ޚަބަރު

ފްލޯޓިން ސިޓީ : އަތްފޯރާ އަގެއްގައި ގެތައް ލިބޭނެ


ރާއްޖޭގައި މުޅިން އަލަށް ކުރިއަށްގެންދާ ފްލޯޓިން ސިޓީގެ މަޝްރޫޢުގައި އަޅާ ގެތަކަކީ އަތްފޯރާ އަގެއްގައި ލިބޭނެ ގެތަކެއްކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ ޑަޗްޑޮކްލެންޑް ކުންފުނިން ހާމަކުރައްވައިފިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި ތަރައްގީކުރަން މަސައްކަތްކުރި ފްލޯޓިން ސިޓީގެ މަޝްރޫޢު އަލުން ލޯންޗުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގައެވެ.

ފްލޯޓިން ސިޓީގެ މަޝްރޫޢުއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ މަޝްރޫއުގެ ލޯކަލް ކޮންސަލްޓެންޓް އިބްރާހިމް ރިޔާޒް ވަނީ ފްލޯޓިން ސިޓީއަކީ ތިމާވެއްޓާއި ރައްޓެހިކޮށް ތަރައްޤީކުރާ ސިޓިއެއްކަން ފާހަގަކުރައްވާފައެވެ. އަދި އެ ސިޓީގައި އަޅާ ގެތަކަކީ ތިމާވެއްޓާ ރައްޓެހިކޮށް ހަދާ ގެތަކެއްކަމަށާއި އެއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ވަޞީލަތްތައް ބޭނުންކޮށްގެން ހަދާ ގެތަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފްލޯޓިން ސިޓީގައި ހަދާ ގެތަކުގައި ޓެރެސްއާއެކު އެންމެ އުސްކޮށް ހުންނާނީ ދެ ފަންގިފިލާގެ އިމާރާތެކެވެ. އަދި މި މަޝްރޫއުގެ ދަށުން އަޅާ 5000 ހައުސިން ޔުނިޓުތަކުގެ ސައިޒަކީ 900 އާއި 1500 އަކަފޫޓުއެވެ. މީގެ ތެރޭގައި ހިމެނެނީ މެދު ފަންތީގެ އަގުތަކުގައި ހިމެނޭ ހައުސިންގ ޔުނިޓްތަކެވެ.

ރިޔާޒް ވިދާޅުވީ މި މަޝްރޫއު ނިމޭއިރު ގެތަކުގެ އެތެރެ ޑިޒައިން ކުރުމުގެ ފުރުޞަތު އާއްމުންނަށް ލިބިގެންދާނެކަމަށާއި އަދި ސޯޝަލް ހައުސިން ގަންނަން ލިބޭ އަގުތައްކުގައި މިގެތައް ގަންނަން ލިބޭނެކަމަށެވެ. އަދި ދިގު މުއްދަތަކަށް ލޯން ދައްކައިގެން ގެތައް ގަންނަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުޞަތު ލިބިގެންދާނެކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

"މި ސިޓީ ތަރައްޤީކުރަން ހަމަޖެހިފައިވަނީ އަތޮޅުތެރޭގެ ރަށްތަކަށް ބަލައިގެން. ކޮންމެ މީހަކަށް ލިބޭ ގެތަކުގައި ބެކްޔާރޑެއް ލިބޭނެ. ސިޓީގައި ރުއްތަކާއި ގަސްތައް ފެންނަން ހުންނާނެ. މި ސިޓިގެ މަގުތަކުގައި ކާރު ދުއްވުމާއި ސައިކަލު ދުއްވުމެއް ނޯންނާނެ. ނަމަވެސް ހުސްފައިގައި ވެލީގައި ހިނގާލުމުގެ ފުރުޞަތު ލިބިގެންދާނެ. ކޮންމެ ބޭފުޅަކަށް ގޭގައި ހުރެވެސް މޫދަށް އެރެވޭގޮތަށް ސިޓީ ތަރައްޤީކުރެވޭނީ. ރަށަކަށްވުރެ މި ސިޓީ މާ ރަނގަޅުވާނެ."ފްލޯޓިން ސިޓީގެ މަޝްރޫއުގެ ލޯކަލް ކޮންސަލްޓެންޓް އިބްރާހިމް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ފްލޯޓިން ސިޓީން އާންމުނަށް ލިބެންޖެހޭ ހުރިހާ ޚިދުމަތްތަކެއް ލިބިން ހުންނާނެކަމަށެވެ. މިގޮތުން ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ އިންތިޒާމްތަކާއި ހޮސްޕިޓަލްތަކާއި ސްކޫލްތައް އަދި މިސްކިތްތައްވެސް ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރަށް ކެފޭ ރެސްޓޯރެންޓްތަކާއި ކުޅިވަރު ކުޅެވޭނެ ތަންތަނާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހުރިހާ ޚިދުމަތްތަކެއް ލިބެން ހުންނާނެކަމަށް ރިޔާޒް ވިދާޅުވިއެވެ.

މާލެއިން 10 މިނެޓުން ދެވޭގޮތަށް ހަދާ މިސިޓީން މާލެއާ ދެމެދު ދަތުރުކުރުމަށް ރަނގަޅު ފެރީ ނިޒާމެއް ހަމަޖައްސާއިރު ފެރީގެ ގޮތުގައިވެސް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އިލެކްޓްރޯނިކް އުޅަނދުތަކެކެވެ. އަދި ސިޓީގެ އެތެރޭގައި އިލެކްޓްރޯނިކް ބައެއް އުޅަނދުތައް ދުއްވުމުގެ އިންތިޒާމްތަކާއި މޫދު އުޅަނދުތައްވެސް ހުންނާނެއެވެ.

މިމަޝްރޫއުގެ ދަށުން ޔޮޓް މެރީނާ އަދި ރިސޯޓުވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން އެ ތަންތަނަށް އަންނަ ފަތުރުވެރިންނަށްވެސް އެ ސިޓީގައި ހުރުމުގެ ފުރުޞަތު ހުޅުވާލުމަށްވެސް ވަނީ ނިންމާފައެވެ.

ރާއްޖޭގައި ފްލޯޓިން ސިޓީއެއް ތަރައްޤީކުރުމަށް އެންމެ ފުރަތަމަ އެއްބަސްވުމަކަށް އައިސްފައިވަނީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އޭރު ޑަޗް ޑޮކްލޭންޑް ކުންފުންޏާއި މަސައްކަތް ހަވާލުކުރުމަށްފަހު، ކުރިއަށް ނުގޮސް އޮވެ، މިއެއްބަސްވުމުގައި ދެވަނަ ފަހަރަށް ސޮއިކުރީ 2019 ވަނަ އަހަރު މޭއިމަހުގެ ތެރޭގައެވެ. މިމަޝްރޫއު ހިންގުމަށް ދެވަނަ ފަހަރަށް ވެސް ހަވާލުކުރީ ޑަޗް ޑޮކްލޭންޑް ކުންފުންޏާއެވެ.

ބިލިޔަން ޑޮލަރުގެ ފްލޯޓިންގ ސިޓީ އަޅާއިއިރު މުޅިންވެސް ބޭނުންކުރާނީ ތިމާވެއްޓާއި ރަހުމަތްތެރި ގޮތްތަކެކެވެ. އަދި މިއީ ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫއެއެވެ. މިއީ ރާއްޖޭގެ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާ ބަދަލު ކޮށްލުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭ ފެށުމަށް ހަމަޖެހިފައިވާއިރު، މުޅި ސިޓީގެ މަސައްކަތް 7 އަހަރުދުވަހުން ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ.