ޚަބަރު

ފުލުހުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި


ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އުފައްދާ ބޯޑުގެ މެންބަރުކަމަށް ޢާންމުންގެ ތެރެއިން އައްޔަންކުރާ މެންބަރު ކަމަށް ކުރިމަތިލުމަށް ހުލުވާލައިފިއެވެ.

ޕޮލިސް ބޯޑަށް އާންމު ރައްޔިތުންގެ ތެރެއިން މަޖިލީހުން ދެ މެންބަރަކު އައްޔަން ކުރަންޖެހެއެވެ. އިއްޔެ މަޖިލީހުން ވަނީ ފުލުހުންގެ ބޯޑަށް އާންމުންގެ ތެރެއިން ހާމިދު ޢަބްދުލްޣަފޫރު އައްޔަންކުރުމަށް ފާސްކޮށްފައެވެ.

ފުލުހުންގެ ބޯޑަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އެފަރާތުގެ ވަނަވަރާއި ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި، ލިބިފައިވާ މަސައްކަތު ތަޖުރިބާގެ މައުލޫމާތު ހިމެނޭ ލިޔުމަކާއި އަދި މަގާމަށް އެދޭ އެޕްލިކޭޝަން ފޯމާއި، ކުށުގެ ރެކޯޑު ފޯމާއެކު، މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށައަޅަން ޖެހެއެވެ.

މިދިޔަ އަހަރު ފާސްކުރި ފުލުހުންގެ ޚިދުމަތުގެ ބިލުގައިވަނީ ޕޮލިސް ކޮމިޝަނަރާއި، ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި، އެ މަޤާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމުގެ ބާރު ފުލުހުންގެ ބޯޑަށް ދީފައެވެ. އެ ޤާނޫނުގައި ވަނީ، ފުލުހުންގެ ޤާނޫނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އެ ޤާނޫނުގެ ދަށުން ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ޤާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަން ޖެހޭނެކަމަށެވެ.

"ޕޮލިސް ބޯޑު"ގެ ނަމުގައި އެކުލަވާލާ އެބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.