ޚަބަރު

ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ އެންބިއުލާންސް ޖޫން މަހާއި ހަމަޔަށް ހަމަވާނެ: މިނިސްޓަރ


ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ އެންބިއުލާންސް މިއަހަރުގެ ޖޫން މަހާއި ހަމައަށް ހަމަވާނެކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އެންމެބިއުލާންސް ލިބޭނެ ދުވަހަކާއި ގުޅޭގޮތުން މިއަދު މަޖިލީހުގައި މަކުނުދޫ ދާއިރާގެ މެމްބަރު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ އެންބިއުލާންސް ހަމަކުރުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އެންބިއުލާންސް ބޭނުންވާ ރަށްތަކާއި، މިހާރު ބޭނުން ކުރަމުންދާ ރަށްތަކުގެ ތެރެއިން އެންބިއުލާންސް ހަލާކުވެފައިވާ ރަށްތައް ދެނެގަނެވި، އެންބިއުލާންސްތައް ލިބުމުން އެރަށްތަކަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިހާރު ތާވަލް އޮތްގޮތުން އޭޕްރީލް މަހުގެ ތެރޭގައި އެންބިއުލާންސްތައް ލިބެން ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ގެންނަ އެންބިއުލާންސް ތަކަކީ މިނިސްޓްރީން ގަނެގެން ގެންނަ އެންބިއުލާންސާއި، ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލިބޭ އެންބިއުލާންސްތައް ކަމަށެވެ. އަދި އަމާޒަކީ މި އެންބިއުލާންސްތައް ރާއްޖެއަށް ގެނެވި މިއަހަރުގެ ޖޫންމަހުގެ ކުރިން ހުރިހާ ރަށެއްގައި އެންބިއުލާންސް ހަމަކުރުންކަމަށެވެ.

މަޖިލީހުގެ އެކި ދާއިރާތަކަށް ނިސްބަތްވާ މެމްބަރުންވަނީ އެންބިއުލާންސްގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. މެމްބަރުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ، ކަންބޮޑުވުން ހުރި ރަށްތަކަށް އަދި ޚާއްސަކޮށް، އެންމެ ބޮޑަށް މިކަމުގެ ބޭނުން ޖެހިފައިވާ ރަށްތަކަށް އަވަސް ގޮތަކަށް އެންބިއުލާންސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށެވެ.