ވިޔަފާރި

ގެސްޓްހައުސް ވިޔަފާރިއަށް އިތުރު ލުޔެއް، ދިވެހިންނާއި އެކު ބޭރުމީހުންނަށް ބައިވެރިވެވޭނެ


ގެސްޓުހައުސްތަކުގެ ވިޔަފާރީގައި ބޭރުގެ އިންވެސްޓަރުންނަށް ބައިވެރިވެވޭގޮތަށް ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ޤަވާއިދު އިސްލާޙްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިހާރުވަނީ މި އިސްލާޙް ގެޒެޓްކޮށްފައެވެ.

މި ގަވާއިދުގެ ދަށުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރެވޭނީ، ދިވެހި ރައްޔިތުންނަށާއި، ޕާރޓްނަރޝިޕްގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕާޓްނަރޝިޕްތަކަށާއި، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކުންފުނިތަކަށް ކަމަށްވަނީ ކަނޑައަޅާފައެވެ. އެގޮތުން، ރާއްޖެއިން ބޭރުގެ ފަރާތްތަކުން ހިއްސާވާ ކުންފުނިތަކަށާއި ޕާޓްނަރޝިޕްތަކަށް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދެވޭނީ، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގައި ކަނޑައަޅާފައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިންނާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެކަމަށް އެ ޕޮލިސީގައި ކަނޑައަޅާފައިވާ މިންގަނޑަށްވުރެ އިތުރުނުވާ ގޮތުގެ މަތިންކަމަށް މި ޤަވާއިދުގައިވެއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މަޢުސޫމް ވިދާޅުވީ މި ބަދަލަކީ ލޯކަލް ޓޫރިޒަމް ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ކުރިއެރުވުމަށް ގެނެސްފައިވާ ބަދަލެއް ކަމަށެވެ.

"އިންވެސްޓަރުން ވަރަށް ނާދޭ ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓު ނުކުރެވޭތީ، އެކަމަކު މިހާރު މިގެންނަނީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކާމިޔާބުވެފައިއިން މޮޑެލްއެއް، މެޖޯރިޓީ ހިއްސާ ދިވެހިންނަށް އޮވެފައި މައިިނޯރިޓީ ހިއްސާ ބޭރު މީހުންނަށް އޮވެވޭގޮތަށް ކުދި ހޮޓާތަކުގެ ވިޔަފާރީގައިވެސް ބައިވެރިވެވޭގޮތަށް،" މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ މި ބަދަލާއެކު އިންވެސްޓުކުރާ ފަރާތްތައް އިތުރުވެ، ވިޔަފާރިތަކަށް ވަންނަން ބޭނުންވާ ދިވެހިންނަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ޤަބޫލްފުޅުކުރައްވާ ކަމަށެވެ. މީގެކުރިން ރާއްޖޭގައި ގެސްޓުހައުސް ހިންގުމުގެ ހުއްދަ ދޫކުރަނީ ހަމައެކަނި ދިވެހިންނަށެވެ. އަދި ގެސްޓްހައުސް ވިޔަފާރިތައް ރަޖިސްޓްރީވެސް ކުރެވެނީ 100 އިންސައްތަ ދިވެހިން ހިއްސާވާ ގޮތަށެވެ.