ޚަބަރު

އުތުރުތިލަފަޅާއިގުޅޭ ހަގީގަތާއި ޚިލާފްވާހަކަ ދައްކާ މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލައި ކުއްލި މައްސަލައެއް


އުތުރު ތިލަފަޅާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފްވާހަދައްކާ މީހުންނާއި، މިއެއްބަސްވުމާއި ގުޅޭ ފޭކު އެއްބަސްވުންތައް ލީކު ކުރަމުންދާ މީހުންނާއިމެދު ޤާނޫނީ ފިޔަވަޅުއެޅުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އުތުރުތިލަފަޅާއި ގުޅޭ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިންއެވެ. ކުއްލި މައްސަލަ ބަލައި ގަތުމަށް ފާސްވީ 38 މެމްބަރުން ވޯޓުންނެވެ.

މުހައްމަދު ރަޝީދު ހުށަހަޅުއްވި މިމައްސަލާގައި ބުނެފައިވަނީ 2013 ވަނަ އަހަރުން ފެށިގެން ނިމިދިޔަ ސަރުކާރުތަކުން މި އެއްބަސްވުން ހެދުމަށް މަސައްކަތްކޮށް 2016 ވަނަ އަހަރު އޭރުގެ ސަރުކާރުން އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މި އެއްބަސްވުން ހަދާފައިވާކަމަށެވެ. އަދި މިހާރުގެ ސަރުކާރުން އޭރުގެ އެއްބަސްވުމުގައި ހިމެނޭ ރާއްޖޭގެ މިނިވަންކަމަށް ނުރައްކާވާގޮތަށް ހުށަހެޅި ހުރިހާ މާއްދާތަކެއް އުނިކޮށް، ރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލު ދެމެހެއްޓޭގޮތަށް މި އެގްރީމަންޓަށް ބަދަލުގެނެސް އިސްލާހު ކޮށްފައިވާކަމަށެވެ.

އޭނާ ވިދާޅުވީ މިއީ ޤައުމީ މަސްލަހަތާއި ގުޅުން އޮތް ބޮޑު މައްސަލައަކަށްވާއިރު މިކަމުގައި ޝާމިލުވާ މީހުންނާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަންޖެހޭކަމަށެވެ. ސިފައިންގެ އަގު ވައްޓާލައި ފޭކު އެގްރީމަންޓް ހަދައިގެން ކުރާ މަސައްކަތްތަކަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށް މުހައްމަދު ރަޝީދު ވިދާޅުވެފައިވެއެވެ. ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ޤައުމަކަށްވުމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ދިވެހި ސިފައިން ކުރައްވާ މަސައްކަތާއި ދެކޮޅަށް މަސައްކަތް ކުރައްވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލާފައެވެ.

މިމައްސަލާގައި މަޖިލީހުގައި ވާހަކަ ދެއްކެވި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ މިއީ ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް އެޅިގެންދިޔަ ވަރަށް ބޮޑު ހުރަހެއްކަމަށެވެ. މިކަމުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާމީހުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި ރުޅި އަންނާނެކަމަށެވެ. ނަމަވެސް މިއީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމުގައިވާ މައުލޫމާތު ކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވައި ޑިފެންސް މިނިސްޓްރީންވެސް ވަނީ އިއްޔެ ބަޔާނެއް ނެރެފައެވެ. ޑިފެން މިނިސްޓްރީން ވަނީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ދިވެހި ދައުލަތުގެ މަސްލަހަތާއި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާގުޅޭ މަޢުލޫމާތު ފެތުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ދިވެހިރާއްޖެއާއި އަވަށްޓެރި ޤައުމުތަކާ ދެމެދު އުފެދިފައިވާ ގުޅުންތައް ހީނަރުވެ، ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ގެއްލި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ހަޤީޤަތާ ޚިލާފު ދޮގު ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ޑިފެންސް މިނިސްޓްރީންވަނީ ކަށަވަރުކޮށްދެއްވާފައެވެ.