ޚަބަރު

ސިއްރުކަން ގެއްލޭތީ 8،000 މީހުން އަލުން ރީ-ރަޖިސްޓްރީކުރަނީ


އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް 8،000 މީހުން ރީ-ރަޖިސްޓްރީކޮށްފައި ވާތީ، ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އެ މީހުންނަށް އަލުން ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރީރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވީ މިމަހުގެ 11 ވަނަ ދުވަހުއެވެ. މުއްދަތު ހަމަވިއިރު އެ ކޮމިޝަނަށް 26،750 ފޯމް ވަނީ ހުށަހަޅާފައެވެ.

އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމްތަކާއި ގުޅިގެން ޝަރީފް ވިދާޅުވީ ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތައް 8،000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ކޮށްފައިވާކަމަށެވެ. އެމީހުންނަށް ވޯޓަށް ރަޖިސްޓްރީ ވުމަށްޓަކައި އަލުން މިހަފްތާގައި ހުޅުވާލުމަށް ހަމަޖެހިފަިއވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 273128 އެވެ.

މި އިންތިޚާބުގައި ޖުމްލަ 3934 ކެނޑިޑޭޓުން ވާދަކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.

ކައުންސިލް އިންތިޚާބަށް ކުރިމަތިލީ ބައެއް ކެނޑިޑޭޓުންނަން ނެގުމާއި އިންތިޚާބު ކުރަންޖެހޭ އަދަދަށް ވުރެ އިތުރަށް ކެނޑިޑޭޓުން ކުރިމަތިލާފައި ނުވުމުން ކައުންސިލްތަކުގެ 22 މަގާމަކަށް 30 މެމްބަރުންނަށް ވޯޓަކާއި ނުލާ ގޮނޑިވަނީ ކަށަވަރުވެފައެވެ. އޭގެތެރޭގައި 21 ގޮނޑި ވެރިކަންކުރާ އެމްޑީޕީއަށް ލިބުނުއިރު އަނެއް ގޮނޑިތައް ކަށަވަރުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުންނެވެ.