި ވިއްކާ ޕެޓްރޯލާއި ޑީސެލްގެ އަގު އެތައް ފަހަރެއްގެ މަތިން ކުޑަކޮށްފައިވާނެކަމަށެވެ.