ޚަބަރު

ޑާކާގެ ނޭޝަނަލް މާޓަރޒް މެމޯރިއަލް އާއި ބަންގަބަންދު މެމޯރިއަލް މިއުޒިއަމަށް ރައީސް ޒިޔާރަތްކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ބަންގްލަދޭޝް ކުރައްވާ ދަތުރުފުޅުގައި ޑާކާގެ ނޭޝަނަލް މާޓިއަރޒް މެމޯރިއަލް އާއި ބަންގަބަންދު މެމޯރިއަލް މިއުޒިއަމަށް ޒިޔާރަތްކުރައްވައިފިއެވެ.

ނޭޝަނަލް މާޓިއަރޒް މެމޯރިއަލަކީ ބަންގްލަދޭޝަށް މިނިވަންކަން ލިބިދިން އެޤައުމުގެ މިނިވަންކަމަށްޓަކައި 1971 ވަނަ އަހަރު ކުރެވުނު ހަނގުރާމައިގައި ދުނިޔެ ދޫކުރި ސިފައިންގެ ހަނދާނުގައި ގާއިމްކޮށްފައިވާ މަގުބަރާއެކެވެ. މި މަގުބަރާއަށް ކުރެއްވި ޒިޔާރަތުގައި، އެ ސިފައިންގެ ހަނދާނުގައި މާފަތި ބެއްވުމަށް ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެތަނުގައި ގަހެއް އިންދަވައިދެއްވައި، މެހްމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ބަންގަބަންދު މެމޯރިއަލް މިއުޒިއަމަށް މިއަދު ހެނދުނު ކުރެއްވި ޒިޔާރަތުގައި، މި ދާރުލްއާޡާރުގައި ހިމެނޭ ބަނގްލަދޭޝްގެ ތާރީޚާއި ގުޅޭ މުހިއްމު ތަންތަން ބައްލަވާލެއްވިއެވެ. ބަންގަބަންދު މެމޯރިއަލް މިއުޒިއަމަކީ ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރައްވާ އެޤައުމުގައި ރައީސްކަމާއި ބޮޑުވަޒީރުކަންވެސް ކުރެއްވި ބަންގަބަންދު ޝެއިޚް މުޖީބުއް-ރަޚްމާންގެ ގެކޮޅެވެ. އެ ގެކޮޅު ފަހުން ދާރުލްއާޡާރަކަށް ބަދަލުކުރެވުމާއެކު އެ މަނިކުފާނުގެ މަގުބޫލު ލަގަބުފުޅެއް ކަމަށްވާ ބަންގަބަންދުގެ ނަމުން ދާރުލްއާޡާރަށް ނަން ދެވިގެންދިޔައެވެ. މި ދާރުލްއާޡާރު ޚާއްސަކުރެވިފައިވަނީ އެ މަނިކުފާނުގެ ހަޔާތުގައި ބަންގްލަދޭޝްގެ މިނިވަންކަމަށާއި ކުރެއްވި ގިނަގުނަ ޚިދުމަތްތަކުގެ މައްޗަށެވެ.

ބަންގަބަންދު ޝެއިޚް މުޖީބުއް-ރަޚްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބަތުގައި މިރޭ ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ޚާއްޞަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގަންނަވައެވެ.