ޚަބަރު

2023 ގެ ނިޔަލަށް ހުރިހާ ޒޯނެއްގައި ހައިސްޕިޑް ފެރީގެ ޚިދުމަތް ލިބޭނެ: މިނިސްޓަރ އަސްލަމް


ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ "ހައި ސްޕީޑް ފެރީ" ނިޒާމުގެ ޚިދުމަތް 2023ގެ ނިޔަލަށް ހުރިހާ ޒޯނެއްގައި ޤާއިމްވެގެންދާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ހަ ޒޯނަކަށް ބަހާލައިގެން ފެރީގެ ޚިދުމަތް ފެށުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު މި އަހަރުގެ ނޮވެމްބަރު މަހު އުތުރުގެ ތިން އަތޮޅެއްގައި ފެރީގެ ޚިދުމަތް ފަށާނެއެވެ. އެއީ ފުރަތަމަ ޒޯންގައި ހިމެނޭ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅުގައެވެ.

ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫއާ ގުޅޭ މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރ މުޙައްމަދު އަޞްލަމް ވިދާޅުވީ މިމަޝްރޫއުގެ ދަށުން ފުރަތަމަ ޒޯންގައި ހިމެނޭ އަތޮޅުތަކުގައި މިއަހަރުގެ ނޮވެމްބަރު މަހު ފެރީގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އަންނަ އަހަރު އިތުރު ދެ ޒޯންގައި މަސައްކަތް ފަށާނެ ކަމަށާއި 2023 ވަނަ އަހަރު ނިމެންވާއިރަށް ހުރިހާ ޒޯނެއްގައި ފެރީގެ ނިޒާމް ގާއިމްކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޒޯންތަކަށް ބަހާލައިގެން މަޝްރޫއު ހިންގުމަށް ނިންމާފައި ވަނީ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ކުރަންޖެހޭނެ ކަމަކީ މިކަން ހިންގޭނެ އިތުރު ގޮތްތައް ހޯދުން ކަމަށްވާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަހަރު އެއް ޒޯނުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމީވެސް މިސަބަބަށްޓަކައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިޚިދުމަތުގައި އެމްޓީސީސީން ދެމިތިބޭނެ. މިފަހަރު ސަރުކާރުން ނިންމީ ޚިދުމަތް ދޭ ފަރާތައް ސީދާ ސަބްސިޑީޒް ދޭން. ބަޖެޓުގެ ތެރެއިން ކުރާކަމެއްގެ ގޮތުގައި ނިންމާފައިވަނީ. ސަރުކާރުން ނިންމާފައިވަނީ މި ޚިދުމަތް ޕްރައިވެޓައިޒް ކުރާނީ އިކޮނަމިކަލީ ދެކޮޅުޖެހޭ ވަރަށް މި ޚިދުމަތް ތަރައްޤީ ވަމުން ދިޔައީމަ." މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ މި ސަރުކާރުން ފަށާ ފެރީގެ ނިޒާމުގެ އަގު މިހާރު ދުއްވަމުންދާ ސްޕީޑް ފެރީތަކުގެ އަގަށްވުރެ ބޮޑުތަނުން ހެޔޮވާނެކަމަށެވެ. އެހެންނަމަވެސް ސްޕީޑް ދަށް އަދި ލަސް ފެރީތަކުގެ އަގަށްވުރެ ބޮޑުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިފެރީތަކަކީ ލަސް ފެރީތަކަށްވުރެ ރަނގަޅު ފެންވަރުގައި ބަނދެވިގެންދާނެ ފެރީތަކެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މިމަސައްކަތަކީ ސީދާ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ހިންގާ މަޝްރޫއެއް ކަމަށާއި މިކަމަށް 157 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ހައި ސްޕީޑް ފެރީ ނިޒާމު ޤާއމުކުރުމާގުޅޭ ސަރވޭގެ މަސައްކަތްތައް، ފެރީ ނިޒާމުގެ ޚިދުމަތް ޤާއިމުކުރާ ފުރަތަމަ ޒޯންގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މިސަރވޭގައި ރަށްރަށުގައި ފެރީ ޓަރމިނަލާއި ފެރީ ސްޓޮޕްތައް ހަދާނެ ސަރަޙައްދު ކަނޑައެޅުމާއި އެކަމާގުޅޭގޮތުން ބަލަންޖެހޭ ކަންކަންވަނީ ބަލާފައެވެ. އެމްޓީސީސީން ވިދާޅުވެފައިވަނީ މައި ފެރީޓަރމިނަލް ހެދުމަށް ހަމަޖެހިފައިވަނީ ގިނަ ބަޔަކު ދަތުރުކުރާ ބޮޑެތި ރަށްރަށުގައިކަމަށެވެ. އެގޮތުން 5 ރަށުގައި ފެރީ ޓަރމިނަލް ހެދުމަށްވަނީ ހަމަޖެހިފައެވެ. އެހެން ރަށްތަކުގައި ހަދާނީ ފެރީ ސްޓޮޕްތަކެކެވެ. މިއިން ކޮންމެ ތަނަކީވެސް މީހުންނަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމްތަކާއެކު ހަދާ ތަންތަނެވެ.

މި ޚިދުމަތް ޤާއިމުކުރާނީ ރާއްޖޭގެ އަތޮޅުތައް 6 ޒޯނަކަށް ބަހާލައިގެންނެވެ. ޚިދުމަތް ދިނުމުގައި 3 ރޫޓެއް ބޭނުންކުރުމަށްވެސް ވަނީ ނިންމާފައެވެ. މީގެތެރޭގައި ހިމެނެނީ ކައިރި ރަށްރަށަށްކުރާ ކުރު ދަތުރުތަކަށް ކޮމިއުޓަރ ލިންކާއި ޚާއްސަ ޙާލަތްތަކުގައި ދުރު ރަށްރަށަށް ބާއްވާ ނޮންކޮމިއުޓަރ ލިންކާއި އެއްޒޯނުން އަނެއް ޒޯނަށް ދަތުރުކުރާ ހައިވޭ ލިންކެވެ.

އެމްޓީސީސީން މިހާރުވަނީ ދަތުރުތަކަށް ބޭނުންކުރާ އުޅަނދުތައް ތައްޔާރުކުރާނެ ބަޔަކު ހޯދުމަށްވެސް ހުޅުވާލާފައެވެ. މި ހައިސްޕީޑް ފެރީތައް ފަރުމާކުރަނީ މީހުން އުފުލުމަށް ފަސޭހަ، ޖާގަ ތަނަވަސް ފެރީތަކެއްގެ ގޮތުގައިއެވެ. އެމްޓީސީސީންވަނީ މީގެ 17ފެރީ ހޯދުމަށް އިޢުލާންކޮށްފައެވެ.