ޚަބަރު

"މިނިވަންކަމާއި ސިޔާދަތަށް ގެއްލުންހުރި ކަމަކަށް އަސްކަރިއްޔާއިން ދުވަހަކުވެސް ޖާގައެއް ނުދޭނެ"


އުތުރު ތިލަފަޅު އެއްބަސްވުމަކީ ރާއްޖެއަށް އެތައް ގޮތަކުން ފައިދާ ކުރާނެ އެއްބަސްވުމެއް ކަމަށާ، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ގެއްލުންހުރި ކަމަކަށް ދިވެހި އަސްކަރިއްޔާއިން ދުވަހަކުވެސް ޖާގަ ނުދޭނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ، އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅޭގޮތުން އެކި ފަރާތްތަކުން ދައްކަމުންދާ ހަގީގަތާ ޚިލާފދު ވާހަތަކާ ގުޅިގެން އެމްއެންޑީއެފްގެ ޖެނެރަލުން ބޭއްވެވި ނޫސްވެރިންގެ ބައްދަވުމުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ މިއެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ނެތްކަމަށެވެ. އަދި ލީކުވެފައިވާ އެއްބަސްވުންކަމަށްބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ޚަބަރުތަކަކީ އެއްވެސް ހަގީގަތެއް، އަސްލެއްނެތް ވާހަކަތަކެއްކަމަށްވެސް ޖެނަރަލް ޝަމާލް ވިދާޅުވިއެވެ.

ދިވެހި އަސްކަރިއްޔާއަށް އެތަކެއް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި އެންމެ ޝަރަފްވެރި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ނިސްބަތްކޮށް ރިޝްވަތު ހިފިކަމުގެ ތުހުމަތުތަކާއި، އަސްކަރިއްޔާގައި މިކަމާއި ގުޅިގެން ކުއްލި ބައްދަލުވުންތަކެއް ބާއްވާ ވާހަތަކާއި، އެއްބަސްވުމުގެ ސަބަބުން މިނިވަންކަން ގެއްލޭގޮތަށް ދައްކާ ވާހަތަކަކީ ސިފައިންގެ ޤަދަރާއި ކަރާމަތާއި ހައިބަތު ވެއްޔާ މޮޑެލައި، އަސްކަރިއްޔާގެ ނަން ކިލަނބުކޮށްލުމަށް ކުރެވޭ ވަރަށް ދަށުދަރަޖައިގެ ކަންތައްތަކެއްކަމަށް ޝަމާލު ވިދާޅުވިއެވެ.

"އަޅުގަނޑު ޔަގީނަކްދޭން ބޭނުންވޭ ރާއްޖޭގެ ތާރީޚަށް ބެއްލިޔަސްވެސް ދިވެހި ރާއްޖޭގެ އަސްކަރިއްޔާއަކީ އަބަދުވެސް ދިވެހި ރާއްޖޭގެ މިނިވަންކަމައި ސިޔާދަތާއި އިސްތިޤުލާލު ދެމެހެއްޓުމުގައި އެންމެ ކުރީސަފުގައި އެންމެ ވަރުގަދަޔަށް ގުރުބާނީތަކެއް ވެފައިވަ މުއައްސަސާކަން. ދިވެހި ރާއްޖޭގެ ސަލާމާތާއި މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމެއް މިމުއައްސަސާއިން ނުކުރާނެ. އަދި މިތިއްބެވި އެތައް ޒަމާނެއްވީ މިމުވައްސަސާގެ ޚިދުމަތްތެރިން އެފުރުސަތެއް ނުދެއްވާނެ." މޭޖާ ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، މިފަދަ ހަގީގަތެއް ނެތް ދޮގު ވާޖހަކަތައް ފެތުރުމަކީ ހިތާމަހުރި ކަމެއްކަމަށާ އެކަންކަން ވަރަށް ސީރިއަސް ކަމެއްގެގޮތުގައި ނަގާނެ ކަމަށެވެ. އަދި އުތުރު ތިލަފަޅުގެ އެއްބަސްވުންކަމަށް ބުނެ ދައުރުކުރަމުންދާ ލިއުމާގުޅުވައިގެން ދިފާއީބާރުގެތެރޭގައި އެކިއެކި ކަންކަން ހިނގަމުންދާކަމަށްބުނެ ނޫސްތަކުގައި ޚަބަރު ފަތުރަމުންދާކަމަށާއި މިފަދަ ހަގީގަތެއް ނެތް ވާހަކަތަކަކީ ދޫނުދެވޭނެ ކަންކަން ކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.

"މި މުއައްސަސާއަށް އަމާޒުކޮށްގެން އެކި ކަހަލަ ޕްލިޓިކަލް ޕްރޮޕެންޑާއާއި، އެކި ކަހަލަ ސިޔާސީ މަންފާ ހޯދުމަށް މިޑިއާ މެދުވެރިކޮށް މަދުބަޔަކު ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުން. މިފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅަން އަޅުގަނޑުމެން އެބަ ވިސްނަން." ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ މި އެއްބަސްވުމުގެެ ސަބަބުން ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީއަށްވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. މިއީ ސިފައިންގެ ޖެނެރަލުންގެ ތެރޭގައިވެސް މަޝްވަރާ ކުރެވި އެކި މަރުހަލާތަކުގައި ވަހަކަދެކެވި ޚިޔާލާއި ވިސްނުން އެކުލެވިގެން ތައްޔާރު ކުރެވިފައިވާ އެއްބަސްވުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 21ވަނަ ދުވަހު އިންޑިއާއާއެކު ސޮއިކުރި އެއްބަސްވުމުގައިވަނީ އުތުރު ތިލަފަޅުގައި ޖެޓީއަކާއި، ހާބަރ ރިޕެއަރ ފެސިލިޓީ (އެޗް.އާރް.އެފް)، ސްލިޕްވޭ، އަދި ބަނދަރަށް ބޭނުންވާ އެހެނިހެން ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، މުއާޞަލާތީ ވަސީލާތްތަކާއި ރާޑަރުގެ ޚިދުމަތްތައް ތަރައްޤީ ކުރުމުގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށްކަމުގައި ޝަމާލް ވިދާޅުވިއެވެ.

އަދި އެއްބަސްވުމުގައިވާ ގޮތުގެމަތިން، އިންޑިއާގެ ފަންނީ މާހިރުން، ދިވެހި މުވައްޒަފުން ތަމްރީނު ކުރުމާއި، ޑޮކްޔާޑާއި ބަނދަރުގައި ޤާއިމުކޮށްފައިވާ އެކިއެކި ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމުގައި 15 އަހަރު ދުވަހުގެ މުއްދަތަކަށް އިންޑިއާއިން އެހީތެރި ވެދޭނެކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.