ޚަބަރު

މިހާލަތުގައި ޖަމާޢަތުގައި ގައިދުރުކަމާއެކު ނަމާދުކުރުމަކީ ހުއްދަކަމެއް: ފަތުވާ މަޖިލިސް


ކޯވިޑް-19އިގެ މިދަނޑިވަޅުގައި ޖަމާޢަތުގައި ގައިދުރުކަމާއެކު ނަމާދުކުރުން ކުރުމަކީ ހުއްދަ ކަމެއް ކަމެއް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފިއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު ކޯވިޑު-19 ގެ ހާލަތާ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކަން ބަހައްޓައިގެން ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ މަހު އަންގާފައެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިފަދަ ނިންމުމެއް ނިންމާފައިވަނީ ކީރިޤުރްއާނާއި ކީރިތި މާތްރަސޫލާގެ ސުންނަތާއި ފަތުވާދޭ މުއައްސަސާތަކާއި ޢިލްމުވެރިންގެ ޖަމާޢަތްތަކުގެ ބަސްފުޅުތަކުގެ އަލީގައި މިމައްސަލަ ދިރާސާކުރުމަށްފަހުގައެވެ. އަދި ދުނިޔޭގެ ބޮޑެތި އިސްލާމީ ޤައުމުތަކުގައިވެސް މިހާލަތުގަިއ އަމަލުކުރަމުންދާ ގޮތްތަކަށް ރިޢާޔަތްކޮށް ބެލުމަށްފަހުގައިކަމަށް ފަތުވާދޭ މަޖިލީހުން ބުނެފައިވެއެވެ.

ފަތުވާދޭ މަޖިލީހުން ބުނެފައިވަނީ ދުނިޔޭގެ ފަތުވާ މަޖިލީސްތަކާއި ފަތުވާ ކޮމެޓީތަކުން ނެރެފައިވާ ފަތުވާތަކުން ދަލީލުކޮށްދެނީ މީސްތަކުންގެ މެދުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރިދާނެ ކަމުގެ ބިރަށްޓަކައި މީސްތަކުން އެއްވެގެން ހެދޭ ޖަމާޢަތްތައް ހެދުން ހުއްޓާލުން ޞައްޙަ ކަމަށެވެ. ސަބަބަކީ އިސްލާމީ ޝަރީޢަތުގެ މަޞްދަރުތައް ބިނާވެފައި ވަނީ މީސްތަކުންނަށް ލުއިފަސޭހަކޮށްދީ ބުރަކަން ނައްތާލާ ޟަރޫރީ ޙާލަތުން ދިފާޢުވެ މަފްސަދާ ނައްތާލުމަށް ކަމަށްވާތީ ކަމަށެވެ.

މިކަމުގައި އޮތް މަފްސަދާގެ އަޞްލަކީ މީސްތަކުން އެއްތަނަކަށް ޖަމާވުންކަމަށް ކަމާބެހޭ ޞިއްޙީ މާހިރުން ހާމަކުރާކަމަށާއި، އެހެންކަމުން މިކަމުގައި މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވަނީ އިތުބާރުހުރި ޞިއްޙީ މާހިރުން ދޭ މަޢުލޫމާތުގެ މައްޗަށް ބުރަވެތިބެ އެއާ އެއްގޮތަށް ޢަމަލު ކުރުންކަމަށެވެ. އަދި މިއަމުރުތަކަށް ތަބާވުމަކީ ޝަރުޢީ ގޮތުން އޮތް ވާޖިބެއްކަމަށާއި، އެއީ އެއަމުރުތަކާ ޚިލާފުވުމުން ނަފުސުތަކަށް ލިބޭ ގެއްލުމުގެ ސަބަބުން ފަހަރެއްގައި އެމީހަކު މަރާކުރިމަތިލައި ހަލާކުވެގެން ދިއުންވެސް ހިމެނޭތީކަމަށް ފަތުވާމަޖިލީހުން ބުނެއެވެ.

ދުނިޔޭގެ އިސްލާމީ ޤައުމުތަކާއި، ދީނީ ގޮތުން މިފަދަ ކަންކަމުގައި ފެންނަންހުރި ލަފަޔާއި އިލްމުވެރިން ދީފައިވާ ލަފަޔަށް ބަލާއިރު ފަތުވާދޭ މަޖިލީހުގެ މެންބަރުންނަށް އެއްބަސްވެވުނީ މިޙާލަތުގައި ގައިދުރުކޮށްގެން ސަފުހަދައިގެން ޖަމާޢަތުގެ ނަމާދުކުރުމީ މަކްރޫހަ ކަމަކާއި ނުލައި ހުއްދަ ކަމެއް ކަމުގައެވެ. އަދި އެކަމަކީ އާޔަތްތަކާއި ޙަދީޘްތަކާއި ޢިލްމުވެރިންގެ ބަސްފުޅުތަކުން ޞައްޙަ ކަމަށް ދަލީލު ލިބޭ އަދި މިހާރު ދުނިޔޭގެ ގިނަ ޤައުމުތަކުގެ ފަތުވާދޭ މަޖިލީސްތަކުން މިޙާލަތާއި ގުޅުވައިގެން ހުއްދަ ކަމެއްގެ ގޮތުގައި ފަތުވާތައް ނެރެފައިވާ ކަމެއް ކަމަށެވެ.

ކޯވިޑް-19ގެ ކޭސްތައް މާލެ ސަރަޙައްދުގައި އިތުރުވުމާ ގުޅިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މިދިޔަ އަހަރު މެދުކަނޑާލާފައިވެއެވެ. އެހެންނަމަވެސް ކޯވިޑްގެ ކޭސްތައް މަދުވުމާ ގުޅިގެން މިސްކިތްތައް އަލުން ހުޅުވާ ޖަމާޢަތުގައި ނަމާދުކުރަން ފެށިއެވެ. ޖަމާއަތުގައި ނަމާދު ކުރުމާއިމެދު އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއްވެސް އުފެދިފައިވެއެވެ.